ރާއްޖެ

ހޯމް ސްކޫލިންގ ތަޢާރަފްކޮށްދެއްވުމަށް އެދިއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހޯމް ސްކޫލިންގ ތަޢާރަފްކޮށްދެއްވުމަށް އެދިއްޖެ

ރައީސުލްޖުމްހޫރިއްޔާ ގަލޮޅުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި ހޯމް ސްކޫލިން ތަޢާރަފްކޮށްދެއްވުމަށް ކުރީގެ މިނިސްޓަރ ރާޝިދާ ޔޫސުފް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިވަޑައިގެންފިއެވެ.

ކުރީގެ މިނިސްޓަރ ރާޝިދާ ޔޫސުފް މިކަމަށް އެދިވަޑައިގަތީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގަލޮޅުގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް، އަންގާރަ ދުވަހުގެރޭ އިމާދުއްދީން ސްކޫލުގައި ބޭއްވި ބައްދަލުުވުމުގައެވެ.

ކުރީ ސަރުކާރުތަކުގައިވެސް އިސްކޮށް މަސައްކަތް ކުރެއްވި ވަޒީރެއްގެ ހައިސިއްޔަތުން ލިބިވަޑައިގެންފައިވާ ތަޖުރިބާތައްވެސް އެކަމަނާ ވަނީ ޙިއްޞާކުރައްވާފައެވެ. ރާޝިދާގެ ވާހަކަފުޅުގައި ރާއްޖޭގެ ތަޢުލީމީ ނިޒާމާއި މެދު އޮތް ކަންބޮޑުވުންތައް ވަރަށް ބޮޑަށް ފާޅުކުރެއްވިއެވެ. އަދި ޚާއްޞަކޮށް މާލެ ސަރަހައްދުގެ ސްކޫލުތަކުގައި ކުދިން ގިނަވެ ދެ ދަންފަޅިއަަށް ބަދަލުކުރަންޖެހުންފަދަ ކަންތައްތަކުގެ ސަބަބުން ކިޔެވުމާއި ކިޔަވައިދިނުމުގެ ކަންކަން އިތުރަށް ދަތިވަމުންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ސްކޫލުތައް ހިންގަވަން ތިއްބަވާ ބޭފުޅުންނަށްވެސް ކުޅަދާނަ ނުވާވަރަށް ސްކޫލުތަކުގައި ކުދިން ގިނަކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުގެ ކަންބޮޑުވުމަކީ، ސްކޫލުތަކުގެ ޓީޗަރުންނާއި ދަރިވަރުންނާއި، ބެލެނިވެރިން ހަމަޖެހިލައިގެން ނޭވާލާނެ ވަގުތުކޮޅެއް ނުލިބޭތީ. މިހާރު ސްކޫލުތަކުގައި ހުސް މުބާރާތް އޮންނަހެން އަޅުގަނޑަށް ހީވަނީ. ކިޔެވުންވެސް ހަމަ ބޮޑު މުބާރާތަަކަށް ވެއްޖެ. އެކްސްޓްރާ އެކްޓިވިޓީވެސް މުބާރާތަކަށް ވެއްޖެ. ދުވަސްތައް ފާހަގަކުރުންވެސް މުބާރާތަކަށް ވެއްޖެ. ހުރިހާކަމެއްވެސް މިބަދަލުވީ މުބާރާތަކަށް." ރާޝިދާ ވިދާޅުވިއެވެ.

ކުރީގެ މިނިސްޓަރ ރާޝިދާ ވިދާޅުވީ، އެބަދަލު އައީ ދެއަހަރަކުން ނޫންކަމަށާއި، އެގޮތަށް ސްކޫލުތައް ހިނގާތާ އެތައް އަހަރެއް ވެއްޖެ ކަމަށެވެ. އަދި އެކަމަނާ ސްކޫލެއް ހިންގެވި އިރުވެސް އެކަން އޮތީ ފެށިފައި ކަމަށާއި، މިހާރުގެ ހާލަތު ގޮސްފައިވާ ހިސާބުން، ދަރިވަރުންނާއި ބެލެނިވެރިންގެ ނަފްސާނީ ޙާލަތަށް އަސަރުކުރާ ކަމަށާއި، ހަމަ އެއާއި އެކު ވަށައިޖެހޭ ތަޢުލީމެއް ލިބިގެން ސްކޫލުތަކުން ނުކުންނަ ކުދިންގެ އަދަދުވެސް ވަރަށް މަދު ކަމުގައި ރާޝިދާ ވިދާޅުވިއެވެ.

ރާޝިދާ ވިދާޅުވީ، މިއަދު ހުރި މައްސަލަތައް ދިރާސާކޮށް އައު ގޮތްތައް ހޯދަން ޖެހޭ ކަމަށާއި، އެގޮތުން ރާއްޖޭގައި ހޯމް ސްކޫލިން ތަޢާރަފްކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

share

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

0/1000 އަކުރު

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ. އަދަބުވެރި ގޮތުގައި ބަހުސް ކުރައްވާ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް