އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ ހަށިތައް މާލެ ގެނެސްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އދ. ދިގުރަށުގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ ހަށިތައް މާލެ ގެނެސްފިއެވެ.
އެހާދިސާގައި ޖުމުލަ ފަސް މީހުން ނިޔާވިއެވެ. އެއީ މުޅިންވެސް ބަނގުލަދޭޝްއަށް ނިސްބަތްވާ ފިރިހެނުންނެވެ. އެމީހުންގެ ހަށިތައް މާލެ ގެނެސްފައި ވަނީ މިއަދު ހަވީރުއެވެ. މިހާރު އެމީހުންގެ ހަށިތައް ބަހައްޓާފައި ވަނީ، ގަލޮޅު ސަހަރާގެ މޯޗަރީގައި ކަމަށް މައުލުމާތު ލިބިފައިވެއެވެ.
މިހާދިސާގައި 5 މީހުން ނިޔާވި އިރު، އިތުރު ދެމީހަކުވެސް ފިހި އަނިޔާވެގެން ވަނީ މާލެ ގެނެސް ފަރުވާދޭން ފަށާފައެވެ. އެދެ މީހުންނަށް ފަރުވާ ދެމުން އަންނަނީ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައެވެ.
އަލިފާނުގެ ހާދިސާ ހިނގި ގެއަކީ، ކޮންސްޓްރަކްޝަން ކުންފުންޏެއްގެ ބިދޭސީ މަސައްކަތު މީހުންގެ އެކަމަޑޭޝަންގެ ގޮތުގައި ހަދާފައިވާ ގެއެކެވެ. ރޭ ދަންވަރު 2:00 ހާއިރު އަލިފާނުގެ ހާދިސާ ހިނގި އިރު، އެތަނުގައި ތިރީހަކަށް މީހުން އުޅުނު ކަމަށާއި ހާދިސާ ހިނގި އިރު ބައެއް މީހުން ތިބީ ނިދާފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަލިފާނުގެ ހާދިސާއިން ސަލާމަތްވި ބައެއް މީހުން ސަލާމަތްވީ އެގޭގެ ފާރުތަޅާލައިގެން ނުކުތުމުންނެވެ.
އަލިފާނުގެ މިހާދިސާ ތަޙްޤީޤު ކުރުމަށް ފުލުހުންގެ ޚާއްޞަ ޓީމެއް މިހާރު އެރަށުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް