އީރާންގެ ހަމަލާއެއްގައި ނަތަންޔާހޫ މަރާލެވިއްޖެތަ؟
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އީރާނުގެ ބާރުގަދަ ހަމަލާއެއް އަމާޒުވި ބެއިތު ޝެމެޝްއަށް ލިބުނު ގެއްލުންތައް ނަތަންޔާހޫ ބައްލަވާލައްވަނީ --
އީރާނުގެ ހަމަލާއެއްގައި އިޒްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ މަރާލެވިއްޖެ ކަމަށް ބުނާ ޚަބަރުތައް މިދެތިން ދުވަހު ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ދައުރުކޮށްފިއެވެ.
ނަތަންޔާހޫ މަރުވެއްޖެ ކަމުގެ އަޑުތައް ގަދަވީ، އީރާނުގެ ހަމަލާއެއްގައި، ނަތަންޔާހޫ މަރުވެފައި ނުވަތަ ވަރަށްބޮޑަށް ޒަޚަމްވެފައިވާ ކަމަށް، އީރާނުގެ ބައެއް މީޑިއާތަކުން ރިޕޯޓުކުރުމާއި ގުޅިގެންނެވެ. އެހެން ނަމަވެސް އެއީ އީރާނުން ކުރި އަންދާޒާއެކެވެ. މީގެ އިތުރުން ނަތަންޔާހޫގެ އާއިލީ މީހަކާއި، އިޒްރޭލު ސަރުކާރު ބައެއް މިނިސްޓަރުންވެސް މަރާލާފައިވާ ކަމަށް ޚަބަރު ފެތުރި ނަމަވެސް އެއިން އެއްވެސް ޚަބަރެއްގެ ސައްޚަކަން މިހާތަނަށް އިޒްރޭލުން ކަށަވަރުކޮށްދީފައެއް ނުވެއެވެ. މީގެ އިތުރުން އިޒްރާއީލުން ގެންދަނީ، އީރާނުގެ ހަމަލާތަކުގައި އިޒްރޭލަށް ލިބެމުންދާ ގެއްލުންތަކާއި، މަރުވާ މީހުންގެ އަދަދުތައް ވަރަށް ބޮޑަށް ސިއްރު ކުރަމުންނެވެ. އަދި ހަމަލާތައް އަމާޒުވާ ތަންތަނުގެ ފޮޓޯ އާއި ވީޑިއޯ ސޯޝަލްމީޑިއާގައި ޕޯސްޓްކުރާ ފަރާތްތަކަށް އަދަބު ދޭނެ ކަމުގައި އިޒްރޭލުން އިންޒާރުކޮށްފައި ވެއެވެ.
ނަތަންޔާހޫ މަރުވެއްޖެ ކަމަށް ބުނެ، ތޯތޯ ވާހަކަތައް ފަތުރަމުން ދިޔަ ނަމަވެސް، އެއީ ދޮގު ޚަބަރެއްކަން ނުވަތަ ތެދު ޚަބަރެއްކަންވެސް ރަސްމީ އެއްވެސް ފަރާތަކުން ޔަޤީންކޮށްދީފައެއް ނުވެއެވެ. އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ، މާރިޗުމަހުގެ 9 ވަނަ ދުވަހު އަޝްދޮދުގައި ހުންނަ އިޒްރާއީލުގެ ވިޔަފާރި ބަނދަރަށް ޒިޔާރަތް ކުރައްވައި އެތަނުގައި ހުންނަވައިގެން، އިޒްރޭލުގެ މީޑިއާތަކަށް ޓީވީ އިންޓަވިއުއެއް ދެއްވާފައެވެ. އެކަމަކު އެއީ ލައިވްކޮށް ދެއްކި އިންޓަވިއު އެއް ނޫނެވެ.
ހަނގުރާމަ ފެށުނު ފަހުން އާއްމުކޮށް ނަތަންޔާހޫ ދެއްވަމުން އައި ވީޑިއޯ ބަޔާންތައް ފާއިތުވި ދެތިން ދުވަހު ވަނީ މަޑު ޖެހިފައެވެ. އަދި ނަތަންޔާހޫ އާއްމުންގެ ތެރެއިން ނުފެންނަނީ އޭނާގެ ސެކިއުރިޓީ ވަރުގަދަކޮށްފައިވާތީ ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް