އޮޅިގެން އެހެން މީހަކާއި ހަވާލުކުރި ލައްކައެއްހާ ރުފިޔާ ފުލުހުން ހޯދައިދީފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ފުލުހުންގެ އިދާރާ --
ހަވާލުކުރަން ބޭނުންވި ފަރާތްނޫން އެހެން ފަރާތަކަށް އޮޅިގެން ހަވާލުކުރެވުނު ލައްކައެއްހައި ރުފިޔާ ފުލުހުން ހޯދައިދީފިއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ދ. އަތޮޅުގައި ތަރައްގީކުރާ ރިސޯޓެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައިގެ ގޮތުގައި ނަގުދު ފައިސާއިން ހަވާލުކުރި 94000 ރުފިޔާ، އެ ރަށަށް ފޮނުވުމަށްޓަކައި ސިޓީ އުރައެއްގައި ހަވާލުކުރެވުނީ، އެފައިސާ ހަވާލުކަން ބޭނުންވި ބޯޓުގެ ކެޕްޓަނާއި ނޫން އެހެން ބޯޓެއްގެ ކެޕްޓަނަށް ކަމަށެވެ.
ފައިސާ ގެއްލުނު މައްސަލަ ފުލުހުންނަށް ހުށައެޅީ، މި ފެބުރުވަރީ މަހުގެ 10 ވަނަ ދުވަހުގެ ވަގުތެއްގައި ޓީޖެޓީގައި އޮތް ބޯޓެއްގެ ކެޕްޓަނާ ހަވާލުކުރި 94000 ދިވެހި ރުފިޔާ ލާފައިވާ ސިޓީ އުރައެއް ލިބެންވާ ފަރާތަށް ނުލިބި ގެއްލިފައިވާ މައްސަލައެއްގެ ގޮތުަގއި ފެބުރުވަރީ 12 ވަނަ ދުވަހުގައި ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މާފަންނު ޕޮލިހަށް މި މައްސަލަ ހުށަހެޅުމުން ސީސީޓީ ފުޓޭޖު ބަލާފައިވާ ކަމަށާއި، އެހެން ނަމަވެސް ފުޓޭޖުން ބޯޓު ދެނެގަނެވިފައިނުވާތީ، ބޯޓު އޮތް ސަރަހައްދަށް ފުލުހުން ގޮސް އެ ސަރަހައްދުން އެކި މީހުންނާ ސުވާލުކޮށް މައުލޫމާތު ހޯދައި، ކުރެވުނު މަސައްކަތުން ބޯޓު ދެނެގަނެވި ކެޕްޓަނާ ގުޅުނު ކަމަށެވެ. އަދި ބޯޓުގެ ކެޕްޓަނާ ގުޅުމުން ބޯޓު އޮތީ ވ. އަތޮޅުގައި ކަމަށާއި މީހަކު ގެނެސްދިން ސިޓީ އުރައެއް ބޯޓުގައި ހުރި ލޮކަރުގައި އޮތްކަމަށް ކެޕްޓަން ފުލުހުންނަށް މައުލޫމާތު ދިން ކަމަށެވެ. އަދި އެ ފައިސާތައް ފެބުރުވަރީ 23 ވަނަ ދުވަހުގެ ރޭ ކެޕްޓަން ފުލުހުންނާ ހަވާލުކޮށްފައިވާ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
ފުލުހުންގެ އިދާރާއިން ވަނީ، ނަގުދު ފައިސާ ގެންގުޅުމުގައާއި ފައިސާ މީހުންނާ ހަވާލުކުރުމުގައި މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް