ރިޕޯޓް

ފާރުތަޅާލައިގެން މީހުން ސަލާމަތް ނުކުރެވުނު ނަމަ މަރުވި މީހުންގެ އަދަދު ވަރަށް ގިނަވީސް

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ފާރުތަޅާލައިގެން މީހުން ސަލާމަތް ނުކުރެވުނު ނަމަ މަރުވި މީހުންގެ އަދަދު ވަރަށް ގިނަވީސް

ރޭ އދ. ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާއަކީ، ރާއްޖޭގެ މިފަހުގެ ތާރީޚުގައި ދެވަނައަށް އެންމެ ގިނަ ބަޔަކު މަރުވި އަލިފާނުގެ ހާދިސާއެވެ. ބިދޭސީން ދިރިއުޅެމުން ދިޔަ ތަނުގައި ހިނގި އަލިފާނުގެ އެ ހާދިސާ އާއި ގުޅިގެން 5 މީހުން މަރުވިއެވެ. ރާއްޖޭގައި އެންމެ ގިނަ މީހުން އެއްފަހަރާ މަރުވީ، 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 09ވަނަ ދުވަހުގެ ރޭ، މ. ނިރުފެހިގޭގައި ހިނގިއަލިފާނުގެ ހާދިސާގައެވެ. އެހާދިސާގައި 10 މީހުން މަރުވިއެވެ.

ރޭ އދ. ދިގުރަށުގައި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ، އެރަށު މީހެއްގެ ކުންފުންޏެއްގައި މަސައްކަތް ކުރާ ބިދޭސީން ދިރިއުޅޭ ގެ އެއްގައެވެ. އެގޭގައި އަލިފާން ރޯވެފައި ވަނީ ރޭގެ މެންދަމު 2:00 ހާއިރުގައި ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

Uploaded image

ރޭގެ ހާދިސާއާ ގުޅޭ ގޮތުން މައުލޫމާތު ދެމުން، ބިދޭސީ މީހަކު ބުނެފައި ވަނީ އަލިފާނުގެ ހާދިސާ ހިނގީ ގޭސްފުޅި ގޮވައިގެން ކަމަށެވެ. އަދި ބާރުއަޑުފައްގަނޑަކާއި އެކު ގޭސްފުޅި ގޮވުމާއެކު މުޅި ބަދިގެ ތެރޭގައި ރޯވީ ކަމަށެވެ.

އޭނާ ކިޔައިދިން ގޮތުގައި ބިދޭސީން ދިރިއުޅޭ އެތަނުގައި އެމީހުން ނިދާ ކޮޓަރިއަށް ވަދެވެން ހުންނަނީ، ބަދިގެއާ ކާގޭގެ ގޮތުގައި ބޭނުންކުރާ ކޮޓަރީގެ ތެރެއިންނެވެ. އެހެންވެ އެތަނުގައި ރޯވުމާއި އެކު ކޮޓަރިތެރޭގައި ތިބި ތިރީހަކަށް މީހުން ނުނުކުމެވި ތާށިވީއެވެ.

އޭނާ ކިޔައިދިން ގޮތުގައި އަލިފާންގަނޑު މުޅިތަނަށް ފެތުރިގެން ދިޔައީ، މަތީގައި ހޫނުމަޑުކުރުމަށް ޓިނުތަކުގެ ދަށުން ޖަހާފައި ހުރި، ސިންތެޓިކް ރަބަރ ޝީޓްތަކުގައި ރޯވެގެންނެވެ. އަދި ކޮޓަރިތެރޭގައި ދުންގަނޑު ބޯވެ މީހުންނަށް ނޭވާ ނުލެވުނީ ކަމަށްވެސް އޭނާ ބުންޏެވެ.

Uploaded image

މައުލޫމާތު ދިން މީހާ ކިޔައިދިން ގޮތުގައި މީހުން ސަލާމަތްކުރީ އެކުންފުނީގެ އެހެން ބަޔަކު، މީހުންތާށިވެފައި ތިބި ކޮޓަރީގެ ބޭރަށް ހުރި ފާރުތަޅާލައިގެންނެވެ. އެހެން ނަމަވެސް އޭރުވެސް ބައެއް މީހުން ނޭވާ ހާސްވެ ޚަބަރު ހުސްވެއްޖެ ކަމުގައި އޭނާ ބުންޏެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ފާރުތަޅާލީ ފުލުހުންނާއި އާއްމުން ގުޅިގެން ކުރި މަސައްކަތުން ކަމަށާއި، ފާރުތަޅާލި އިރު އެތެރޭގައި 7 މީހުން ޚަބަރު ހުސްވެފައި އޮތް ކަމަށެވެ. އެމީހުން ނެރެގެން ދިގުރަށުގެ ސިއްޙީމަރުކަޒަށް ގެންދިޔައިރު އޭގެތެރެއިން 5 މީހަކު ވަނީ ނިޔާވެފައި ކަމަށްވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

މިހާދިސާގައި 5 މީހަކު މަރުވި އިރު އޭގެ ތެރޭގައި އުމުރުން ދުވަސްވީ ދެމީހާކާއި ވަރަށް ޒުވާން ތިން މީހަކު ހިމެނޭކަމުގައި މައުލޫމާތު ދިން ފަރާތުން ބުންޏެވެ. މިހާދިސާގައި ފިހިގެން އަނިޔާވި 2 މީހަކަށް ވެންޓިލޭޓަރުގައި ބާއްވައިގެން އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނައިރު، މަރުވި މީހުންގެ ހަށިތައްވެސް މިއަދު ހަވީރު ވަނީ މާލެ ގެނެސްފައެވެ.

އަލިފާނުގެ މިހާދިސާ އާއި ގުޅިގެން ފުލުހުންގެ އިދާރާއިން އަންނަނީ ޚާއްޞަ ތަޙްޤީޤެއް ހިންގަމުންނެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެގޭގައި ރޯވިކަމުގެ މައުލޫމާތު ފުލުހުންނަަށް ލިބުނީ ރޭގެ ދަންވަރު 1:57 ހާއިރުގައި ކަމަށާއި، އާންމުންނާއި ފުލުހުން ގުޅިގެން ކުރެވުނު މަސައްކަތުން މި އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވިފައިވަނީ ގާތްގަނޑަކަށް 02:30 އެހައިކަންހާއިރު ކަމަށެވެ.

މީގެ އިތުރުން މިހާދިސާ އާއި ގުޅިގެން، އެޗްއާރްސީއެމްއިން ބުނެފައި ވަނީ، މި ހާދިސާގެ ވަށައިގެންވާ ކަންތައްތަކުގެ ތެރޭގައި އެއްވެސް އިންސާނީ ހައްގެއް ގެއްލި ނުވަތަ ހަނިވާނެ ފަދަ ކަމެއް ހިނގާފައިވޭތޯ އެ ކޮމިޝަނުން ގާތުން ބަލަމުންދާކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް