މާރާމާރީ އާއި ގުޅިގެން ތިންވަނަ މީހަކު ހައްޔަރުކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ޕީއެންސީގެ އިންތިޚާބުގެ ތެރޭގައި ހިނގި ހަމަނުޖެހުންތަކުގެ ސްކްރީން ޝޮޓެއް --
ހޮނިހިރު ދުވަހު ޕީއެންސީން ކުރިޔަށް ގެންދިޔަ އިންތިޚާބުގެ ނަތީޖާއާއި މެދު ހިތްހަމަ ނުޖެހި ބަޔަކު، ހުޅުމާލެ ފޭސް 2ގައި ހުންނަ ކާމިލްދީދީ ޕްރީ ސްކޫލުގެ ތެރޭގައި ހިންގި މާރާމާރީ އާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ތިންވަނަ މީހަކުވެސް ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، މަރާމާރީގެ އެމައްސަލަ އާއި ގުޅިގެން ރޭ ވަނީ، އުމުރުން 23 އަހަރާއި 24 އަހަރުގެ ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފައެވެ. އޭގެ އިތުރުން 24 އަހަރުގެ އެހެން ފިރިހެނަކުވެސް ރޭ ހައްޔަރުކޮށްފައިވާ ކަމުގައި މިއަދު ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ. މިއާއެކު މި މާރާމާރީ އާއި ގުޅިގެން މިހާތަނަށް 3 މީހަކު މިވަނީ ހައްޔަރުކޮށްފައެވެ.
ކާމިލްދީދީ ޕްރީ ސްކޫލުގެ ތެރޭގައި ޕީއެންސީގެ މެމްބަރުންތަކެއްގެ މެދުގައި ހިނގި އެ މާރާމާރީގައި އެސްކޫލުގެ ތަކެއްޗަށް ގެއްލުން ލިބުމުގެ އިތުރުން، ދޮރެއްގެ ބިއްލޫރިގަނޑެއްވެސް ތަޅައިގެން ދިޔައެވެ. އެހަމަނުޖެހުންތަކާއި ގުޅިގެން ޕީއެންސީން ރަސްމީ ސިފައެއްގައި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ މާރާމާރީގެ އެމައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް