ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް ކުރިޔަށް ގެންދާ ގޮތަށް ބަދަލުތަކެއް ގެނެސްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
37 ވަނަ ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގެ ތެރެއިން -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް ކުރިޔަށް ގެންދާ ގޮތަށް ބަދަލުތަކެއް ގެނެސް އައު ޤަވާއިދު އާއްމުކޮށްފިއެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހާމަކުރައްވާފައިވާ ގޮތުގައި އަލަށް ގެނައި ބަދަލުތަކުގެ ތެރޭގައި ހިމެނެނީ މުބާރާތް ތިން ބުރަަކަށް ބަހާލައިގެން ކުރިޔަށް ގެންދިޔުމެވެ. މިގޮތުން، އެއީ އޮޑިޝަން ބުރަކާއި، ސެމީ ފައިނަލް ބުރެއްގެ އިތުރުން ފައިނަލް ބުރެއް ކުރިޔަށް ގެންދާ ގޮތަށް އައު ޤަވާއިދުގައި ވަނީ ހިމަނާފައެވެ.
އައު ޤަވާއިދުގައިވާ ގޮތުން، މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލާ މުއްދަތުގެ ތެރޭގައި ފޯމު ހުށަހަޅާ ފަރާތްތަކުގެ މެދުގައި އެންމެ ފުރަތަމަ ބާއްވާނީ އޮޑިޝަން ބުރެކެވެ. މި އޮޑިޝަން ބުރު ކުރިއަށް ދާނީ އަތޮޅު ތެރޭގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ކަނޑައަޅާ ރަށްތަކުގައާއި މާލޭގައެވެ.
އޮޑިޝަން ބުރަށްފަހު މާލޭގައި ސެމީ ފައިނަލް ބުރު ބޭއްވުމަށް ހަމަޖެހިފައިވާއިރު މުބާރާތުގެ ސެމީ ފައިނަލް ބުރަށް ދާނީ، އޮޑިޝަނުން ކޮންމެ ކެޓަގަރީއަކުން، %80 (އަށްޑިހަ އިންސައްތަ) އިން މަތިން ހޯދާ ބައިވެރިންގެ ތެރެއިން، އެންމެ މަތިން މާކުސް ލިބޭ 500 (ފަސްސަތޭކަ) ބައިވެރިން ކަމުގައިވެސް ޤަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. މީގެ އިތުރުން، މުބާރާތުގެ ފައިނަލް ބުރަށް ދާނީ، ސެމީ ފައިނަލްގެ ކޮންމެ ކެޓަގަރީއަކުން، %85 (އަށްޑިހަ ފަހެއް އިންސައްތަ) އިން މަތިން މާކުސް ހޯދާ ބައިވެރިންގެ ތެރެއިން، އެންމެ މަތިން މާކުސް ލިބޭ 150 (ސަތޭކަ ފަންސާސް) ބައިވެރިން ކަމަށްވެސް ޤަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
ގަވައިދަށް އަލަށްގެނައި ބަދަލާއެކު މުބާރާތުގެ ސެމީ ފައިނަލް ބުރާއި ފައިނަލް ބުރުގެ ތިން ބައިގެ ކިޔެވުމަށް އިންސާފު ކުރުމަށް ކަނޑައަޅާ ފަނޑިޔާރުންގެ 2 ފެނަލްގައިވެސް މަދުވެގެން ބައިނަލްއަޤުވާމީ ފެންވަރުގެ 1 ފަޑިޔާރަކު ހިމަނާނެއެވެ.
މި މުބާރާތުގެ ފައިނަލްގައި ވާދަކުރާ ބައިވެރިންގެ ތެރެއިން ކޮންމެ ޢުމުރުފުރާއަކުންވެސް ބަލައިގެން އަދި ނުބަލައި ކިޔެވުމުގެ ބައިން 1ވަނަ، 2ވަނަ އަދި 3ވަނަ ބައިވެރިޔާ ހޮވާނެއެވެ. އަދި މުޅި މުބާރާތުން ބަލައިގެން އަދި ނުބަލައި ކިޔެވުމުގެ ބައިންނާއި ޙާފިޡުންގެބައިން 1ވަނަ، 2ވަނަ އަދި 3ވަނަ ބައިވެރިޔާ ހޮވާނެއެވެ. އަދި މީގެ އިތުރުން މުޅި މުބާރާތުން ބަލައިގެން އަދި ނުބަލައި ކިޔެވުމުގެ ބައިންނާއި ޙާފިޡުންގެބައިން 1ވަނަ ބައިވެރިޔާއަށް ރައީސުލް ޖުމްހޫރިއްޔާގެ ޚާއްޞަ އިނާމު ދިނުމަށް ހަމަޖެހިފައިވެއެވެ.
މިއަހަރުގެ މުބާރާތް ބާއްވާ ތާރީޚު ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުން އިޢުލާންކުރުމަށް ހަމަޖެހިފައިވާއިރު، މީލާދީގޮތުން ޢުމުރުން 26 އަހަރު ނުފުރޭ (މުބާރާތުގައި ބައިވެރިވުމުގެ ޝަރުޠުތައް ހަމަވާ) ކޮންމެ ދިވެހި ރައްޔިތަކަށް ބައިވެރިވުމުގެ ހަމަހަމަ ފުރުސަތު އޮންނާނެއެވެ. މުބާރާތުގައި ބައިވެރިވެވޭނީ ފަރުދީގޮތުންނެވެ.
މުބާރާތުގެ ޤަވާއިދަށް މި ބަދަލުތައް ގެނެވިފައިވަނީ، ވީހާވެސް ގިނަ ބަޔަކަށް ހަމަހަމަކަމާއެކު ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމާއެކު މުބާރާތުގެ ވާދަވެރިކަން އިތުރުކުރެވޭނެ ގޮތްތައް ބަލައި، މުބާރާތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމުގެ މަޤްސަދުގައިކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވަނީ ހާމަކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް