Post banner
ރިޕޯޓް

މިސްރާބު ސަރވޭ: ކޮރަޕްޝަން ރިޕޯޓް ނުކުރަނީ ފިޔަވަޅު ނާޅާތީ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މިސްރާބު ސަރވޭ: ކޮރަޕްޝަން ރިޕޯޓް ނުކުރަނީ ފިޔަވަޅު ނާޅާތީ

އެންމެ ފަހުން ނެރުނު ކޮރަޕްޝަން އިންޑެކްސްގައި ދިވެހިރާއްޖެއަށް ލިބިފައިވަނީ 100 ގެ ތެރެިން 39 ޕޮއިންޓެވެ。މި ސްކޯއާއެކު ރާއްޖެ އުޅެނީ ދިރާސާކުރެވުނު 182 ގައުމުގެ ތެރެއިން 91 ވަނައިގައެވެ。މި ނަތީޖާއިން ދައްކާގޮތުގައި ރާއްޖޭގައި އަދިވެސް ކޮރަޕްޝަން ބޮޑުކަން ބައިނަލްއަޤްވާމީ ފަރާތްތަކުން ގަބޫލުކުރެއެވެ.

ރައްޔިތުންގެ ނޫހުގެ މިސްރާބު ސަރވޭގައި މިފަހަރު، ސުވާލު ކުރެވުނީ، ރާއްޖޭގައި މިހާބޮޑަށް ކޮރަޕްޝަން އާއްމުވެގެން ދިޔަ ސަބަބާއި ގުޅޭ ގޮތުންނެވެ. މިސަރވޭގައި މައުލޫމާތު ދިން ހުރިހާ ފަރާތްތަކުންވެސް ބުނެފައި ވަނީ ރާއްޖޭގައި ކޮރަޕްޝަން ވަރަށް ބޮޑު ކަމަށެވެ. ސަރވޭގައި ބައިވެރިވި އެންމެންވެސް އިއްތިފާޤުވެފައި ވަނީ، ކޮރަޕްޝަން ރާއްޖޭގައި ވރަށް ބޮޑު ކަމާއި ހާލަތު ގޯސްކަމަށެވެ.

ސަރވޭގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން %58.8 މީހުން ބުނެފައި ވަނީ، ދައުލަތުގެ ހުރިހާ ބާރެއްގެ ތެރޭގައިވެސް ކޮރަޕްޝަން ވަރަށް ބޮޑު ކަމަށެވެ. ދައުލަތުގެ ބާރުތަކުގެ ތެރެއިން ކޮރަޕްޝަން އެންމެ ބޮޑީ، ސަރުކާރުގައި ކަމަށް %23.1 މީހުން ބުންޏެވެ. އެންމެ ކޮރަޕްޝަން ބޮޑީ ޝަރުޢީ ދާއިރާގައި ކަމަށް ބުނީ، %15.4 މީހުންނެވެ. އެންމެ ކޮރަޕްޝަން ބޮޑީ ރައްޔިތުންގެ މަޖިލީހުގައި ކަމަށް ބުނީ، %7.7 މީހުންނެވެ.

ރާއްޖޭގައި ކޮރަޕްޝަން ނައްތާލުމުގެ މަސައްކަތްތައް ކުރުމަށް، ވަކި މިނިވަން މުސްތަޤިއްލު މުއައްސަސާއެއްގެ ގޮތުގައި، އެންޓިކޮރަޕްޝަން ކޮމިޝަން އުފައްދާފައި ވާއިރު، ސަރވޭގައި ބައިވެރިވި މީހުންގެ ތެރެއިން %92.3 މީހުން ބުނެފައި ވަނީ، ކޮމިޝަންގެ މަސައްކަތްތަކާއި މެދު އެއްގޮތަކަށްވެސް ހިތްހަމަ ނުޖެހޭ ކަމަށާއި، ކޮމިޝަންގެ މަސައްކަތްތައް ރަނގަޅު ނޫންކަމަށެވެ. ކޮމިޝަންގެ މަސައްކަތްައް ރަނގަޅު ކަމަށް ބުނީ، %7.7 މީހުންނެވެ. އެންޓިކޮރަޕްޝަން ކޮމިޝަން ސިޔާސީ ނުފޫޒުގެ ދަށުގައި ޖެހިފައިވާ ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ. އަދި އެކޮމިޝަން މަސައްކަތް ކުރަނީ، އެއިރެއްގައި އޮންނަ ސަރުކާރަކާއި ދެކޮޅަށް މަސައްކަތްކުރާ ފަރާތްތައް މައިތިރިކުރުމަށް މަސައްކަތް ކުރާ ހަތިޔާރެއްގެ ގޮތުގައި އާއްމުން ޤަބޫލު ކުރެއެވެ.

ދިރާސާގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން %53.8 މީހުން ބުނެފައި ވަނީ، އެންމެ ކޮރަޕްޝަން ބޮޑީ ސަރުކާރުގެ މިނިސްޓްރީތަކުގައި ކަމަށެވެ. ސަރުކާރުގެ މިނިސްޓްރީތަކުގެ ތެރެއިން ޓްރާންސްޕޯޓް މިނިސްޓްރީއަކީ، ހުރިހާ ސަރުކާރުތަކެއްގައިވެސް އެންމެ ކޮރަޕްޝަން ބޮޑު އެއް މިނިސްޓްރީއެވެ. މީގެ އިތުރުން ދެވަނައަށް އެންމެ ކޮރަޕްޝަން ބޮޑުކަމަށް އާއްމުން ބުނެފައިވަނީ، ކޯޓުތަކާއި، ފުލުހުންގެ މުއައްސަސާގައި ކަމަށެވެ. ކޯޓުތަކާއި ފުލުހުންގެ މުއައްސަސާގައި ކޮރަޕްޝަން ބޮޑުކަމަށް، %46.2 މީހުން ވަނީ ބުނެފައެވެ.

މަލްޓިޕާޓީ ނިޒާމެއްގެ ތެރެއިން އާޤާނޫނު އަސާސީގެ ދަށުން ވެރިކަން ހިންގަމުން އަންނަތާ 19 އަހަރު ވީއިރު، ގިނަ ފަރާތްތަކުން ޤަބޫލުކުރަނީ، ރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަތައް އިތުރުވެގެން ދިޔަކަމުގައެވެެ، ރައްޔިތުންގެ ނޫހުގެ ކުލަބު ހައުސް ޑިސްކަޝަންގައި އެޑްވޮކޭޓަރ މިދުޢަމް ސައުދު ވިދާޅުވީ، ސިޔާސީ ޕާޓީތަކުން ރާއްޖޭގައި ވެރިކަން ހިންގަން ފެށުމުން ރާއްޖޭގައި ކޮރަޕްޝަން ހިންގާ މީހުންގެ އަދަދު އެތައް ގުނައަކަށް އިތުރުވެގެން ދިޔަކަމަށެވެ. އަދި އެކަމުގެ ސަބަބުން ހާލަތު އިތުރަށް ގޯސްވަމުން އަންނަކަށް އޭނާވެސް ފާހަގަކުރައްވާފައިވެއެވެ. މިސްރާބު ސަރވޭގައި ބައިވެރިވި މީހުންގެ ތެރެއިން، %92.3 މީހުން ބުނެފައި ވަނީ، ކޮރަޕްޝަންގެ އަމަލުތައް ހިންގާ ފަރާތްތަކަށް އެކަށީގެންވާ އަދަބު ދެވޭކަމަށް ޤަބޫލުނުކުރެވޭ ކަމަށެވެ. އެކަމާއި މެދު ބުނާނެއެއްޗެއް ނޭނގޭ ކަމަށް %7.7 މީހުން ބުނި އިރު، ކޮރަޕްޝަންގެ އަމަލުތައް ހިންގާ ފަރާތްތަކަށް އެކަށީގެންވާ އަދަބު ދެވޭ ކަމަށް ޤަބޫލުކުރާކަމަށް އެއްވެސް މީހަކު ނުބުނެއެވެ.

ރާއްޖޭގައި ކޮރަޕްޝަން އާއްމުވެގެން ދިޔައީ އެތައް ސަބަބުތަކެއް މެދުވެރިވެގެން ކަމުގައި، ދިރާސާތަކުން ހާމަވެފައި ވެއެވެ. އެސަބަބުތަކުގެ ތެރޭގައި ރޭވި އިންތިޒާމުވެގެން، ކޮރަޕްޝަންގެ ތެރެއަށް ރައްޔިތުން ވަންނަންޖެހޭ ގޮތަށް ސިޔާސަތުތައް ބައްޓަން ކުރުން ހިމެނެއެވެ. މީގެ އެއް މިސާލަކީ، އާސަންދަ ފަދަ ދައުލަތުގެ ވެލްފެއާ ނިޒާމުތަކުގެ ތެރެއިން އާއްމު ރައްޔިތުން ޚިދުމަތް ހޯދުމަށް ނުވަތަ ޚިދުމަތް ލިބިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސިޔާސީ އެހެން ފަރާތްތަކަށް ގުޅައި އާދޭސްކުރަންޖެހޭ ކަމެވެ. ސަރވޭގައި ބައިވެރިވި މީހުންގެ ތެރެއިން، %46.2 މީހުން ބުނެފައި ވަނީ، ރާއްޖޭގައި ކޮރަޕްޝަން އާއްމުވީ މަޤާމުތަކުގައި ތިބޭ ފަރާތްތަކުގެ ދަހިވެތިކަން ބޮޑުކަމުންނެވެ. އަދި އެކަމުގެ އަނެއް ސަބަބަކީ، ކޮރަޕްޝަނާއި ނުލައި ޚިދުމަތެއް ފަސޭހައިން ލިބެން ނެތުން ކަމުގައި، ސަރވޭގައި ބައިވެރިވި %38.5 މީހުން ބުނެފައި ވެއެވެ. ރާއްޖޭގައި ކޮރަޕްޝަން އާއްމުވުމުގެ ސަބަބަކީ، ރައްޔިތުންގެ ފުދުންތެރިކަން ކުޑަވުންކަމުގައި ބުނެފައި ވަނީ %15.4 މީހުންނެވެ.

ދިރާސާގައި ބައިވެރި އެންމެންވެސް އިއްތިފާޤުވެފައި ވަނީ ކޮރަޕްޝަން ރިޕޯޓްކުރުމަށް މިހާރު އޮތް ނިޒާމްތައްވެސް ކަމުނުދާކަމަށެވެ. ކޮރަޕްޝަންގެ އެތައް އަމަލެއް އެތައް ބަޔަކު ހިންގާއިރު، ނިސްބަތުން ކަމާއި ބެހޭ ފަރާތްތަކަށް ހުށައެޅެނީ އޭގެ ތެރެއިންވެސް މަދު މައްސަލައެކެވެ. އަދި ހުށައެޅޭ މައްސަލަތަކުގެ ތެރެއިންވެސް އިންސާފުވެރިކަމާއި އެކު ބަލައި ފިޔަވަޅު އެޅެނީވެސް ވަރަށް މަދު މައްސަލައެއްގައެވެ. އަދި މައްސަލަތަކުގެ ތަޙްޤީޤަށް އެތައް އަހަރެއް ހޭދަވެ ކަމުގެ މުއާލާތްވެސް ކެނޑިގެން ދެއެވެ. ސަރވޭގައި ބައިވެރިވި މީހުންގެ ތެރެއިން %53.8 މީހުން ބުނެފައި ވަނީ، ކޮރަޕްޝަންގެ މައްސަލަތައް ރިޕޯޓް ކުރަން ފަސްޖެހެނީ، އެފަދަ މައްސަލަތައް ރިޕޯޓްކޮށްގެންވެސް ފިޔަވަޅެއް އަޅާނެކަމަށް ޤަބޫލު ނުކުރެވޭތީ ކަމަށެވެ. އަދި ކޮރަޕްޝަންގެ މައްސަލަތައް ރިޕޯޓްކުރާ ފަރާތްތަކުގެ މައުލޫމާތު ސިއްރުކޮށްދޭނެ ކަމުގެ ޔަޤީންކަން ނެތުމަކީވެސް، އެފަދަ މައްސަލަތައް ރިޕޯޓް ނުކުރާ ސަބަބެއް ކަމުގައި %46.2 މީހުން ބުނެފައި ވެއެވެ.

ކޮރަޕްޝަންގެ އަމަލުތައް ތަޖުރިބާ ކުރެވިފައިވާ ކަމުގައި، ސަރވޭގައި ބައިވެރިވިމީހުންގެ ތެރެއިން %76.9 މީހުން ބުނެފައި ވެއެވެ. އެމީހުން ބުނެފައި ވަނީ، ޚިދުމަތެއް ހޯދުމުމަށް ދިޔުމުން ރިޝްވަތަށް އެދޭކަން ތަޖުރިބާކުރެވިފައިވާ ކަމަށެވެ، ސަރވޭގައި ބައިވެރިވި މީހުންގެ ތެރެއިން، %66.7 މީހުން ބުނެފައި ވަނީ، މުއައްސަސާތަކާއި ޚިދުމަތްދޭ ފަރާތްތަކުގެ މުވައްޒަފުން އެމީހުންގެ ކިބައިން ރިޝްވަތަށް އެދުނު ކަމަށެވެ.

އެއްގަމު، ކަނޑުގެ ލައިސަންސް، ފުލެޓް، ގޯތި، ބޭރުމީހުންހެނައުން، ސައިކަލް ޒޯނުން ބޭުރުގައި ބެހެއްޓުމުން ޓޯކް ކުރިކުރުން ނިމުމަކަށް ގެނައުން މިކަންކަމުގައި ފައިސާދޭންބުނުމުގެ މައްސަލަތައް ދިމާވި" ސަރވޭއަށް މައުލޫމާތު ދިން ފަރާތަކުން ބުންޏެވެ.

ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް ކުރަންވީ އެންމެ މުހިއްމު ކަންތައްތަކުގެ ތެރޭގައި، ސަރވޭގައި ބައިވެރިވި ފަރާތްތަކުން ގިނަ ކަންތައްތަކެއް ފާހަގަކޮށްފައި ވެއެވެ. އޭގެ ތެރޭގައި، ކޯޓްތައް ހަރުދަނާކޮށް ތަންފީޒީ މަރުހަލާ ފުރިހަމަކުރުމާއި، އިޚްލާސް ތެރިން ވެރިން މަތީ މަގާމުތަކުގައި ބެއިތިއްބުމާއި، ގާނޫނުގައިވާ އެންމެ ހަރުކަށި އަދަބު ދިނުން ހިމެނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް