ބ އަތޮޅުގެ ޗެންޕިއަންކަން އޭދަފުށި ހޯދައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އޭދަފުށީ ޓިމްގެ ފުރަތަމަ ގޯލް ޖެހުމަށްފަހު މުޙައްމަދު ފާސިރު އުފާ ފާޅުކުރަނީ ---
އެފްއޭއެމް އެޓޯލް ޗެންޕިއަންޝިޕްގެ ބ އަތޮޅުގެ ޗެންޕިއަންކަން އޭދަފުށި ޓީމް ހޯދައިފިއެވެ.
އޭދަފުށީގައި މިރޭ ކުޅެވުނު ފައިނަލް މެޗު އޭދަފުށިން ކާމިޔާބުކުރީ 0-2 އިން ތުޅާދޫ ބަލިކޮށްގެންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ 2 ގޯލް ވެސް ކާމިޔާބުކޮށްފައި ވަނީ ފުރަތަމަ ހާފުގައެވެ.
މެޗުގެ ފުރަތަމަ ގޯލް މެޗުގެ 9 ވަނަ މިނެޓުގައި ޙުސައިން ޝަރީފްގެ އެސިސްޓަކުން މުޙައްމަދު ފާސިރު(ފާއްޓެ) ކާމިޔާބުކުރިއިރު، ދެވަނަ ގޯލް ފާއްޓެގެ އެސިސްޓަކުން ކާމިޔާބުކުރީ އިޝާން އިބްރާހިމް(ސައްޓު) އެވެ. އެއް މިނެޓުތެރޭ ދެގޯލް ކާމިޔާބުކޮށްފައިވާ މިމެޗުގައި އޭދަފުށީ ޓީމަށް ގޯލް ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނެވެ. އޭދަފުށިން މެޗް ޑޮމިނޭޓްކޮއްގެން ގިނަ ވަގުތު ކުޅުނުއިރު،ތުޅާދޫ ޓީމުން ވެސް ނުރައްކާތެރި ހަމަލާތަކެއް ވަނީ އުފައްދާފައެވެ.
އޭދަފުށީ ޓީމުގެ ގިނަ ހަމަލާތަކެއް ތުޅާދޫގެ ގޯލް ކީޕަރ އިސްމާއިލް ރަޝީދު ދިފާއުކޮށް މޮޅު ކުޅުމެއްދެއްކިއެވެ. އޭދަފުށީގައި މިފަހުގެ ތާރީޚެއްގައި އެންމެ ގިނަ ސަޕޯޓަރުންނާއި އެކީ ކުޅެވުނުއިރު ފޯރިގަދަ ސަޕޯޓެއް ދެޓީމަށްވެސް ލިބުނެވެ. މިމެޗުން ބަލިވި ނަމަވެސް ރަނަރއަޕް ޓީމްގެ ގޮތުގައި ތުޅާދޫ ވެސް ޒޯން ބުރަށް ވަނީ ކޮލިފައިވެފައެވެ.
ޒޯން ބުރުގައި މިދެޓީމް ކުޅޭނީ ނ،ރ އަދި ޅ އަތޮޅުން ޒޯން ބުރަށް ކޮލިފައިވާ ޓީމަކާއެވެ. އޭދަފުށި ކުޅެން ޖެހޭނީ ނ،ރ ނުވަތަ ޅ އަތޮޅުގެ ރަނަރއަޕް ޓީމާއެވެ. ތުޅާދޫ ކުޅެން ޖެހޭނީ އެތަނުން އަންނަ ކޮންމެވެސް އެއް ޗެންޕިއަންޓީމަކާ ދެކޮޅަށެވެ.
މިމުބާރާރުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކީ، ދޮންފަނު ޓީމުގެ މޮންތަޒެމީ މޮހްސެންއެވެ. އޭނާ 4 ގޯލް ޖަހާފައި ވެއެވެ.
މި މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަކީ؛
އިޝާން އިބްރާހިމް. އޭދަފުށި ޓީމް، ޖަރޒީ ނަމްބަރ 23
މުޙައްމަދު ފާސިރު. އޭދަފުށި ޓީމް، ޖަރޒީ ނަމްބަރ 12
ޢާދިލް ޢަބްދުއްރަޙްމާން. ތުޅާދޫ ޓީމް، ޖަރޒީ ނަމްބަރ 41
އިސްމާއިލް ރަޝީދު. ތުޅާދޫ ޓީމް، ޖަރޒީ ނަމްބަރ 19
އިމްތިޝާލް ޢަބްދުއްރަޙީމް. އޭދަފުށި ޓީމް، ޖަރޒީ ނަމްބަރ 70
މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ، ކިންގު އޮފް ދަ ޓޯނަމެންޓްގެ މަޤާމް ޙާޞިލް ކުރީ އޭދަފުށީ ޓީމްގެ ޖަރޒީ ނަމްބަރު 23 އިޝާން އިބްރާހީމެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކީ، މުޙައްމަދު ފުހައދުއެވެ. މުބާރާތުގެ ފެއަރ ޕްލޭ ޓީމަކަށް ހޮވުނީ ތުޅާދޫ ޓީމެވެ.
ޚަބަރު ލިޔުނީ: ޙަސަން ސާތިޢު - ރަށު ރިޕޯޓަރ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް