ދިވެހިރާއްޖެ ހިމެނޭހެން ދުނިޔޭގެ އާބާދީގެ %99 މީހުންނަށް މިއަދު އެއްވަގުތެއްގައި އިރުގެ އަލިކަން ލިބޭނެ!
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ސިނަމާލެ ބްރިޖު --- ފޮޓޯ: ރައްޔިތުންގެ ނޫސް
ނޮދަން ހެމިސްފިއަރ އަށް ހޫނު މޫސުން އަންނަ ދުވަސްވަރާ ދިމާވުމުގެ ސަބަބުން ދިވެހިރާއްޖެ ހިމެނޭހެން ދުނިޔޭގެ އާބާދީގެ %99 އެއްހާއި މީހުންނަށް މިއަދު އެއްވަގުތެއްގައި އިރުގެ އަލިކަން ލިބޭނެއެވެ.
އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާގޮތުން ޖުލައި މަހުގެ 8 ވަނަ ދުވަހު ދިވެހިރާއްޖޭގެ ގަޑިން ހަވީރު 16:10 އަކީ ދުނިޔޭގައި ދިރިއުޅޭ 8.2 ބިލިއަން މީހުންނަށް އެއްފަހަރާ އިރުގެ އަލިކަން ފޯރާނެ އެއް މިނެޓުގެ ކުރު ވަގުތުކޮޅެކެވެ. އަދި ރޭގަނޑުގެ އަނދިރިކަން ވެރިވެފައި އޮންނާނީ ދުނިޔޭގެ ވަރަށް ކުޑަ ބަޔަކަށް ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
މިއަދު ހަވީރު އެއް މިނިޓެއްހާއިރު ދުވާލުގެ އަލިކަން ފެތުރިފައި އޮންނާނީ އުތުރު އެމެރިކާ، ދެކުނު އެމެރިކާ، ޔޫރަޕް، އެފްރިކާ އަދި އޭޝިއާގެ ބޮޑު ބަޔަކަށެވެ. އަދި މިއީ ދުނިޔޭގެ އާބާދީގެ ބޮޑުބައި ދިރިއުޅޭ ސަރަހައްދުތަކެވެ. މި ވަގުތު އަނދިރިކަމުގެ ތެރޭގައި އޮންނާނީ އޮސްޓްރޭލިއާ، ނިއުޒީލޭންޑް، ދެކުނު އިރުމަތީ އޭޝިއާގެ ބައެއް ސަރަހައްދުތަކުގެ އިތުރުން، އެންޓާކްޓިކާ އާއި އެ ސަރަހައްދުތަކުގެ ވަށައިގެންވާ ކަނޑުތަކެވެ.
ޖުލައި މަހުގެ 8 ވަނަ ދުވަހު ކުޑަވަގުތުކޮޅަކަށް ދުނިޔޭގެ ބޮޑު ސަރަހައްދަކަށް އިރުގެ އަލިކަން ލިބުމަކީ އަލަށް އެ ދުވަހު އެކަނި ހިނގާ ކަމެއް ނޫނެވެ. އެގޮތުން، ކޮންމެ އަހަރަކު ވެސް މޭ މަހުގެ 18 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 17 ވަނަ ދުވަހާއި ދެމެދު އަންނަ 60 ދުވަހުގެ ތެރޭގައި، ކޮންމެ ދުވަހަކު ވެސް މިފަދަ ކުރު ވަގުތުކޮޅެއް އާދެއެވެ.
މިއަދު އެއްވަގުތެއްގައި އިރުގެ އަލިކަން ލިބޭއިރު، ދުނިޔޭގެ އާބާދީގެ 6.9 ބިލިއަން މީހުން ތިބޭނީ ސީދާ އިރުގެ އަލިކަމުގެ ތެރޭގައެވެ. އަދި 581 މިލިއަން މީހުން ތިބޭނީ "ސިވިލް ޓްވައިލައިޓް" ނުވަތަ ފަނޑު އަލިކަމުގެ ތެރޭގައެވެ. އަދި 498 މިލިއަން މީހުން ތިބޭނީ "ނޯޓިކަލް ޓްވައިލައިޓް" ނުވަތަ އުދަރެސް ފެންނަން ހުރި ނަމަވެސް ވަރަށް ބޮޑަށް އަނދިރި ވަގުތުގެ ތެރޭގައެވެ. މީގެ އިތުރުން 249 މިލިއަން މީހުން ތިބޭނީ "އެސްޓްރޮނޮމިކަލް ޓްވައިލައިޓް" ނުވަތަ ދުނިޔެ އަނދިރިވުމުގެ ކުރިން އުޑުމަތިން ފެންނަ ކުޑަ އަލިކަމުގެ ތެރޭގައެވެ.
މި ވަގުތުކޮޅު ތެރޭގައި މުޅި ދުނިޔެއިން ރޭގަނޑުގެ އަލިކަން ތަޖުރިބާ ކުރާނީ އެންމެ %1 މީހުންނެވެ. އެއީ ގާތްގަނޑަކަށް 83 މިލިއަން މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް