Post banner
ރާއްޖެ

ކޭވްއަށް ޑައިވްކުރުމުގެ ޤާބިލިއްޔަތު ސިފައިންގެ ނެތްކަން ރައީސަކަށް އެނގިވަޑައެއް ނުގަންނަވާ: ތަރުޖަމާނު

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ކޭވްއަށް ޑައިވްކުރުމުގެ ޤާބިލިއްޔަތު ސިފައިންގެ ނެތްކަން ރައީސަކަށް އެނގިވަޑައެއް ނުގަންނަވާ: ތަރުޖަމާނު

އޮޕަރޭޝަން ހިނގަމުން ދިޔަ ސަރަހައްދަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޒިޔާރަތުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ކޭވްތަކަށް ޑައިވްކުރުމާއި، 50 މީޓަރަށް ވުރެ ފުނަށް ފީނުމަށް ސިފައިން ތަމްރީންވެފައި ނެތްކަން، ސިފައިންނާއި ފުލުހުންގެ އެންމެ އިސްވެރިޔާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އެނގިވަޑައި ނުގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، އިއްޔެ ޓެލެވިޜަން މޯލްޑިވްސްގައި ބޭއްވި، ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މަހުދީ ނިޔާވި، ހާދިސާ އާއި ގުޅިގެން ސަރުކާރަށާއި އެމްއެންޑީއެފަށް ފާޑު ކިޔުންތައް އަމާޒުވެފައިވަނީ، އެފަދަ އޮޕަރޭޝަނެއް ހިންގުމުގެ ތަމްރީނާއި ތަޖުރިބާ އާއި ވަޞީލަތްތަކާއި ޤާބިލްކަން ނެތި، ސިފައިން ނުރައްކަލަށް ހުށައަޅައިގެން ހިންގި އޮޕަރޭޝަނަކަށް އެ އޮޕަރޭޝަން ވުމުންނެވެ. އަދި އެހާދިސާގައި މަހުދީ ނިޔާވި އިރު، އެފަދަ އޮޕަރޭޝަންތަކުގައި ހިފަހައްޓަންޖެހޭ ސަލާމަތީ މިންގަނޑުތައް ހިފަހައްޓާފައި ނުވާކަންވެސް ފާހަގަކުރެވިފައިއެވެ.

މަހުދީގެ މަރާއި ގުޅިގެން އެމްއެންޑީއެފާއި ސަރުކާރުން އެކަމުގެ ޒިންމާ އުފުލަންޖެހޭކަމުގައި އާއްމު ފަރާތްތަކުން ބުނަމުންދާއިރު، އެކަމުން ބަރީއަވުމުގެ ބަހަނާއެއްގެ ގޮތުގައި، މުންދު ވިދާޅުވީ، ސިފައިންގެ ކިބައިގައި އެ އޮޕަރޭޝަން ހިންގުމުގެ ޤާބިލްކަމާއި ވަޞީލަތްތައް ނެތްކަން ރައީސުލްޖުމްހޫރިއްޔާއަށް އެނގިވަޑައިގެންފައި ނުވާކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އެ އޮޕަރޭޝަން ހިނގަމުން ދިޔަ ސަރަހައްދަށް ވަޑައިގެންނެވި ނަމަވެސް، އެމްއެންޑީއެފުން އެފަދަ ވާހަކައެއް ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައި ނުވާކަމުގައި މުންދު ވިދާޅުވިއެވެ.

މުންދު ވިދާޅުވީ، ސިފައިންގެ ޑައިވަރުންގެ ފުރާނަ ނުރައްކަލަށް ހުށައަޅައިގެން އެ އޮޕަރޭޝަން ހިންގެވުމަށް އަމުރު ކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ ނޫންކަމަށެވެ. ޤާނޫނުތަކުން ސިފައިންނަށް އަމުރުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންފައިވީ ނަމަވެސް އެފަދަ އޮޕަރޭޝަންގައި ކަންކަން ކުރާނެ ގޮތްތައް ނިންމާނީ، އެ އޮޕަރޭޝަނެއް ކުރިޔަށް ގެންދިޔުމަށް ހަވާލުވެ ހުންނެވި ކޮމާންޑަރެއް ކަމުގައިވެސް މުންދު ވަނީ ވިދާޅުވެފައެވެ.

ހޮހަޅައިގައި ތާށިވި ޑައިވަރުންގެ ހަށިތައް ނަގާފައި ވަނީ، "ޑޭން"ގެ ތަޖުރިބާކާރު ޑައިވަރުންގެ ޓީމުންނެވެ. އެޓީމުންވެސް އެ އޮޕަރޭޝަން ނިންމާލުމަށްފަހުގައި ވަނީ، އެކަށީގެންވާ ތަމްރީނާއި ވަޞީލަތްތައް ނެތި، އެ ކޭވްއަށް ޑައިވްކުރުމަކީ، ވަރަށް ބޮޑު ނުރައްކަލެއްކަންވެސް ފާހަގަކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް