ވެނެޒުއޭލާއަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 1،500 އާ ގާތްކުރަނީ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ވެނެޒުއޭލާއަށް ވިދިވިދިގެން އައި ބާރުގަދަ ދެ ބިންހެލުމާއި އެކު މަރުވި މީހުންގެ އަދަދު 1،500 އާ ގާތްކޮށްފި -- ފޮޓޯ: އޭއެފްޕީ
ވެނެޒުއޭލާއަށް ވިދިވިދިގެން އައި ބާރުގަދަ ދެ ބިންހެލުމާއި އެކު މަރުވި މީހުންގެ އަދަދު 1،500 އާ ގާތްކޮށްފައިވާ ކަމުގައި ރޮއިޓާސް އިން ރިޕޯޓުކޮށްފިއެވެ.
ވެނެޒުއޭލާގެ ވަގުތީ ރައީސްކަމަށްވާ ޑެލްސީ ރޮޑްރިގޭޒްއާއި ހަވާލާދީ ރޮއިޓާސް އިން ބުނީ ބިންހެލުމުގައި ތާށިވި މީހުން ސަލާމަތްކުރުމާއި މަރުވި މީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާކަމަށެވެ. އަދި އިއްޔެވެސް ދިރިތިއްބާ ބައެއް މީހުން ސަލާމަތްކުރެވިފައިވާކަމަށް ވެނެޒުއޭލާގެ ރައީސް ވިދާޅުވިއެވެ.
މިނިސްޓަރުންނާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރޮޑްރިގޭޒް އިތުރަށް ވިދާޅުވީ، ސްކޫލްތަކުގެ ކިޔެވުން ކުރިއަށް އޮތް ހަފުތާއަށްވެސް ބަންދުވާނެ ކަމަށާއި، ލާ ގުއައިރާގެ 75 އިންސައްތައަށް މިހާރު ކަރަންޓުގެ ހިދުމަތް ފޯރުކޮށްދީފައިވާނެކަމަށެވެ.
ވެނެޒުއޭލާގެ ރަސްމީ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، ބިންހެލުމާއި ގުޅުގެން ގެއްލިފައިވާކަމަށް ރިޕޯޓްކޮށްފައިވާ މީހުންގެ އަދަދު 68000 ވުރެ ވަނީ މަތިވެފައެވެ. އަދި 3،200 އަށް ވުރެއް ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.
ހުކުރު ދުވަހު، ވެނެޒުއޭލާއަށް އައި ބާރުގަދަ ދެ ބިންހެލުމުގައި، ވެރިރަށް ކަރަކަސްގެ ގިނަ އިމާރާތްތަކެއް ވަނީ މުޅިން ބިމާހަމަވެފައެވެ. ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން ދިރިތިއްބައި ބައެއް މީހުން ސަލާމަތް ކުރެވުނު އިރު، އަދިވެސް އެތައް ހާސް ބަޔަކު ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައިވާކަމަށް ބެލެވެއެވެ. އެހެން ނަމަވެސް ވެއްޓުނު ބޮޑެތި އުސް އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގައިވެސް ވަނީ ގޮންޖެހުންތަކާއި ކުރިމަތިވެފައެވެ.
ބިންހެލުމުގައި މަރުވި މީހުންގެ އަދަދު އެއް ލައްކައަށް އަރައިފާނެ ކަމަށް، ޔޫއެސް ޖިއޮލޮޖިކަލް ސަރވޭ އިން ލަފާކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް