ރައީސް ނަޝީދުގެ ވެރިކަން ބަދަލުވިގޮތް: ބަޣާވާތެއްތަ؟ ނުވަތަ އިންޤިލާބެއްތަ؟
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ސިފައިންގެ ބެލުމުގެ ދަށުން އިސްތިއުފާ އިޢުލާނު ކުރެއްވުމަށް ރައީސް ނަޝީދު ރައީސް އޮފީހަށް ވަޑައިގެންނެވުން -- ފޮޓޯ؛ ރައީސް
2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 7 ވަނަ ދުވަހު، އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު މަޤާމުން އިސްތިއުފާ ދެއްވުން ވެގެން ދިޔައީ، އޭރު އިދިކޮޅުގައި ތިއްބެވި ސިޔާސީ ފަރާތްތަކަށް ލިބުނު ކާމިޔާބަކަށެވެ. ރައީސް ނަޝީދުގެ ވެރިކަމާއި ދެކޮޅުވި ފަރާތްތަކުން އެމަނިކުފާނު މަޤާމުން ދުރުކުރުމަށް ކުރަމުން އައި މަސައްކަތްތައް ކާމިޔާބުވީ، މުޒާހަރާތަކާއި ހަމަނުޖެހުންތައް ބޮޑުވެ، ސިފައިންނާއި ފުލުހުންގެ ތެރެއިން ބަޔަކު ސަރުކާރާއި ދެކޮޅަށް ނުކުމެ ޖުމްހޫރީ މައިދާނުގައި، ސިފައިންނާއި ފުލުހުން ކުރިމަތިލައި ހިނގި ކަންކަމުގެ ނަތީޖާއެއްގެ ގޮތުންނެވެ.
2008 ވަނަ އަހަރު، ރައީސް ނަޝީދަށް ވެރިކަމަށް ވަޑައިގެންނެވީ، ރައީސް މައުމޫނުގެ ދިގު 30 އަހަރުގެ ވެރިކަމާއި ދެކޮޅަށް ނުކުތް އެތައް ބަޔަކު ގުޅި އުފެއްދި އިއްތިހާދެއްގެ ތެރެއިން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައިގެންނެވެ. އެހެންކަމުން ސިޔާސީ ޚިޔާލުތަފާތުވުންތަކާއި، ސިޔާސީ ބޭނުންތައް ތަފާތު އެތައްބަޔަކާއި އެކު ވެރިކަމާއިގެން ކުރިޔަށް ވަޑައިގެންނެވުން ރައީސް ނަޝީދަށް ވެވަޑައިގެންނެވީ ނުހަނު ދަތި އުނދަގޫފުޅު ކަމަކަށެވެ.
ރައީސް ނަޝީދުގެ ވެރިކަން ބަދަލުވުމަށް ހިނގާދިޔަ ކަންކަމުގެ ފަހަތުގައި ހުންނެވި އެއް ސިޔާސީ ލީޑަރަކީ، ރައީސް ނަޝީދު ވެރިކަމަށްގެނައުމަށްވެސް އިއްތިހާދުވެ އެކުގައި މަސައްކަތްޕުޅު ކުރެއްވި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމެވެ. ރައީސް ނަޝީދުގެ ކެބިނެޓުގައި ފުރަތަމަ ހޯމް މިނިސްޓަރުގެ މަޤާމަށް ޤާސިމް އިބްރާހިމް ޢައްޔަނު ކުރެއްވި ނަމަވެސް އެންމެ 21 ދުވަހުގެ ތެރޭގައި ޤާސިމް އިބްރާހީމް މަޤާމުން އިސްތިއުފާ ދެއްވީ، ރައީސް ނަޝީދު ވެވަޑަިއގެންފައިވާ ވަޢުދުތައް ނުފުއްދޭ ކަމަށް ވިދާޅުވެއެވެ. ރައީސް ނަޝީދުވެ ވެރިކަން ބަދަލުކޮށްލުމަށް ޢަމަލީގޮތުންނާއި މާލީ ގޮތުން ޤާސިމް އިބްރާހީމް މަސައްކަތް ކުރެއްވިކަމަށް އެމްޑީޕީގެ އިސްސަފުގައި ތިއްބެވި ބޭފުޅުން ވިދާޅުވެފައި ވާއިރު، ރައީސް ނަޝީދު އިސްތިއުފާ ދެއްވިކަން ލައިވް ޓީވީގައި އިޢުލާނު ކުރެއްވި އިރު، ޤާސިމް އިބްރާހީމާއި އެނޫންވެސް ސިޔާސީ ބޭފުޅުން ތިއްބެވީ ފުލުހުންގެ ހެޑްކުއާޓަރޒް ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ގައެވެ.
"މިލިޓަރީ ޓޭކްއޯވަރ އަކަށް ނުގޮސް މިކަން ނިމުނުކަން ހާދަ ރަނގަޅޭ" ފުލުހުންގެ މައިމަރުކަޒުގެ ތެރޭގައި ހުންނަވާފައި އޭރު އެތަނުގައި ތިއްބެވި އެހެން ބޭފުޅުންނާއި ކަރާކަރު ޖައްސައި ސަލާމްކުރައްވާފައި ޤާސިމް އިބްރާހީމް ވިދާޅުވީ އެހެންނެވެ.
ރައީސް ނަޝީދު އިސްތިއުފާ ދެއްވުމާއި ހަަމައަށް އައީ ގުޅިލާމެހިފައިވާ އެތައް ކަންތައްތަކެއްގެ ތެރެއިން އިދިކޮޅު ސިޔާސީ ފަޜާތްތަކުން ކުރިމަތި ކުރަމުން އައި ޕްރެޝަރުތަކާއި އެކުގައެވެ. ސިޔާސީ މަޝްރަޙް ދިރާސާ ކުރައްވާ ފަރާތްތަކުން ފާހަގަކުރައްވާ ގޮތުގައި 23 ޑިސެމްބަރު 2011ގައި އޮތް ބޮޑު މުޒާހަރާއަކީ އެކަމުގެ ފެށުމެވެ. އޭގެ ފަހުންވެސް ރައީސް ނަޝީދުވެ ވެރިކަމާއި ދެކޮޅަށް މާލޭގައި ކުރަމުން އައި މުޒާހަރާތައް މަޑުމަޑު "ވައިވަމުން" ދަނިކޮށް 6 ފެބުރުއަރީ 2012 ވަނަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި މުޒާހަރާ ކުރާ މީހުންނާއި އެމްޑީޕީއަށް ތާއީދުކުރާ ފަޜާތްތަކާއި ދެމެދު ކުރިމަތިލުންތައް ހިނގިއެވެ. އެކުރިމަތިލުންތައް ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރިއިރު ފުލުހުންނާއި ސިފައިންގެ މެދުގައި ޚިޔާލުތަފާތުވުން އުފެދި ފުލުހުން ޖުމްހޫރީ މައިދާނުގައި އިޙްތިޖާޖުކުރަން ފެށީ 6 ފެބުރުއަރީ 2012 ވަނަ ދުވަހުގެ ރޭ މެންދަމުން ފެށިގެންނެވެ.
އިހްތިޖާޖުކުރަމުން ދިޔަ ފުލުހުންނާއި ދެކޮޅަށް ސިފައިން ނުކުތުމުން ޖުމްހޫރީ މައިދާނުގައި ހަމަނުޖެހުންތައް ހިނގިއެވެ. ސިފައިންގެ މަރުކަޒަށާއި ފުލުންގެ މަރުކަޒަށް ގެއްލުންދިނުމުގެ އިތުރުން ފުލުހުންނާއި ސިފައިން އެއްބަޔަކު އަނެއްބަޔަކަށް ކުރިމަތިލައި ހާލަތު އިތުރަށް ގޯސްވެގެން ދިޔައެވެ.
ރައީސް ނަޝީދުގެ ސަރުކާރާއި ދެކޮޅަށް ކަޅުތުއްކަލާ ކޮށިން ނުކުމެގެން އައި ސިފައިންގެ ފައުޖެއް އިޙްތިޖާޖުކުރަމުން ދިޔަ ފުލުހުންނާއި ގުޅުނު އިރު، ރައީސް ނަޝީދު ހުންނެވީ ސިފައިންގެ މައިމަރުކަޒު ބަންޑާރަ ކޮށީގައެވެ. އަދި އޭރު ސިޔާސީފަރާތްތަކާއި އެކު މަސައްކަތް ކުރައްވަމުންގެންދެވި، ކުރީގެ ކާނަލް ރިޓަޔާޑް ނާޒިމް ރައީސް ނަޝީދާއި ބައްދަލު ކުރައްވައި އިސްތިއުފާ ދެއްވުން ނޫންގޮތެއް ނެތްކަމުގައި ދެންނެވިއެވެ.
ރައީސް ނަޝީދު ފަހުން ބޭރުގެ މީޑިއާތަކަށް ދެއްވާފައިވާ އިންޓަރވިއުތަކުގައި ވިދާޅުވެފައި ވަނީ، އެމަނިކުފާނު ސިފައިންގެ މަރުކަޒުން ނުކުތުމަށް ފުރުޞަތު ދިނީ، އިސްތިއުފާ ދެއްވުމަށް އެއްބަސްވެވަޑައިގެންނެވުމުން ކަމަށެވެ. ރައީސް ނަޝީދު ސިފައިންގޭގައި ހުންނެވި ވަގުތުގައި، ބަޔަކު ރިޔާސީ ގަނޑުވަރު މުލީއާގެއަށް ވަދެ އެމަނިކުފާނުގެ އަނބިކަނބަލުންނާއި ތުއްޕުޅު ބޭފުޅުންނަށް ބިރު ދެއްކެވިކަމާއި ރައީސް ނަޝީދު އިސްތިއުފާ ދެއްވަން މަޖުބޫރުކުރުވީ އާއިލާއަށް ނުރައްކާ އޮތް ކަމުގެ ބިރު ދައްކައިގެން ކަމުގައި އެމްޑީޕީގެ އިސްފަރާތްތަކުން ބުނެފައިވެއެވެ.
ސިފައިންގޭގެ ތެރޭގައި ހިނގާދިޔަ ކަންކަމާއި ގުޅޭ ގޮތުން ފަހުން އާއްމުވި އޯޑިއޯ ކްލިޕެއްގައި ރައީސް ނަޝީދު އިސްތިއުފާ ދެއްވުމަށް އެއްބަސްވެވަޑައިގެންނެވި އިރު އެމަނިކުފާނުގެ އާއިލާއަށް ރައްކާތެރިކަން ކަށަވަރުކޮށްދޭން ވާނެކަމަށް ރައީސް ނަޝީދު ވިދާޅުވެއެވެ. އަދި އެކަމަށް އެއްބަސްވެ ސިފައިންގެ ބަޔަކު "ޔެސް ސަރ" އޭ ބުނާ އަޑުވެސް އެއޯޑިއޯއިން އިވެއެވެ.

ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމުގެ ކުރިން ދައުލަތުގެ މުހިއްމު މުއައްސަސާތަކުގެ ކޮންޓްރޯލް ސަރުކާރަށް ގެއްލުނެވެ. ސިފައިންނާއި ފުލުހުންގެ މަރުކަޒުތަކުން ޗެއިން އޮފް ކޮމާންޑް ގެއްލިގެން ދިޔައިރު، ދައުލަތުގެ މީޑިއާ ޓީވީއެމަށް ސިފައިންގެ ތެރެއިން ބަޔަކު ވަދެ އެތަން ހިޞާރުކުރިއެވެ. އަދި ދައުލަތުގެ މީޑިއާގެ އޮންއެއަރ ކޮންޓްރޯލް އެފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.
ރައީސް ނަޝީދުގެ ވެރިކަމާއި ދެކޮޅުވި ފަރާތްތަކުން އެންމެ މުހިއްމު އެއް ސަބަބަަކަށް ދެއްކި އެއްކަމަކީ، ކްރިމިނަލް ކޯޓުގެ އިސް ޤާޟީ ޢަބްދުﷲ މުޙައްމަދު ޤާނޫނާއި ޚިލާފަށް ހައްޔަރުކުރުމާއި، ދިވެހިރާއްޖޭގެ މައި އެއާޕޯޓު އިންޑިއާގެ ޖީއެމްއާރަށް ދިނުމެވެ. ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުގެ ކުރިން ޢަބްދުﷲ ޤާޟީ ވަނީ މިނިވަންކޮށް މާލެ ގެނެސްފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރޮޓޮކޯލްތަކާއި އިދާރީ އިންތިޒާމްތަކާއި ޚިލާފަށް ރައީސް ނަޝީދުގެ އިސްތިއުފާގެ ސިޓީ ހިއްޕަވައިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަޑައިގެންނެވީ، ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒާއި، ކާނަލް ނާޒިމާއި އެހެން ބައެއް ބޭފުޅުންނެވެ.
ރައީސް ނަޝީދުވެ ސިޓީފުޅު ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިބިވަޑައިގެންނެވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު، އޭރު ނައިބު ރައީސްގެ މަޤާމުގައި ހުންނެވި ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކަށް ހުވާކުރެއްވުމަށް ވަޑައިގެންނެވުމަށް ދެންނެވިއެވެ. ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވީ ރައީސް ނަޝީދު އިސްތިއުފާ ދެއްވިތާ 3 ގަޑިއިރުވެސް ނުވަނީހެވެ.
ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބެލުމަށް ރައީސް ވަޙީދުގެ ސަރުކާރުން އިންކުއަރީ ކޮމިޝަނެއް އެކުލަވާލިއެވެ. ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ)ގެ ރިޕޯޓުގައި ވެރިކަން ބަދަލުވެގެން ދިޔައީ ރާއްޖޭގެ ޤާނޫނުތަކާއި އެއްގޮތަށް ކަމަށް ބަޔާންކުރިއެވެ. އަދި ސިފައިންނާއި ފުލުންގެ މެދުގައި ހަމަނުޖެހުންތައް ހިނގައި އެފަރާތްތަކުން ހިންގި ޤާނޫނާއި ޚިލާފު ޢަމަލުތައް ހިންގާފައި ވަނީ، "ޖަޒްބާތުގައި ޖެހިގެން" ކަމަށް ބަޔާންކުރިއެވެ.
ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ)ގެ ރިޕޯޓަކީ އިންސާފުވެރި އަދި މައްސަލައިގެ ޙަޤީޤަތްތައް ހޯދައި އޭގެ މައްޗަށް ނިންމުމެއް ނިންމުނު ރިޕޯޓެއް ކަމުގައި މިއަދުވެސް ގިނަ ބަޔަކު ޤަބޫލެއް ނުކުރެއެވެ.
ރަސްމީ ލިޔެކިޔުންތަކުގައި ރައީސް ނަޝީދުގެ ވެރިކަން ބަދަލުވީ، ބަޣާވާތަކުން ކަމުގައި ލިޔެފައި ނެތަސް، އާއްމުންގެ ތެރެއިން އެތައް ބަޔަކު ޤަބޫލުކުރަނީ އެއީ ބަޣާވާތެއް ކަމަށެވެ. ރައީސް ނަޝީދުގެ ވެރިކަން ބަދަލުވިތާ 14 އަހަރު ފުރުނު އިރު، އަލަށް ފާޅުވަމުން އަންނަ ހެކިތަކާއި، އަލަށް ލިބެމުން އަންނަ މައުލޫމާތުގެ މައްޗަށް ރައީސް ނަޝީދު ވެރިކަމަކީ، ރޭވި އިންތިޒާމްވެގެން ހިނގައި ދިޔަ ބަޣާވާތެއް ކަމުގައި ޤަބޫލުކުރާ މީހުން އަންނަނީ އިތުރުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް