ފެނަކައިގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން އަންގައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ދައުލަގެ ކުންފުނިތަކުގެ ތެރެއިން މާލީ ހާލަތު އެންމެ ގޯސް ކުންފުނިކަމުގައިވާ، ފެނަކަ ކޯޕަރޭޝަންގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް އަންގައި މާލިއްޔަތު ކޮމިޓީން ތައްްޔާރުކުރި ރިޕޯޓް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މިރިޕޯޓް ފާސްކުރުމަށް ފެނޭތޯ އެހުމުން ވޯޓުގައި ބައިވެރިވި 53 މެމްބަރުންގެ އިއްތިފާޤުން ވަނީ ރިޕޯޓް ފާސްކޮށްފައެވެ.
2021 އިން 2023 އަށް ފެނަކައިގެ އައްޑޫ ސިޓީ ބްރާންޗުން ހިންގި ޕްރޮޖެކްޓުތަކުގެ ހާއްސަ އޮޑިޓު ރިޕޯޓު ދިރާސާކުރުމަށް ފަހު މާލިއްޔަތު ކޮމިޓީން ތައްޔާރުކުރި ރިޕޯޓުގައި، ގިނަ ކަންތައްތަކެއް ކުރުމަށް ވަނީ އަންގާފައެވެ.
އޭގެ ތެރޭގައި ޖުމުލަ 23 ކަމެއް ހިމެނެއެވެ. މިގޮތުން ހިމެނޭ މުހިއްމު ބައެއް ކަންކަމަކީ؛
ކޮރަޕްޝަނާއި ޚިޔާނާތުގެ ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްސަލަތައް، ފުލުހުންނަށާއި އޭސީސީއަށް ހުށައަޅައި މައްސަލަތައް ކުރިޔަށްދާ ގޮތް މާލިއްޔަތު ކޮމިޓީއަށް އެންގުން.
މަނީ ލޯންޑަރިންގެ ތުހުމަތު ކުރެވޭ މައްސަލަތައް ފުލުހުންނަށް ހުށައަޅައި ތަޙްޤީޤުކުރުން
ކޮރަޕްޝަންގެ މައްސަލަތަކުގެ އިނިޝިއަލް ރިޕޯޓްގެ ގެ ހޯދުންތައް މިއަދުންފެށިގެން 30 ދުވަހުގެ ތެރޭގައި މާލިއްޔަތު ކޮމިޓީއަށް ހުށައެޅުން.
ކުންފުނި ރައިޓް ސައިޒު ކުރުމާއި އެކު މުވައްޒަފުންގެ އޮނިގަނޑު އެކުލަވާލައި މިއަދުންފެށިގެން 30 ދުވަހުގެ ތެރޭގައި ހުށައެޅުން.
ކުންފުނީގެ އިންޓާނަލް ސްޓޭންޑަރޑް އޮޕަރޭޓިން ޕްރޮސީޖަރ އާއި ޕްރޮކިއުމެންޓް ޕޮލިސީ އިސްލާހުކޮށް، 45 ދުވަހުގެ ތެރޭގައި ހުށައެޅުން.
ޕެޓީކޭޝް ޚަރަދު ކުރުމާއި ބެލެހެއްޓުމުގެ ޤަވާއިދުތައް 30 ދުވަހުގެ ތެރޭގައި މުރާޖަޢާކޮށް ހުށައެޅުން
ފެނަކައަށް ލިބެންޖެހި ނުލިބި ހުރި ފައިސާގެ މައުލޫމާތުތައް ކޮންމެ މަހަކު އެއްފަހަރު މަޖިލީހަށް ފޮނުވުން.
ނަރުދަމާ ނިޒާމުތަކުގައި އެސްޕީޓީ ޤާއިމްކުރުމަށް އެންގުން
މުވައްޒަފުންނާއި ގުޅޭ ގޮތުން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތައް ތަޙްޤީޤީ އިދާރާތަކުން ބަލައި ނިމެންދެން އެމައްސަލަތަކުގައި ޝާމިލްވާ މުވައްޒަފުން ވަގުތީ ގޮތުން ސަސްޕެންޑް ކުރުން.
ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން، ފެނަކައަކީ، އެންމެ ހާލަތު ގޯސް ކުންފުންޏެވެ. އެމްޑީޕީ ސަރުކާރުގެ ދުވަސް ވަރުގަޔާއި މިސަރުކާރުގައިވެސް އެކުންފުންޏަށް ސިޔާސީ ބޭނުމަށް އެތައް މުވައްޒަަފުންނެސް ވައްދާފައި ވާއިރު، އެކަމުގެ ސަބަބުންވެސް ކުންފުނީގެ މާލީ ހާލަތު އިތުރަށް ގޯސްވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް