ލޯންޗު ހާދިސާގައި ޒަޚަމްވި އެކެއްގެ އަތްބުރިވި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މިހާދިސާ ހިނގީ އާދަޔާ ޚިލާފު ބާރު ސްޕީޑެއްގައި ދުއްވި މި ލޯންޗު ބާންޏެއްގައި ޖެހިގެން ކަމަށް ބެލެވޭ --- ފޮޓޯ: ރައްޔިތުންގެ ނޫސް
ބުރާސްފަތި ދުވަހުގެ ރޭ ވ. ފެލިދޫ ކައިރިން ރޭސިންގ ލޯންޗެއް ފުރޮޅާލި ހާދިސާގައި ހިމެނޭ އެކަކަށް ލިބުނު އަނިޔާތަކުގެ ސަބަބުން އޭނާގެ އަތް ބުރިވިކަން އެނގިއްޖެއެވެ.
އިންޑިއާގެ ނޫހެއްކަމަށްވާ "ޓައިމްސް އޮފް އިންޑިއާ"އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ލިބުނު އަނިޔާތަކުގެ ސަބަބުން އަތް ބުރިކޮށްލަންޖެހުނު މީހާއަކީ، އެލޯންޗުގައި އިން ބެންގަލޫރަށް ނިސްބަތްވާ މަނިކް ބިމްސެން ބަރްދްވާޖްއެވެ. އެހެން ނަމަވެސް ރައްޔިތުންގެ ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓާއި އެކުގައި އޭނާގެ އަތް ބުރިވިއެވެ. އަދި އެންމެ ފުރަތަމަ ވ. އަތޮޅު ހޮސްޕިޓަލަށް އޭނާ ފަރުވާއަށް ގެނައި އިރުވެސް އޭނާގެ އަތުން ބުރިވެގެން ދިޔަބައި ފެނިފައެއް ނުވެއެވ.ެ
އޭނާއަކީ، ރޭސްޓެކް މޮޓޯސްޕޯޓްސް އެލްއެލްޕީގެ ޑިރެކްޓަރެކެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ލޯންޗު އެކްސިޑެންޓް ހިނގިއިރު އޭގައި 7 މީހުން ތިބިކަމަށް ފަހުން މައުލޫމާތު ލިބިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އިނގިރޭސި ވިލާތު އަންހެނަކާއި ރަޝިޔާ އަންހެނަކާއި އިންޑިއާގެ 5 ފިރިހެނުންނެވެ.
ބާރު ސްޕީޑުގައި ދުއްވި ލޯންޗުން ވިއްސައިގެން ގޮސް ކަނޑަށް ވެއްޓުނީ ރަޝިޔާ އަންހެންމީހާ އާއި އިންޑިއާގެ 4 ފިރިހެނުންނެވެ. އެމީހުންގެ ތެރެއިން ނުފެންނަނީ އިންޑިއާގެ ދެފިރިހެނުންނެވެ.
މި ހާދިސާގައި ގެއްލުނު ދެ މީހުން ފެނުމުގެ ކުރިން ލޯންޗުގައި ދުއްވަން އިން ކަމަށް މައުލޫމާތު ލިބިފައިވާ އިންޑިއާގެ ބިލިއަނަރު ގޯތަމް ސިންގްހާނިއާ ވަނީ ރާއްޖެއިން ފުރާފައެވެ. ގޯތަމް އަށް ވެސް ވަނީ ހަށިގަނޑުގެ ހަ ތަނަކަށް ސީރިއަސް ނޫން އަނިޔާ ލިބިފައެވެ.
ޓައިމްސް އޮފް އިންޑީއާއިން ވަނީ ގޯތަމްގެ ތަރުޖަމާނާ ހަވާލާދީ އޭނާގެ ހާލު މިހާރު ރަނގަޅުކަމަށް ބުނެފައެވެ. އަދި މުމްބާއީގައި އޭނާއަށް ފަރުވާދެމުން އަންނަ ކަމަށް ހާމަކޮށްފައެވެ.
މިހާދިސާ ހިނގީ އާދަޔާ ޚިލާފަށް ބާރު ސްޕީޑުގައި ދުއްވި އެ ލޯންޗު ބާންޏެއްގައި ޖެހި އޭގައި ތިބި ބައެއް މީހުން ވިއްސައިގެން ގޮސް ކަނޑަށް ވެއްޓިގެން ކަމުގައި ވަނީ ބެލެވިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް