ރާއްޖެ

ދެމީހުން ކަނޑަށް ގެއްލުނު ހާދިސާ ހިނގުމާއި އެކު ބިލިއަނަރު ގޯތަމް ސިންގހާނިއާ އަވަހަށް ފުރައިގެން ދިޔުމުން ސުވާލު އުފެދިއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ދެމީހުން ކަނޑަށް ގެއްލުނު ހާދިސާ ހިނގުމާއި އެކު ބިލިއަނަރު ގޯތަމް ސިންގހާނިއާ އަވަހަށް ފުރައިގެން ދިޔުމުން ސުވާލު އުފެދިއްޖެ

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު، ވ. ފެލިދޫ ކައިރީގައި ރޭސިންގ ލޯންޗަކުން ވިއްސައިގެންގޮސް ދެމީހަކު ކަނޑަށް ގެއްލުނު ހާދިސާ ހިނގުމާއިއެކު އެލޯންޗުގެ ވެރިޔާ އަދި ބިލިޔަނަރު، ގޯތަމް ސިންގހާނިއާ ރާއްޖެއިން އަވަހަށް ފުރައިގެން ދިޔުމާއި ގުޅިގެން ސުވާލުތައް އުފެދިއްޖެއެވެ.

އިންޑިއާގެ ބައެއް ނޫސްތަކުންވެސް ރިޕޯޓްކޮށްފައިވާ ގޮތުގައި، ހާދިސާ ހިނގިއިރު، ލޯންޗު ދުއްވާފައި ވަނީ، ރޭމަންޑް ގްރޫޕުގެ މެނޭޖިން ޑިރެކްޓަރު ގޯތަމް ސިންގހާނިއާއެވެ. އެލޯންޗަކީ، ގޯތަމް ސިންގހާނިއާ ޗުއްޓީއަށް ރާއްޖެ އައިއރު އޭނާގެ ޔޮޓާއިއެކު ރާއްޖެ ގެނެސްފައިވާ ލޯންޗެކެވެ. އާދަޔާ ޚިލާފު ބާރު ސްޕީޑުގައި ދުއްވާފައިވާ އެލޯންޗަކީވެސް ރޭސިންގައި ބޭނުންކުރާ ލޯންޗެކެވެ. ލޯންޗު ފުރޮޅާލި ކަމަށް ބެލެވިފައި ވަނީ ބާންޏެއްގައި ޖެހިފައެވެ.

މިހާދިސާގައި ގޯތަމް ސިންގހާނިއާއަށްވެސް އަނިޔާތައް ވިއިރު، އޭނާ ވަނީ، ވ. އަތޮޅު ހޮސްޕިޓަލުން ވަނީ ފަރުވާ ހޯދާފައެވެ. އެހެން ނަމަވެސް އޭނާ ހޮސްޕިޓަލުން ފަރުވާ ހޯދާފައިވަނީ ޕަރސަނަލް އެއްވެސް މައުލޫމާތެއް ހޮސްޕިޓަލަށް ނުދީ ކަމުގައި މައުލޫމާތު ލިބުނެވެ.

ލޯންޗުން މީހުން ވިއްސައިގެން ދިޔުމުގެ ހާދިސާ ހިނގާފައި ވަނީ، ބުރާސްފަތި ދުވަހުގެ ރޭ މެންދަމުގައެވެ. ފުލުހުންނަށް ހާދިސާ ރިޕޯޓްކޮށްފައި ވަނީ، އެރޭގެ 1:15 ހާއިރުގައި ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވެފައިވެއެވެ.

ހާދިސާ އާއި ގުޅިގެން އެލޯންޗު ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް އިރު ގޯތަމް ސިންގހާނިއާ ހިމެނޭގޮތުން އަނިޔާވި 3 މީހުންވެސް ހުކުރު ދުވަހުގެ ހެނދުނު ރާއްޖެއިން ފުރައިގެން ގޮސްފައެވެ.

މިހާދިސާގައި ގޯތަމް ސިންގހާނިއާއަށް ލިބިފައި ވަނީ ވަރަށް ކުދިކުދި އަނިޔާތަކެކެވެ. އަދި އެހާދިސާގައި ދެމީހަކު ކަނޑަށް ގެއްލިފައި ވަނިކޮށް ގޯތަމް ސިންގހާނިއާއަށް ރާއްޖެއިން ފުރައިގެން ދެވުނު ސަބަބަކާއި ގުޅޭ ގޮތުން ފުލުހުންނާއި ކުރި ސުވާލަށް ޖަވާބެއް ނުލިބެއެވެ.

އެލޯންޗުގައި ހުންނަނީ 5 މީހުންގެ ޖާގަ ކަމަށް ވާއިރު، ލޯންޗު ފުރޮޅާލި އިރު އޭގައި 7 މީހުން ތިއްބެވެ. އޭގެ ތެރޭގައި ދެ އަންހެނުންވެސް ހިމެނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް