ޒިންމާ ނަގާނެ ބަޔަކު ނެތް، ބަޔާނެއް ނެރެލާނެ މުއައްސަސާއެއްވެސް ނެތް
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މ. ޗީޒް އިބްރާހީމް އަޛާން ސުހައިލްގެ މަހާނަ --- ފޮޓޯ: މިދުއަމް ސަޢުދު
ހަލުވި ދަތުރުފަތުރުގެ ވަޞީލަތްތަކުން ގުޅިލާމެހިފައިވާ ދުނިޔެއެއްގައި، އެންމެ 100 ޑޮލަރުގެ އަގު ހެޔޮ، އަދި މުށުތެރެއަށް ލެވޭވަރުގެ ކުޑަ ޓިއުބެއް ނުގެނެވި 8 މަސްދުވަސްވެ ތުއްތު ކުއްޖަކު ނިޔާވާން މެދުވެރިވުމަކީ، ކޮން ހަމަޔަކުން ކޮން ޢިބާރާތަކުން އެކަމުން ރެކި ގަނެވޭނެ ކަމެއް ހެއްޔެވެ؟ އެހެން ނަމަވެސް ކުރިއަރާފައިވާ މި 21 ވަނަ ޤަރުނުގައި، ހަލުވި ޓްރާންސްޕޯޓުން ދުނިޔެއާ ގުޅިލާމެހިފައިވާ މި ދިވެހިރާއްޖޭގައި، 25 މާރިޗު 2026ގައި އުމުރުން 06 އަހަރުގެ ކުޑަކުއްޖަކު ވަނީ، ނިޔާވެފައެވެ.
ވީމާ، އެ ކުޑަކުއްޖާގެ މަރުގެ ސަބަބު ގޮސް މިގުޅެނީ، ކަމާއި ބެހޭ ފަރާތްތަކުގެ މިއިޙުމާލު ވުމާއެވެ. މިކަމުގައި ވަށައިގެންވާ ކަންކަމަށް ބަލާއިރު، މިނިސްޓްރީ އޮފެ ހެލްތާއި، ނޭޝަނަލް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އާއި، އާސަންދަ ޕްރައިވެޓް ލިމިޓެޑާއި، އައިޖީއެމްއެޗާއި އެސްޓީއޯގެ އިހުމާލުވުން އެބައޮތެވެ. އެހެން ނަމަވެސް މިކަމުގައި ޒިންމާވާން ޖެހޭ ފަރާތްތަކުން ޒިންމާ އުފުލުމާއި އެ އިޙުމާލުގެ މައްޗަށް އެފަރާތްތަކަށް ފިޔަވަޅެއް އެޅުމަކީ ވެދާނެ ކަމެއް ކަމުގައި ރައްޔިތުން ޤަބޫލެއް ނުކުރެއެވެ.
މ. ޗީޒް އިބްރާހީމް އަޛާން ސުހައިލްއަކީ، އުފަންވުމުގައި ވެސް ނުކުޅެދުންތެރިކަން ހުރި ކުއްޖެކެވެ. އެކުއްޖާއަކީ، ސެރަބަލް ޕަލްސީގެ ބަލި ކުއްޖެކެވެ. އަމިއްލައަށް އެއްވެސް ކަމެއް ނުކުރެވޭ ކުއްޖެކެވެ. އެހެންކަމުން އެކުއްޖާއަށް ކާންދިނުމަށްވެސް ޖެހެނީ ހޮޅިއެއް ބޭނުން ކުރާށެވެ.
އަޛާންގެ މަންމަ އާމިނަތު ޔަޝްފާ، ސޯޝަލް މީޑިއާގައި ވަނީ އެކަމުގެ ކަންބޮޑުވުން ޙިއްޞާކޮށްފައެވެ. ޔަޝްފާ ފާހަގަކޮށްފައިވާ ގޮތުގައި، ކާއެއްޗެހި ގޮހޮރަށް ފޮނުވުމަށް ބަނޑަށް ލައްވަންޖެހޭ ހާއްސަ ހޮޅިކޮޅު (ފީޑިންގ ޓިއުބް) ބަދަލުކުރުމަށް، އެސްޓީއޯ މެދުވެރިކޮށް އެންސްޕާއިން އެ ގެނެސް ދިނުމަށް 8 މަހަށް ވުރެ ގިނަ ދުވަސް ހޭދަވި އިރު، ކުއްޖާއަށް އިތުރު ޞިއްޙީމައްސަލަތައް ދިމާވެ ހާލު ދެރަވެ އޮތީ އައިސީޔޫއަށް ލާފައެވެ.
ޔަޝްފާ ފާހަގަ ކޮށްފައިވާ ގޮތުގައި، އަޛާން އަށް ބޭނުންވާ ދެ ޕެޖްއަށް 2025 ވަނަ އޮގަސްޓް މަހުގައެވެ. އެހެން ނަމަވެސް އެންސްޕާގެ އެޕްރޫވަލް ނުލިބޭތީ، އެސްޓީއޯއިން އެއަށް އޯޑަރނުކޮށް އޮތްކަން އަންގާފައި ވަނީ، މިމާރިޗު މަހުގެ 16 ވަނަ ދުވަހުގައި ކަމަށްވެސް ބުނެފައި ވެއެވެ.
އެވާހަކަތައް ޔަޝްފާ ސޯޝަލް މީޑިއާގައި ޙިއްޞާކުރުމުން އަމިއްލަ ފަރާތަކުން އެ ޓިއުބް ރާއްޖެއަށް ގެނެސްދިނުމުގެ މަސައްކަތް ފެށިއެވެ. އެހެން ނަމަވެސް އޭރު ކުއްޖާގެ ހާލަތު ގޯސްވެ، ފީޑިންގ ޓިއުބް ލިބުނަސް ނުލެއްވޭ ހާލަތުގައި އޮތްކަން ޔަޝްފާ ހާމަކުރުމާއި އެކު، އެކަމުގެ ކަންބޮޑުވުންތައް ސޯޝަލް މީޑިއާގައި ޙިއްޞާކުރީ އެފަރާތުންނެވެ.
ޔަޝްފާ ބުނެފައިވާ ގޮތުގައި ފީޑިންގ ޓިއުބް ލިބުނުކަން އައިޖިއެމްއެޗުން އެންގި އިރު، ކުއްޖާ އޮތީ ހާލު ދެރަވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ. ކުއްޖާ ނިޔާވީ އިއްޔެއެވެ.
މިހާދިސާއިން ފާހަގަވާ އިހުމާލުތަކާއި މެދު އާއްމުން ކަންބޮޑުވެ އެންސްޕާ އާއި އެކު އެފަރާތްތަކަށް ތަޖުރިބާ ކުރަން ޖެހިފައިވާ ދަތި އުނދަގޫ ކަންކަމުގެ ވާހަކަތައް މިހާރު އަންނަނީ ސޯޝަލް މީޑިއާގައި ޙިއްޞާކުރަމުންނެވެ. އެހެން ނަމަވެސް މިކަމާއި ގުޅިގެން ޖަވާބުދާރީވާނެ ފަރާތެއް ޒިންމާ އުފުލާނެ ފަރާތެއް، ބަޔާނެއް ނެރެލާނެ މުޢައްސަސާއެއް ނެތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް