Post banner
ރަށްރަށުން

ޕެންޝަން އޮފީހުން ބ. އޭދަފުށީގެ މާމަކާފައިންނާއެކު ޢާއިލީ ހަވީރެއް ބާއްވައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޕެންޝަން އޮފީހުން ބ. އޭދަފުށީގެ މާމަކާފައިންނާއެކު ޢާއިލީ ހަވީރެއް ބާއްވައިފި

ބ. އޭދަފުށީގައި ކުރިޔަށް ގެންދިޔަ ހަވީރުގެ ތެރެއިން--- ފޮޓޯ: ޕެންޝަން އޮފީސް

ޤައުމީ މާމަކާފަ ދުވަސް ފާހަގަކުރުމުގެ ގޮތުން ޕެންޝަން އޮފީހުން އިސްނަގައިގެން ބ. އޭދަފުށީގައި ޢާއިލީ ހަވީރެއް ބާއްވައިފިއެވެ.

މި ހަވީރަކީ މުޖުތަމަޢުގެ މެދުގައި ގުޅުން ބަދަހިކޮށް، މާމައިންނާ ކާފައިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ ޙަރަކާތެއް ކަމުގައި ޕެންޝަން އޮފީހުން ވިދާޅުވިއެވެ.

މި އިވެންޓުގައި އޭދަފުށީގެ އެކި މުއައްސަސާތަކުގެ ސްޓޯލްތައް ބަހައްޓާފައިވާއިރު، ހުރިހާ އުމުރުފުރައެއްގެ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެ ފަދަ މުނިފޫހިފިލުވުމުގެ ޙަރަކާތްތަކާއި ބޭނުންތެރި މަޢުލޫމާތުތައް ލިބޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. މި ސްޓޯލްތަކުގެ ޒަރީޢާއިން އެކި މުއައްސަސާތަކުން ދެމުންގެންދާ ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތު އޮޅުންފިލުވުމުގެ އިތުރުން، ތަފާތު ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ޢާއިލީ ހަވީރަށް ޒިޔާރަތްކުރި ފަރާތްތަކަށް ލިބިގެންދިޔައެވެ.

ޕެންޝަން އޮފީހުގެ ސްޓޯލް ޚާއްޞަކުރެވިފައިވަނީ މާމައިންނާއި ކާފައިންގެ އަގުވަޒަންކުރުމަށާއި، ޢާއިލާތައް އެކުގައި އުފާވެރި ހަނދާންތަކެއް ބިނާކުރުމުގެ މައްޗަށެވެ. އެގޮތުން، ކުޑަކުދިން އެކުދިންގެ މާމައާއި ކާފައަށް ޚާއްސަ މެސެޖުތައް ލިޔުމުގެ ފުރުޞަތު ދެވުނެވެ. މީގެއިތުރުން، އާއިލީ  ހަވީރުގެ ހަނދާންތައް ރައްކާކުރުމުގެ ގޮތުން، ޢާއިލާއެކުގައި ފޮޓޯ ސްޓޭޝަނުން ފޮޓޯ ނެގުމުގެ ފުރުޞަތު ވެސް ވަނީ ފަހިކޮށްދީފައެވެ.

ސްޓޯލްތަކުގެ ޙަރަކާތްތަކުގެ އިތުރުން، މި އިވެންޓް އިތުރަށް ފުރިހަމަކޮށް، އުފާވެރި މާޙައުލެއް ޤާއިމުކުރުމަށްޓަކައި ސްޓޭޖް ހުށަހެޅުންތަކެއް ވެސް ވަނީ ކުރިއަށްގެންގޮސްފައެވެ. މިގޮތުން، ސްކޫލް ކުދިންގެ އައިޓަމްތަކާއި، މާމައިންނާއި ކާފައިންގެ ފަރާތުން ސަޤާފީ ރައިވަރާއި، ޅެމާއި ފަރިހީގެ ހުށަހެޅުންތައް ފެނިގެންދިޔައެވެ.

މި ޢާއިލީ ހަވީރު ކުރިއަށް ގެންގޮސްފައިވަނީ ސިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ، ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އަދި ބ. އޭދަފުށީ ކައުންސިލާ ގުޅިގެންނެވެ. މި ހަރަކާތް ހިމެނެނީ އިސްރަށްވެހިންގެ އަގުވަޒަންކޮށް، އާއިލާތަކާއި މުޖުތަމަޢުގެ މެދުގައި އެކުވެރިކަމާއި ގުޅުން ބަދަހިކުރުމަށް މި މުއައްސަސާތަކުން ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް