Post banner
ރިޕޯޓް

ހިރިމަރަދޫއިން މީހުން ބަދަލުކުރުން: ސިޔާސީ ބޭނުމަކަށް ނިންމި ނިންމުމެއްތަ؟

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހިރިމަރަދޫއިން މީހުން ބަދަލުކުރުން: ސިޔާސީ ބޭނުމަކަށް ނިންމި ނިންމުމެއްތަ؟

ހިރިމަރަދޫ ކައުންސިލް އިދާރާ ހިންގި އިމާރާތް.

ރާއްޖޭގެ އެއްރަށުން އަނެއްރަށަށް މީހުން ބަދަލުކުރުމުގެ މަޝްރޫއުތައް ސަރުކާރުތަކުން ހިންގަނީ އަލަކަށް ނޫނެވެ. އެއް އަތޮޅަކަށް ބަލާއިރު، ރަށެއްގެ އާބާދީ އެހެން ރަށަކަށް ހިޖުރަކުރުމުގެ މަޝްރޫޢުތައް އެންމެ ގިނައިން ހިންގާފައި ވަނީ، އުތުރުގެ އަތޮޅުތަކުގައެވެ. މިގޮތުން، ބޮޑުތިލަދުންމަތީގެ ވަރަށް ގިނަ ރަށްރަށް ފަޅުކުރެވި އެރަށްރަށުގެ އާބާދީ އެކީއެކަށް އެހެން ރަށްރަށަށް ހިޖުރަކޮށްފައި ވެއެވެ.

ހދ. އަތޮޅުގެ ރަށްރަށުގެ ތެރެއިން އެންމެ ފަހުން، އެހެން ރަށަކަށް މީހުން ބަދަލު ކުރުމަށް ސަރުކާރުން ނިންމި ރަށަކީ، ހދ. ހިރިމަރަދޫއެވެ. ހދ. ހިރިމަރަދޫ މީހުން، އެއަތޮޅު ހަނިމާދޫއަށް ބަދަލުކުރެއްވުމަށް ނިންމެވިކަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް އިޢުލާނު ކުރެއްވީ، 30 ޑިސެމްބަރު 2025 ގައި އެމަނިކުފާނު ނެރުއްވި ޤަރާރުގައެވެ. އަދި ހަމަ އެދުވަހު ވަނީ، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ ލިސްޓުން ހިރިމަދޫ އުނިކުރައްވައި، ހިރިމަރަދޫ ރައްޔިތުންގެ އިދާރީ ދާއިރާއަކީ، ހަނިމާދޫ ދާއިރާކަމުގައިވެސް ހަމަޖައްސާފައެވެ. އެއާއެކު ލޯކަލް ކައުންސިލް އިންތިޚާބުގައި، ހިރިމަރަދޫ ރައްޔިތުން ވޯޓުލާން ޖެހުނީ، ހަނިމާދޫ ކައުންސިލަށް މެމްބަރުން ހޮވުމަށެވެ. އަދި ހިރިމަރަދޫ ކައުންސިލް އުވިގެން ދިޔައެވެ.

Uploaded image

ރާއްޖޭގައި ހިންގުނު އާބާދީ އާއި ތަރައްޤީ އެއްފަސްކުރުމުގެ މަޝްރޫޢުތަކަށް ބަލާއިރު، ރަށެއްގެ މީހުން އެމީހުންގެ ރަށުގައި ބައިތިއްބާފައި، އެމީހުންނަކީ އެހެން ރަށެއްގެ ބައެއް ކަމުގައި ހަމަޖައްސާފައެއް ނުވެއެވެ. އަދި އާބާދީއާ ތަރައްޤީ އެއްފަސްކުރުމުގެ މަޝްރޫޢުތަކުގެ ތެރެއިން، މީހުން ދިރިއުޅެމުން އައިރަށެއް ފަޅުރަށެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ، އެރަށެއްގެ މީހުން ބަދަލުވާ ރަށެއްގައި، ހިޖުރަ ކުރާ އާއިލާތަކަށް ގެދޮރު އަޅައިދީ ވަސީލަތްތައް ޤާއިމްކޮށްދީ ނިންމުމަށްފަހުގައެވެ. އެހެން ނަމަވެސް މިފަހަރު، ހިރިމަރަދޫ ރައްޔިތުންނަށް ދިމާވީ އެހެން ގޮތެކެވެ. ބޯހިޔާވަހިކަމާއި އަސާސީ ވަސީލަތްތައް ޤާއިމު ކުރުމުގެ މަޝްރޫޢުތައް އަދި ނުވެސް ފެށެނީސް ކައުންސިލް އުވި، މީހުން ދިރިއުޅެމުން ދިޔަ ރަށް އިދާރީގޮތުން ފަޅު ރަށަކަށް ވީއެވެ.

ސަރުކާރުން، ހދ. ހިރިމަރަދޫ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ ލިސްޓުން އުނި ކުރެއްވި ނަމަވެސް، އެރަށަކީ، ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅައި އިޢުލާނެއް ނުކުރެއެވެ. ހިރިމަރަދޫއަކީ ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅުއްވާނީ، ހަނިމާދޫގައި ހިރިމަރަދޫ މީހުންނަށް ގެދޮރު އެޅި މީހުން ރަށުން ފައިބައިގެންދެވުނު ދުވަހަކުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ޤަރާރުގައި ބަޔާންކޮށްފައި ވެއެވެ. އެހެންކަމުން އެޤަރާރުން ނުކުތް ނަތީޖާއަކީ، ހިރިމަރަދޫ ކައުންސިލް އުވި، ހަނިމާދޫ ކައުންސިލް ހޮވުމަށް ލޯކަލް ކައުންސިލް އިންތިޚާބުގައި ހިރިމަރަދޫ ރައްޔިތުން ވޯޓުލާން ޖެހުމެވެ. އެހެންވެ ހިރިމަރަދޫ ރައްޔިތުން ހަނިމާދޫގެ ރަޖިސްޓްރީއަށް ބަދަލުކުރުމުގެ ބޭނުމަކީ، އޭގެ ފަހަތުގައި ސަރުކާރުން ސިޔާސީ މަންފާއެއް ހާސިލްކުރުން ކަމުގައި ހިރި މަރަދޫގެ ބައެއް މީހުން ދެކެއެވެ.

"ހަނިމާދޫއަކީ، އެމްޑީޕީ މެޖޯރިޓީ އޮންނަ ކައުންސިލަކަށް ވަނީ، ހިރިމަރަދޫއަކީ، މެޖޯރިޓީ ޕީއެންސީއަށް ސަޕޯޓްއޮތް ރަށަކަށްވާތީ، ސަރުކާރުން ނެރެން ބޭނުންވި ނަތީޖާއަކީ، ހިރިމަރަދޫ މީހުން ހަނިމާދޫގެ ރަޖިސްޓްރީއަށް ބަދަލުކޮށް، ހަނިމާދޫ ކައުންސިލް ޕީއެންސީއަށް ހޯދުން. އެކަމަކު، ކައުންސިލް އިންތިޚާބުގައި ސަރުކާރަށް އެނަތީޖާއެއް ހާސިލެއް ނުވި." ހިރިމަރަދޫގެ ޒުވާނަކު ކިޔައިދިނެވެ.

ހދ. އަތޮޅާއި ހއ. އަތޮޅުގެ އެހެން ރަށްރަށުގެ މީހުން، ހދ. ހަނިމާދޫއަށް ހިޖުރަކުރީ އެރަށުގައި އެމީހުންނަށް ގެދޮރު އަޅައި ނިމިގެންނެވެ. ރަށުން ފައިބައިގެން ދިޔައިރު، ހަތިފުށީ މީހުންނާއި، ހޮޑައިދޫ މީހުންނަށް އެމީހުންނަށް ދިރިއުޅެވޭނެ ތަންތަން ހަނިމާދޫއިން ލިބުނެވެ. ހޮޑައިދޫ މީހުން ހަނިމާދޫއަށް ބަދަލުކުރީ ގެތައް އަޅާފައެވެ. ހަތިފުށީ މީހުން ހަނިމާދޫގައި ގެ އެޅެންދެން ތިބެވޭނެ އިންތިޒާމްތައް އޭރުގެ ސަރުކާރުން ހަމަޖައްސައިދިނެވެ. އެހެންކަމުން ހިޖުރަކުރުމުގެ އުއްމީދުގައި ތިބެ، ހިރިމަރަދޫގައި ދަތި ދިރިއުޅުމެއް ވޭތުކުރަމުން އައި މީހުންނަށް، އެރަށުގެ މީހުން ހަނިމާދޫއަށް ބަދަލުކުރުމަށް ނިންމި ނިންމުންވީ އުފާވެރި ނިންމުމަކަށެވެ. އެކަން ފާހަގަކުރަން ރައްޔިތުންކީ ލަވަތަކާއި، ސަރުކާރަށް ދެންނެވި ޝުކުރުގެ ޖިޒީގެ އިބާރާތްތައް މިއަދުވެސް ސަރުކާރުގެ މީޑިއާތަކުގެ ޕްލެޓްފޯމްތަކުން އެހުރީ ފެންނާށެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭން ހިނގަމުން ދިޔައިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، 24 އޮގަސްޓް 2025ގައި ހިރިމަރަދޫއަށް ވަޑައިގެން ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދެއްކެވިއެވެ. އެދުވަހު ރައީސުލްޖުމްހޫރިއްޔާ ހިރިމަރަދޫ ރައްޔިތުންނަށް ދެއްވި އުއްމީދަކީ، 18 މަސް ދުވަހުގެ ތެރޭގައި، ހަނިމާދޫގައި، ހިރިމަރަދޫ މީހުންނަށް ގެއަޅުއްވައި ނިންމަވައި ދެއްވާނެ ކަމަށެވެ.

"މި މަޝްރޫޢުގެ ދަށުން ހިންގާ މަޝްރޫޢުގެ ޢަމަލީ މަސައްކަތުގެ ފިޒިކަލް ކޮންސްޓްރަކްޝަން ވަރކް ދާދިއަވަހަށް ހަނިމާދޫގައި ފެށިގެންދާނެ. ފެށި، އެ ހުރިހާ ގެތައް އަޅައި ނިންމައި، އިންފްރާސްޓްރަކްޗަރ މަސައްކަތް ވަރަށް ބާރު ސްޕީޑްގައި ކުރިއަށްގެންގޮސް، އެންމެ ގިނަވެގެން 18 މަސްދުވަހުގެ ތެރޭގައި އަޅުގަނޑުމެން ނިންމައި ހަވާލުކުރާނަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެދުވަހު އެޗްޑީސީއާ އެމަސައްކަތް ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރީ ރައްޔިތުންގެ ކުރިމަތީގައެވެ. އަދި 18 މަސްދުވަހުގެ ތެރޭގައި ގެދޮރުއެޅުމުގެ މަސައްކަތް ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ތަކުރާރުކޮށް ވިދާޅުވިއެވެ. އެޗްޑީސީއާ މަޝްރޫޢު ހަވާލުކުރެވުނުތާ އަދި ރައީސުލްޖުމްހޫރިއްޔާ ހިރިމަރަދޫ ރައްޔިތުންނަށް އެވަޢުދުފުޅުވިތާ މިއަންނަ ހޯމަ ދުވަހަށް ބަރާބަރު 1 އަހަރު ފުރޭއިރު، ހަނިމާދޫގައި، ހިރިމަރަދޫ މީހުންނަށް ގެއެޅުމުގެ އެއްވެސް މަސައްކަތެއް ނުހިނގައެވެ. ހަމައެކަނި އެޗްޑީސީންކޮށްފައިވާ މަސައްކަތަކީ، ގެތައް އެޅުމަށް ހަނިމާދޫ ކައުންސިލުން ކަނޑައަޅައި ދޫކޮށްފައިވާ ބިމުގައި ހަމައެކަނި ފެންސެއް ޖެހުމެވެ.

Uploaded image

ހަނިމާދޫ މީހުންނަށް ހިރިމަރަދޫގައި 18 މަސްދުވަހުގެ ތެރޭގައި ގެދޮރުއަޅައިދީ ނިމޭނެކަމަށް ސަރުކާރުން ވީވަޢުދުތައް އެމުއްދަތުގެ ތެރޭގައި ޙާސިލް ނުކުރެވޭނެކަން ހިރިމަރަދޫ ރައްޔިތުންނަށް މިހާރު ޔަޤީންކޮށް އެނގެއެވެ. ސަރުކާރަށް ކުރިތާއީދާއި އިތުބާރު ގެއްލި ރައްޔިތުން އެންމެ ބޮޑަށް މާޔޫސްވަމުންދާ ސަބަބެއްގެ ގޮތުގައި ރަށުގެ ރައްޔިތުން ފާހަގަކޮށްފައި ވަނީ، މަޝްރޫޢަށް ވާނުވާއެއް ނޭނގުމެވެ. ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދޭނެ ފަރާތެއް ނެތުމެވެ. ހިރިމަރަދޫ ޒުވާނުން، ހަނިމާދޫ ކައުންސިލަށާއި ސަރުކާރުގެ އިދާރާތަކަށް ތަކުރާރުކޮށް ކުރާ ސުވާލުތަކަށް ޖަވާބެއް ނުލިބެއެވެ.

ހިރިމަރަދޫގެ ރައްޔިތުންނަށް ހިރިމަރަދޫގައި ޚިދުމަތްދޭނެ ކައުންސިލެއް ކުރިން އޮތެވެ. ރައްޔިތުންގެ ޝަކުވާތައް ހިފައިގެން ދާނެ މުއައްސަސާތައް ހުއްޓެވެ. އެކަމަކު މިއަދު ރައްޔިތުން ރަށުގައި ތިބެ، މީހުން ދިރިނޫޅޭ ރަށަކަށްވެ ކުރިން ލިބެމުން އައި ޚިދުމަތްތަކުންވެސް ހިރިމަރަދޫގެ ރައްޔިތުން ޖެހުނީ މަހުރޫމްވާށެވެ. މިއީ ނިޒާމީ ގޮތެއްގައި ސިޔާސީ ބޭނުމަށް ރަށެއްގެ ރައްޔިތުންނަށް ދެވޭ ނުހައްޤު އަނިޔާއެއްކަން އެރަށުގެ ބައެއް ރައްޔިތުން ޤަބޫލުކުރެއެވެ.

Uploaded image

ރަށެއް ފަޅުކުރަންވާނީ، ނުވަތަ އެރަށެއްގެ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރަން ކުރާ މަސައްކަތް ވާންވާނީ ޒިންމާދާރު އަދި ޖަވާބުދާރީވަނިވި ގޮތުގައި ކުރެވޭ މަސައްކަތަކަށެވެ. މީގެ ކުރިންވެސް ތަރައްޤީގެ އެފަދަ މަޝްރޫޢުތައް ހިންގިފައިވާ ފަދައިންނެވެ.

ހިރިމަރަދޫ ރައްޔިތުންގެ ތިބީ، ހަނިމާދޫގައި އެމީހުންނަށް ގެތައް އަޅައި ނިމޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. ރާއްޖެއަށް ކުރިމަތި ވަމުން އަންނަ އިޤުތިޞާދީ ދަތިކަމާއި، މަޝްރޫޢު ހަވާލުކޮށްފައިވާ ކުންފުންޏަށް އޮތް ގޮންޖެހުންތަކާއި އެކު، ގެތައް އެޅުމުގެ މަޝްރޫއުގެ ޢަމަލީ މަސައްކަތް ފެށުމަށް އެންމެ ގާބުރިއެއްވެސް ނުބޭއްވޭއިރު، އެމަސައްކަތް ނިމޭނެ ދުވަހެއްވެސް ހިރިމަރަދޫ ރައްޔިތުންނަށްވެސް ތަޞައްވަރު ކޮށްލާކަންވެސް ނޭނގެއެވެ. އެހެން ކަމުން، މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ހިރިމަރަދޫ ހަމަޖައްސައި، އަދި ފަޅު ރަށެއްގެ ގޮތުގައި ހިރިމަރަދޫ ކަނޑައަޅުއްވާފައި ނުވާއިރު، މިވާނުވާގެ ތެރޭގައި، ހިރިމަރަދޫ ރައްޔިތުން ވޭތު ކުރަންޖެހޭނީ ކިތައް އަހަރުކަމެއް ޚުދު ރައްޔިތުންނަށްވެސް ނޭނގެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް