ދިގު ވާހަކަ: ހިތާމައިގެ ރާނީ (8)
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ހިތާމައިގެ ރާނީ
ތެލިތައް ކިހިލިޖަހައިގެން އަނެއް އަތުން އާޝިޔާ އަތުލަވައިގެން ބީފާނަށް އައިސް ގޯތިތެރެއަށް ވަދެވުނު އިރު ރަޙްމާން އޮތީ، ބަނބުކެޔޮ ގަސްދޮށުގައި ހުރި ފަތްޖެހި އެނދުގައި އޮށޯވެގެންނެވެ. ކައިރީގައި އޭނާ ހިނގަން ގެންގުޅޭ އަސާގަނޑު އެނދުގައި ލައްގާލާފައި ހުއްޓެވެ. ކިރިޔާވެސް ތެދުވެ އުޅެވެންޏާއި އޭނާ ބޭރަށް ނުކުމެއެވެ.
ދޮވެގެން ގެނައި، ތެލިތައް ބަދިގެ ކައިރީގައި ހުރި އޮށިއަށީގަނޑު މަތީގައި ބަހައްޓާފައި ބީފާނު އައިސް އިށީނީ، ރަޙްމާނުގެ މަގަތުން ފަތްޖެހި އެނދުގައެވެ. ކުޑަކުޑަ އާޝިޔާ ގޮސް ވަނީ ގޭތެރެއަށެވެ.
"ނައިބުގޭ އާތިފާ އެބައުޅޭ އައިސްގެން. ދެންމެ ގޮނޑު ދޮށުން ދިމާވި." ވާހަކަފެށީ ބީފާނެވެ.
"ނައިބު ބޭ ނެތް ދުނިޔޭގައި އެކުދިންނާއި އަހަރެމެންނާއި އޮންނާނީ ކޮންގުޅުމެއް. ތިޔައިން ކުއްޖަކަށް އަހަރެމެން ފެނުނަސް ނޭނގޭނެ." ރަޙްމާން ބުންޏެވެ. އެކަމާއި އެއްބަސްވުމުގެ ގޮތުން ބީފާނުވެސް ހީލިއެވެ.
ބީފާނުގެ ހަނދާންތައްވެސް އުދުހިގެން ދިޔައީ، މާދުރު މާޒީއަކަށެވެ. މީގެ ފަންސާހަކަށް އަހަރު ކުރިޔަށެވެ. އެއީ ރަށްފުށުގެ އެކުވެރިކަމާއި އެއްބައިވަންތަ ކަމުގެ މާޒީއެވެ. އެއީ ފޮނި ހަނދާންތަކަކުން، ބީފާނާއި ރަޙްމާނު ފަދަ އެތައް ބަޔަކަށް ދިރުންދޭ މާޒީއެވެ. އޭރު ފޮޓޯ ނަގާނެ ކެމެރާ ހުރި ނަމަ އެމަންޒަރުތައް ދެކެފައި މިއަދުގެ ކުދިން އަންތަރީސް ވެއްޖައީހެވެ.
ނައިބުގެއަކީ ބުރުނީގެ އެންމެ މުއްސަނދިގެއެވެ. އެއީ ރަށުގެ އެންމެން ޖަމާވާގެއެވެ. އެގޭގެ ބަދިގެ ފައްޗަކީ، ރަށުގެ އެންމެން ޖަމާވާތަނެކެވެ. ސިލޯނާއި ބަންގާޅަށް ދަތުރުކުރާ ދެ ބައްތެއްޔާއި، މަހަށް ދުއްވާ ހަތަރު ދޯނިން ގެންނަ މުދަލާއި ތަކެތިން އަބަދު އެގޭދޮށް އޮންނާނީ ފުރިފައެވެ. ދަންވަރުން ނުވަތަ ހުކުރުވަގުތު ނޫނީ ވިއްޔާ އެގޭގެ ގޯތިތެރެއާއި މައިގެ ތެރެ އޮންނާނީ މީހުންނާއިގެން ރަކަރަކައަޅާފައެވެ. އަންހެނުންނާއި ފިރިހެނުންގެވެސް ހުނުމާއި ސަކަރާތުގެ އަޑު ކެނޑިގެން ނުދާނެއެވެ. ޚާއްޞަކޮށް މައުލޫދަކަށް ކައްކާނަމަ، ނުވަތަ ސިލޯނަށް ދިޔަ އޮޑިއެއް އަނބުރާ އައި ދުވަހެއްނަމަ ވަކިން އެއުފާވެރިކަން ބޮޑުވާނެއެވެ.
މުޅި ރަށުގެ ނާރެހަކީ ނައިބުގެއެވެ. އަމުރު މައުރޫފު ނުކުންނާނީ، ނައިބުގޭ އުނދޯލިގެއިންނެވެ. އެއީ ނައިބުކަލޭފާނު އިންނަވާ ތަނެވެ. މުހުތާދުތަކާއި ބޭނުންތަކުގައި، އެނޫންވެސް ބޭސްފަރުވާގެ ބޭނުންތަކުގައި އަންނަ މީހުން ތިބޭނީ އެއުނދޯލިގޭގައި ބަހައްޓާފައި ހުންނަ ދިގު ގޮނޑިތަކުގައެވެ. އެހެން ގޮތަކަށް ބުނާނަމަ އެއީ ރަސްކަމެއްގެ ތެރޭގައި ހިނގާ ރަސްކަމެކެވެ. އެކަމަކު ނައިބުކަލޭފާނުގެ ދީލަތިކަމާއި ދޮންދީދީގެ އެކުވެރިކަމާއި އޯގާތެރިކަމާއި އެކު އެގެއާ އެގޭގެ މީހުންދެކެ ލޯބި ނުވާ މީހަކު މުޅި އަތޮޅުގައިވެސް ހުންނާނެއެކޭ ހިޔެއް ނުވެއެވެ.
ރަށުގެ އެހެން މީހުންނެކޭ އެއްގޮތަށް މަންމަޔާއިއެކު ބީފާނުވެސް ނައިބުގެއަށް ކުޑައިރުއްސުރެ ގޮސް އުޅުނެވެ. އެގޮތުގެ މަތިން ފުރާވަރަށް އެޅި އިރު، ވެސް ބީފާނު ގޮސްއުޅުނެވެ. ބައެއް ފަހަރު މަހުކަށި ނަގައިދީ، ނުވަތަ ގަރުދިޔަގަނޑު ފުރާނައިދީ އުޅުނެވެ. އެގޮތަށް ރަށުގެ ކިތަންމެ ބަޔަކު އެގޭ ދޮށަށް ދެއެވެ. އެމީހުން ކުރާ މަސައްކަތެއްކޮށް ނިންމާފައި ގެއަށް އެނބުރިއަންނާނީ ދުވަހުގެ ކޮއްތަށް ވާނެ އެއްޗެއް ހިފައިގެންނެވެ. ގަރުދިޔަ ބޯތައްޓަކާއި މަސްކޮޅެކެވެ. ނުވަތަ ލާއްސެއްގެ ހަނޑޫ ނުވަތަ ކުދި ބަތެވެ. އެއީ މުސާރައެއް ނޫނެވެ. ކަތީބުގޭ ގުދަންތަކުން ރަށުގެ ރައްޔިތުން ބޭނުން އެއްޗެއް ގެންދަން ހުޅުވާލާފައި އޮތް އިރުވެސް މީހުން ގެންދާ މިންވަރެވެ.
ބީފާނާއި ރަޙްމާނު ދިމާވީވެސް ނައިބުގޭ ތެރެއިންނެވެ. ދެމީހުންގެ ގުޅުން ބަދަހިވެ އެކުގައި މަސައްކަތުގައި އުޅޭ ވަގުތުތައް އިތުރުވެ އެންމެ ފަހުން އެކަން އެހެން މީހުންނަށްވެސް ރޭކާލީއެވެ. ބީފާނާއި ރަޙްމާނުގެ ކައިވެނިކޮށްދެއްވީވެސް ނައިބު ކަލޭފާނެވެ. ކަތީބުގާތުގައި ބުނުއްވައިފެން އެދެމަފިރިންނަށް އުތުރު އަވަށުން ގެވަޅެއް ދެއްވިއެވެ. ގެއެއް އަޅާނާ އުވަޔާއި ރުއް ދެއްވިއެވެ. އެއީ ހުރިހާ ރައްޔިތުންނަށްވެސް ނައިބު ކަލޭފާނު ބަހައްޓަވާ ހެޔޮކަމެވެ.
ކައިވެނިކޮށް އައުގެއެއް އަޅައި ދެމަފިރިންގެ ދިރިއުޅުން ހަމަޖެހުނު އިރު، ބީފާނަށް ފުރަތަމަ ދަރިފުޅު ލިބިއްޖެއެވެ. އެއީ ކަތްދައެވެ. ވިހެއުމުގެ ތެރޭގައި ލިބުނު ގެއްލުންތަކުން ބީފާނަށް އެހެން ކުއްޖަކު ނުލިބުނެވެ. އެހެންވެ ބީފާނާއި ރަޙްމާނު ކަތްދަ ބަލައި ބޮޑު ކުރަމުން އައީ ރަނެއް މަލެއް ފަދައިންނެވެ. އެހާވެސް ރައްކާތެރިކަމާއި ލޯބި ދީގެންނެވެ.
"ނައިބުބޭ ނެތީމާ އެ މުދާގަނޑާއި ގެދޮރުވެސް އޮޔާ ދިޔައީ" ބަލި ބަލި އަޑަކުން ރަޙްމާން އެހެން ބުނުމުން ޚިޔާލުތަކުގެ ދުނިޔެއިން ބީފާނަށް ނުކުމެވުނެވެ. އަދި ރަޙްމާނުގެ މޫނަށް އޭނާ ބަލާލިއެވެ. ދުވަސްވެ ރޫޖެހިފައިވާ މޫނާއި ވަޅުވަދެފައިވާ ދެލޮލާއި، ދަތިދަތިކޮށް ލަމުންދާ ނޭވާތަކުން ބުނެދެނީ ވަކިވުމުގެ ވަގުތު ގާތްވަމުން އަންނަނީ ކަމަށެވެ. އިހު ލޯބިން އުޅުނު ޒުވާން އުމުރު ފަހަތަށް އޮބައި ހިނގައްޖެ ކަމަށެވެ. ބީފާނާއި ރަޙްމާނު އެކުގައި ޙަޔާތްވޭތު ކުރާތާ ފަސްދޮޅަހަކަށް އަހަރުވެއްޖެއެވެ. ބުރަ މަސައްކަތާއި ދަތި ދިރިއުޅުމެއްގައި ދެމީހުންވެސް މާ އަވަހަށް މުސްކުޅި ވެއްޖެއެވެ. ބީފާނަށް ވިސްނެނީ އެކަމާއެވެ. ކުރިން ވަކިވާނީ ރަޙުމާނުބާވައެވެ. އެހެން ވެއްޖެނަމަ އޭނާއަށް ވާނީ ކިހިނެއް ހެއްޔެވެ؟ ނުވަތަ ކުރިން ވަކިވާނީ އޭނާ ބާވައެވެ.؟ އެހެން ވެއްޖެ ނަމަ އާޝިޔާ އާއި ރަޙްމާނަށް ވާނީ ކިހިނެއްބާވައެވެ. ޚިޔާލުތަކުގެ ހައިޖާނުގަނޑެއްގެ ތެރޭގައި ބީފާނު އިންދައި އަނެއްކާވެސް ވާހަކަފެށީ ރަޙްމާނެވެ.
"އާތިފާ އެކަނިތަ އައިސް އުޅެނީ." ރަޙްމާނު ސުވާލު ކުރިއެވެ.
"ނޫން އޭނާ އިނދެގެން އުޅޭ ސޮރުވެސް ހުރި، ބުނި ހަވީރު މިގޭ ދޮށަށް އަންނާނަމޭ!" ލިބާސް ރަނގަޅުކޮށްލައި ޅިނދު ސީދާކޮށްލަމުން ބީފާނު ބުންޏެވެ.
"އެއިން ކުއްޖަކަށް ދޭނެ އެއްޗެއް އަހަރެމެން އަތަކު ނެތްދޯ" މޮޅިވެރި ރާގަކަށް ރަޙްމާނު ބުންޏެވެ.
"ތިޔަކަމާ މިވިސްނަނީ. ނަމާދުކޮށްލައިގެން ކެޔޮކޮޅެއް ކަނޑާލަދޭނެ ކުއްޖަކުވޭތޯ ނުކުމެލާނަން." ބަނބުކެޔޮ ގަހާއި ދިމާއަށް މަތި ބަލާލަމުން ބީފާނު ބުންޏެވެ.
ކެޔޮތައް ހަރުވެ ފުރިފައި އޮތް ބަނބުކެޔޮ ގަހެކެވެ. ކަނޑައިދޭނެ މީހަކު ނެތުމުން ފަތިހަށް ދޮން ބަނބުކެޔޮތައް ގަސްދަށަށް ވެރިފައި އޮވެއެވެ. މިހާރުވެސް ބަދިގެ އަށި މަތީގައި އެހުރީ ދޮން ބަނބުކެޔޮ ތައްޓެކެވެ. މަށާފައި ހުރި ކޭލާއި އަދި ވަޅިވެސް ޖައްސާނުލެވި ހުރި ކޭލެވެ. ބަނބުކެޔޮ މޫސުމް ވީމާ، މައިގަނޑު ކެއުމަކީވެސް ބަނބުކޭލާއި ހުންޏާއި ގަރުދިޔައެވެ.
ރަޙްމާން ދެލޯމަރާލިއެވެ. ބީފާނުވެސް ތެދުވެގެން ގޮސް ބަދިގޭގެ ތެރެއަށް ވަނެއެވެ.
-----------
އާތިފާ އާއި އިމާދު ބުރުނީގެ ތުނޑިމަތީގައި ތިއްބެވެ. ދެމީހުންވެސް ތިބީ މުސްތަޤުބަލުގެ ވާހަކަ ދައްކާށެވެ. ކުރިޔަށް ދެން އަމަލުކުރާނެ ގޮތެއްގެ ވާހަކަ ދައްކާށެވެ. ދެމީހުންވެސް ތިބީ ރަނގަޅު ވަޒީފާގައެވެ. މާލޭގައި އިމާދުގެ އަމިއްލަ ގެދޮރު އެބަހުއްޓެވެ. ވިޔަފާރިއެއް އެބައޮތެވެ. ފައިސާ އާއި މުދާ އެބަ އޮތެވެ. އެ ދެމީހުންގެ ޙަޔާތުގައި ނެތީ އެންމެ އުފަލެކެވެ. އެއީ ދަރިއެއްގެ އުފަލެވެ. އެހެންވެ މިހާރު އެމީހުން ނިންމައިގެން ތިބީ އަޅާލާނެ އެއްވެސް މީހަކު ނެތް ކުއްޖަކު ހޯދައިގެން އެމީހުންފެ ދަރިއެއްގެ ގޮތުގައި ބޮޑުކުރާށެވެ.
"މިރަށުގައި ހާދަ ހިތްހަމަޖެހެޔޭ ދޯ؟" އިމާދު ބުންޏެވެ.
" ކޮންކަމަކާ ހިތްހަމަ ޖެހެނީ. މިއޮތީ މިރަށް އޮތް ގޮތް. މުޅި ރަށުތެރޭގައި ދުވަނީ ކުކުޅު." ފޫހި ގޮތަކަށް އާތިފާ ބުންޏެވެ.
" މިރީތި ތުނޑިޔާއި، މިރީތި ފެހިކަމާއި، އަދި މީހުން މަދުކަމާއި ހަމަހިމޭންކަންވެސް އެއީ ކިހާ ބޮޑު ހިތްހަމަޖެހުމެއް" އިމާދު ބުންޏެވެ.
"އަލަށް އާދެވުނީމާ ތިޔަހެން ތި ވިސްނެނީ. ފަނަރައެއްގައި ދުވަހު މިރަށުގައި ހުންނަން ޖެހިއްޖިއްޔާ އެނގިދާނެ ތި ހުންނަ ޝަވްޤެއްވެސް. ބައްޔެއް ވެއްޖިއްޔާ ދުވަސް ދިޔައީ. މިރަށުން ނުލިބޭނެ ހުން ބޭސްގުޅައެއްވެސް." އާތިފާ ތަފްޞިލްކޮށްދިނެވެ.
"އައްދޭ! އުފަން ރަށްދެކެ ހާދަ ފޫއްސެކޭ ތިޔަ ވަނީދޯ؟" އިމާދު މޫދާއި ދިމާއަށް ގާކޮޅެއް އެއްލަމުން ބުންޏެވެ.
"ބައްޕަ ނިޔާވި ފަހުން އަދި އަމުދުން އަހަރެން މިރަށަށް އަންނަ ހިތް ކެނޑިއްޖެ" އާތިފާ ބުންޏެވެ.
" އެތިބަ ދަނީ ކީއްކުރަންދާ ކުދިންތަކެއްތަ؟" ރާޅު ޖަހާ ފަށުން ތުނޑީކޮޅާއި ދިމާއަށް ހިނގަމުންދާ ފުރާވަރުގެ ކުދިންތަކެއް ދައްކަމުން އިމާދު އާތިފާ ކުރެން އެހިއެވެ.
"އެއީ ބޯވަ ނަގަންދާ ކުދިބައެއް ހެން ހީވަނީ" ކުޑައިރުގެ ހަނދާންތަކާއި ތަޖުރިބާގެ އަލީގައި އާތިފާ ގޮތެއް ނިންމިއެވެ.
"އޭ ކޮއްކޯ އާދެބަލަ!" އެކުދިންތަކުގެ ތެރޭގައި އެންމެ ފަހަތުގައި ހުރި ކުއްޖާއަށް ޢިޝާރަތް ކުރަމުން އިމާދުގޮވާލީ އެކުއްޖާ އެނބުރި ބަލާލުމުންނެވެ. ކުޑަކޮށް ހުއްޓިލާފައި ރަނގަޅަށް ބަލާލުމަށްފަހު އެކުއްޖާ އިމާދުމެންގެ ކައިރިއަށް އައީ ކުޑަކޮށް ދުވެފައެވެ.
"ކިހިނެއްވީ؟" ހައިރާންކަމާއި ސުވާލުގެ ނަޒަރަކުން އިމާދަށް ބަލާލަމުން އެކުއްޖާ އެހިއެވެ.
"ގުރޫޕް ހަދާފައި ތިޔަ ދަނީ ކޮންތާކަށް." އިމާދު އެހިއެވެ.
"މިތަނުން ބޯވައެއް ނަގަން މިދަނީ." ޖަވާބުގައި އެކުއްޖާ ބުންޏެވެ.
"ބޮޑު ބޯވައެއް ގެނެސްދެއްޗޭ." ހީލަމުން އިމާދު ބުންޏެވެ. އާނއެނކޭ ބުނެ ބޯޖަހާލާފައި އެކުއްޖާ އެނބުރި ދުވެގޮސް އެހެން ކުދިންނާއި އަރައި ހަމަކޮށްފިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް