ފެނަކަ މުވައްޒަފުން ވަކިކުރި މައްސަލައިގައި ފޯކައިދޫގައި އިޙްތިޖާޖުކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ފޯކައިދޫ ފެނަކައިގެ ވަޒީފާއިން ވަކިކުރި ބައެއް މުވައްޒަފުންނާއި އެކު ފޯކައިދޫ ކައުންސިލުން ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ؛ ފޯކައިދޫ ކައުންސިލް
ފެނަކަ ފޯކައިދޫ ބުރާންޗުން އެއްވެސް އިންޒާރެއް ދިނުމެއް ނެތި މުވައްޒަފުންތަކެއް ވަކިކުރުމާއި ގުޅިގެން އެރަށު ގިނަ އަދަދެއްގެ ބަޔަކު ފެނަކަ ފޯކައިދޫ ބުރާންޗް ދޮށުގައި އިހްތިޖާޖްކޮށްފިއެވެ.
އިހްތިޖާޖްގެ ބައިވެރިން ގޮވާލާފައިވަނީ ވަކި ކުރި މުވައްޒަފުންގެ ވަޒީފާތައް އަލުން އިޔާދަކުރުމަށާއި، ބުރާންޗްގެ އިސްވެރިން މުވައްޒަފުންގެ އާއިލާތަކަށް ޖަވާބުދާރީވުމަށެވެ. އަދި މުވައްޒަފުންތައް ވަކިކުރުމަކީ ހިންގާފައިވާ ބޮޑު ޖަރީމާއެއް ކަމަށާއި، ރައީސް މުއިއްޒު އަދި ބުރާންޗްގެ ވެރިންގެ އިސްތިއުފާއަށް ވެސް ވަނީ ގޮވާލާފައެވެ.
މުވައްޒަފުންގެ އާއިލާތަކަށް ޖަވާބުދާރީ ވުމަށް ބުރާންޗުގެ އިސްވެރިން ހާޒިރުކޮށްދިނުމަށް ފުލުހުންގެ ކިބައިން އެދޭކަމަށާއި މިކަމުގައި ސިލްސިލާ އިހްތިޖާޖުތަކެއް ކުރަންވެސް ތައްޔާރަށް ތިބިކަމަށް އިހްތިޖާޖުގެ ބައިވެރިން ވަނީ ބުނެފައެވެ. އަދި މުވައްޒަފުން ވަކިކުރަމުންދާ ރަށްރަށުގައި، އެރަށެއްގައި ހުރި ފެނަކަ ބުރާންޗް ދޮށުގައި ވަކި ކުރަމުންދާ މުވައްޒަފުންގެ ހައްޤުގައި އަޑުއުފުލާ އިހްތިޖާޖު ކުރުމަށްވެސް ވަނީ ގޮވާލާފައެވެ.
ފޯކައިދޫ ބުރާންޗުން ވަކިކުރި ހުރިހާ މުވައްޒަފުން ވެސް ވަކިކޮށްފައި ވަނީ އެއްވެސް ނޯޓިހެއް ދިނުމަކާނުލާ ވަޒީފާއާބެހޭ ޤާނޫނުގައި ލާޒިމްކުރާ ނޯޓިސްގެ މުއްދަތަށްވާ ފައިސާ 14 ދުވަހުގެ ތެރޭގައި ދޭގޮތަށް ކަމުގައި މައުލޫމާތު ލިބެއެވެ. އެއްވެސް އިންޒާރަކާއި ނުލައި ކުއްލި ގޮތަކަށް ށ.ފޯކައިދޫ ފެނަކަ ބުރާންޗުގައި މަސައްކަތްކުރާ 13 މުވައްޒަފުން ވަޒީފާއިން ވަކިކޮށް 13 އާއިލާ ބިކަކޮށްލި މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ފޯކައިދޫ ކައުންސިލުންވެސް ނޫސް ބަޔާނެއް ވެސް ވަނީ ނެރެފައެވެ.
27 އޮގަސްޓް ގައި ހއ މާރަންދޫ ފެނަކަ ބުރާންޗުން ވެސް އެއްވެސް އިންޒާރަކާއި ނުލާ ވަނީ 13 މުއައްޒަފަކު ވަކިކޮއްފައެވެ .އެކަމާއި ގުޅިގެން މާރަންދޫ ކައުންސިލުންވެސް ވަނީ އެކަން ކުށްވެރިކޮށް ނޫސް ބަޔާން ނެރެފައެވެ. ފެނަކައިން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރަމުން ދަނީ ރިޓަންޑަންސީ އުސޫލުގެ ދަށުން ކުންފުނި ރައިޓް ސައިޒް ކުރުމުގެ ގޮތުން ކަމުގައި މައުލޫމާތުލިބިފައިވެއެވެ.
ޚަބަރު ލިޔުނީ: ޙަސަން ސާތިޢު - ރަށު ރިޕޯޓަރ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް