މިސްރާބު ސަރވޭ - ރަސްމީ ދުވަސްތަކުގެ އަދަދާއި މަސައްކަތު ގަޑި މަދުކުރަން ފެނޭތަ؟
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ސިނާޢީ އިންޤިލާބާއި އެކުގައި، ދުނިޔޭގައި އެކި ޤައުމުތަކުގެ އުފެއްދުންތެރިކަން ކުރިއަރައިގެން ދިޔައެވެ. މިގޮތުން ބައެއް ޤައުމުތަކުގައި މަސައްކަތް ކުރާ ރަސްމީ ދުވަސްތަކުގެ އަދަދާއި، މަސައްކަތު ގަޑި ކުރުކޮށްފައި ވެއެވެ. އެހެން ނަމަވެސް ދުނިޔޭގެ ގިނަ ޤައުމުތަކުގައި، ރަސްމީ މަސައްކަތު ދުވަސްތަކުގެ އަދަދާއި އަދި ރަސްމީ މަސައްކަތު ގަޑިއަށް މާބޮޑު ބަދަލެއް ގެނެސްފައެއް ނުވެއެވެ.
ދުނިޔޭގެ ގިނަ ޤައުމުތަކުގައި، ރަސްމީ މަސައްކަތު ދުވަސްތަކުގެ ގޮތުގައި ހަމަޖައްސާފައި ވަނީ، ހަފްތާއަކު 5 ދުވަހެވެ. ހަފްތާ ބަންދު ދުވަސް ކަނޑައަޅާފައި އޮންނަނީ އެޤައުމެއްގެ ދީނީ އަދި ސަޤާފީ އާދަކާދަތަކުގެ މައްޗަށެވެ. މިގޮތުން މުސްލިމް ގައުމުތަކުގައި ހަފްތާ ބަންދުގެ ގޮތުގައި ބުރާސްފަތި، ހުކުރު ނުވަތަ ހުކުރު، ހޮނިހިރު ކަނޑައޅާފައިވެއެވެ. ޔޫރަޕްގާއި އުތުރު އެމެރިކާ އަދި ދެކުނު އެމެރިކާގެ ޤައުމުތަކުގައި، ހަފްތާ ބަންދު ދުވަހަކީ، ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހެވެ.
ރަސްމީ މަސައްކަތު ދުވަހުގެ އަދަދުގެ ގޮތުގައި ހަފްތާއަކު 4 ދުވަހު މަސައްކަތް ކުރެވޭ ގޮތަށް ޔޫރަޕާއި މެދު އިރުމަތީގެ ބައެއް ޤައުމުތަކުގައި ކަނޑައަޅާފައި ވެއެވެ. އޭގެ ތެރޭގައި ބެލްޖިއަމް އައިސްލޭންޑް އަދި ޔޫއޭއީ ހިމެނެއެވެ. އަދި ރަސްމީ 4 ދުވަހަށް ބަދަލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ޤައުމުތަކުގެ ތެރޭގައި، ޔޫކޭ، ޖަޕާން، ޖަރުމަން، ނެދަރލޭންޑް އަދި ސްޕެއިން އާއި ޕޯޗުގަލްގެ އިތުރުން އަޔަރލޭނޑް ހިމެނެއެވެ.
ރަސްމީ މަސައްކަތު ވަގުތަށް ބަލާއިރު، ދުނިޔޭގެ ގިނަ ޤައުމުތަކުގައި، ރަސްމީ މަސައްކަތު ގަޑި ފަށަނީ، ހެނދުނު 8:00 ޖަހާއިރު ނުވަތަ 9:00 ޖަހާއިރުގައެވެ. އަދި މުވައްޒަފުންނަށް ދިގު ލަންޗްބްރޭކެއް ލިބޭއިރު، އޮފީސްތައް ނިމޭނީ، 4:00 ނުވަތަ 5:00ގައެވެ.
ދިވެހިރާއްޖޭގައި 1990ގެ ފަހުކޮޅާއި ހަމައަށް ހަފްތާ ބަންދުގެ ގޮތުގައި ކަނޑައަޅާފައި އޮތީ، ބުރާސްފަތި އަދި ހުކުރު ދުވަހެވެ. އޭގެ ފަހުން ހަފްތާ ބަަންދުގެ ގޮތުގައި ހުކުރު ދުވަހާއި ހޮނިހިރު ދުވަސް ހަމަޖެއްސެވިއެވެ. އަދި ރަސްމީ ގަޑީގެ ގޮތުގައި ކަނޑައަޅާފައި އޮތީ، ހެނދުނު 7:30 އިން މެންދުރުފަހު 1:30 އަށެވެ. ރައީސް މައުމޫނުގެ ދައުރުގައި ފަހުން އޮފީސްތަކުގައި ލަންޗް ބްރޭކް ގަޑިއެއް ކަނޑައަޅައި މެންދުރު ފަހު 2:00ގައި އޮފީސްތައް ނިމޭގޮތަށް ހަމަޖެއްސެވިއެވެ.
ރަސްމީ މަސައްކަތު ގަޑިއަށް އެންމެ ބޮޑު ބަދަލެއް ގެންނެވީ 2008 ވަނަ އަހަރު ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެންނެވުމަށް ފަހުގައެވެ. މިގޮތުން ޔޫރަޕްގެ ޤައުމުތަކާއި އެއްގޮތަށް ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 8:00 އިން މެންދުރުފަހު 3:00އަށް ކަމުގައި ހަމަޖެއްސެވިއެވެ. އަދި ލަންޗް ބްރޭކްގެ ގޮތުގައި މެންދުރު 12:00 އިން 1:00އަށް އެއްގަޑިއިރު ކަނޑައެޅުއްވިއެވެ.
ދިވެހިރާއްޖޭގައި މީހުންގެ ދިރިއުޅުމުގެ ހާލަތާއި ޒަމާނަށް އައިސްފައިވާ ބަދަލުތަކާއި އެކު، އަދި ރާއްޖޭގެ ޘަޤާފީ ދީނީ އާދަކާދަތަކަށް ބަލާއިރު ރަސްމީ މަސައްކަތު ދުވަސްތަކުގެ އަދަދާއި މަސައްކަތު ވަގުތަށް ބަދަލެއް ގެންނަން ފެނޭތޯ މިއީ ކުރެވިދާނެ ބަހުސެކެވެ.
މިނިމުނު ހަފްތާގައި ރައްޔިތުންގެ ނޫހުގެ ސަރވޭގައި ސުވާލު ކުރީ، ރަސްމީ މަސައްކަތު ދުވަހުގެ އަދަދާއި ރަސްމީ މަސައްކަތު ގަޑިއާ ގުޅޭ ގޮތުންނެވެ.
ސަރވޭގައި ބައިވެރިވި މީހުންގެ ތެރެއިން، %60 މީހުން ބުނެފައި ވަނީ، ރަސްމީ ދުވަސްތަކުގެ އަދަދު ގިނަ ނޫންކަމަށެވެ. އަދި ރަސްމީ ދުވަސްތަކުގެ ގޮތުގައ ހަފްތާއަކު 5 ދުވަސް އޮންނަން ފެންނަކަމަށް ބުނެފައި ވަނީވެސް %60 މީހުންނެވެ. ހަފްތާއަކު މަސައްކަތު ދުވަހުގެ އަދަދު 4 ދުވަހަށް މަދު ކުރަން ފެންނަކަމަށް ބުނެފައި ވަނީ، %33.3 މީހުންނެވެ. ހަފްތާއަކު 6 ދުވަސް މަސައްކަތު ދުވަހުގެ ގޮތުގައި ކަނޑައެޅުމަށް ފެންނަ ކަމަށް، ބުނެފައި ވަނީ، %6.7 މީހުންނެވެ.
ސަރވޭގައި ބައިވެރިވި މީހުންގެ ތެރެއިން، %60 މީހުން ބުނީ، ރަސްމީ ދުވަސްތަކުގެ އަދަދު 4އަށް މަދު ކުރާނަމަ ހަފްތާ ބަންދު ދުވަހުގެ ގޮތުގައި، ކަނޑައަޅަން ފެންނަނީ، ބުރާސްފަތި، ހުކުރު، އަދި ހޮނިހިރު ދުވަސް ކަމަށެވެ. އަދި މިހާރު ހަފްތާ ބަންދަށް ލިބޭ ދެދުވަހުގައިވެސް އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް އެކަށީގެންވާ ވަގުުތު ނުދެވޭ ކަމުގައި ސަރވޭގައި ބައިވެރިވި މީހުންގެ %73.3 މީހުން ބުނެފައި ވެއެވެ. މީގެ އިތުރުން ސަރވޭގައި ބައިވެރިވި މީހުންގެ ތެރެއިން %53.3 މީހުން ބުނެފައި ވަނީ، ރަސްމީގަޑި މިހާރު އޮންނަ ގޮތް ރަނގަޅު ކަމަށެވެ.
މީގެ އިތުރުން ރަސްމީ ގަޑި ފަށާވަގުތު ހެނދުނު 7:00އަށް އަވަސްކުރުމަށް ފެންނަ ކަމުގައި ސަރވޭގައި ބައިވެރިވި މީހުންގެ ތެރެއިން %46.7 މީހުން ބުނެފައި ވެއެވެ. އަދި މިހާރު އޮންނަ ރަސްމީ ގަޑީގެ ތެރޭގައި ދުވަހުގެ މަސައްކަތްތައް ނިންމާލެވޭ ކަމުގައި ސަރވޭގައި ބައިވެރިވި މީހުންގެ ތެރެއިން %80 މީހުން ބުނެފައި ވެއެވެ.
ރަސްމީ ދުވަސްތަކުގެ އަދަދަށާއި ވަގުތަށް ބަދަލު ގެންނަން ޖެހޭ ކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ. އޭގެ ސަބަބަކަށް ގިނަ މީހުން ފާހަގަކޮށްފައި ވަނީ، ރާއްޖޭގައި ޚާއްޞަކޮށް މާލެ ސަރަހައްދުގައި މީހުންގެ ދިރިއުޅުމުގެ ހާލަތަށް ބަދަލު އައިސްފައި ވުމެވެ. އަދި އަމިއްލަ މަސައްކަތްތައް ކުރުމަށް އިތުރު ވަގުތު ލިބޭނަމަ ފުދުންތެރިކަން އިތުރުކޮށް ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރެވޭނެކަން ގިނަ މީހުން ފާހަގަކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް