Post banner
ރާއްޖެ

ރައީސް ޑރ. މުޢިއްޒަށް ތާޢީދު ކުރަނީ އުތުރުކޮރެއާގެ ރައްޔިތުން އެޤައުމުގެ ރައީސަށް ތާޢީދު ކުރާ ގޮތަށް ކަމުގައި ފަލާޙް ވިދާޅުވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ރައީސް ޑރ. މުޢިއްޒަށް ތާޢީދު ކުރަނީ އުތުރުކޮރެއާގެ ރައްޔިތުން އެޤައުމުގެ ރައީސަށް ތާޢީދު ކުރާ ގޮތަށް ކަމުގައި ފަލާޙް ވިދާޅުވެއްޖެ

ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހީމް ފަލާޙް --- ފޮޓޯ: ޕީއެންސީ

މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް އެމަނިކުފާނުގެ ސަޕޯޓަރުންނާއި ޕީއެންސީ މެމްބަރުން ތާއީދުކޮށް އަތްތިލަ ބަޑިޖަހަނީ، ދުނިޔޭގެ އެންމެ ޚުދުމުޚުތާރުވެރިޔާ، ކިމް ޖޮން އުންގެ ކުރިމަތީގައި އެޤައުމުގެ ރައްޔިތުންނާއި ވެރިން އަތްޖަހާގޮތަށް ކަމުގައި، ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހީމް ފަލާޙް ވިދާޅުވެއްޖެއެވެ.

ފަލާޙް މިހެން ވިދާޅުވީ، ރޭ ޕީއެންސީން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފަލާހްގެ ވާހަކަފުޅު މުޅިން ބިނާކުރެއްވީ، ރައީސް ޔާމީނަށް، އެއްޗެހި ކިޔުއްވައި އިދިކޮޅު ފަރާތްތަކަށް ފާޑުކިޔުމުގެ އިތުރުން، މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ހައްދެއް ނެތް ތަޢުރީފު ކުރެއްވުމަށެވެ. މިގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެކެ އެމަނިކުފާނުގެ ސަޕޯޓަރުންނާއި ޕީއެންސީގެ މެމްބަރުން ލޯބިވަނީ، އުތުރުކޮރެއާގެ ރައީސްގެ ގޮތުގައި ހުންނެވި ދުނިޔޭގެ އެންމެ ޚުދުމުޚުތާރު ވެރިޔާ ކިމް ޖޮން އުން ދެކެ ލޯބިވާ ގޮތަށް ކަމުގައި ފަލާޙް ވަނީ ސިފަ ކުރައްވާފައެވެ.

"އަޅުގަނޑުމެންގެ މިއަދުގެ ރައީސުލްޖުމްހޫރިއްޔާގެ ނަން އަޅުގަނޑު ގެނައީމަ ތިބޭފުޅުން އަތްޖައްސަވާއިރު ވަރަށް ލޯބިން އެއްކަލަ ކޮންމެވެސް އުތުރު ކޮރެއާއެއްތޯ ކޮންމެވެސް ކޮރެއާއެއްގައި ޖަހާނެ އެގޮތަށް. ވަރަށް ރީތި އެނގޭތޯ އެ ގޮތް." ފަލާޙް ވިދާޅުވިއެވެ.

ފަލާހް ނޯތު ކޮރެއާ އާއި އެއްފަދަކޮށް މިސާލު ޖެއްސެވި އިރު، ނޯތު ކޮރެއާއަކީ، އެންމެ ޚުދު މުޚުތާރު ވެރިކަން ހިނގަމުން އަންނަ ޤައުމެކެވެ. އެޤައުމުގައި ވެރިކަން ކުރާ ކިމް އާއިލާގެ ލީޑަރުންނާއި ލީޑަރުންގެ ފޮޓޯތަކުގެ ކުރިމަތީގައި ރައްޔިތުން ބޯލަނބައި ކުރުނީސް ކުރަން މަޖުބޫރެވެ. އަދި އެޤައުމުގައި ހުރިހާ މީޑިއާއެއް ކޮންޓްރޯލްކުރަނީ ސީދާ ސަރުކާރުންނެވެ. ބޭރު ދުނިޔޭގެ ޚަބަރާއި މައުލޫމާތު ހޯދުމަކީ، އާއްމު ރައްޔިތުންނަށް ކުށެކެވެ. އަދި ޤައުމުން ފިލައިގެން ދާން އުޅެފިނަމަ، އެމީހެއްގެ މުޅި އާއިލާ، މުނިކާފަދަރީންނާއި ހަމައަށް ތިންޖީލުގެ މީހުން ކޭމްޕްތަކުގައި ބަންދުކުރެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް