Post banner
ރާއްޖެ

ފުރާވަރުގެ ކުދިންގެ މެދުގައި ނަފްސާނީ މައްސަލަތައް އިތުރުވެ ހާލަތު ގޯސްވަނީ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ފުރާވަރުގެ ކުދިންގެ މެދުގައި ނަފްސާނީ މައްސަލަތައް އިތުރުވެ ހާލަތު ގޯސްވަނީ

ޤައުމެއްގެ މުސްތަޤުބަލް ބިނާވަނީ އެޤައުމެއްގެ ބޮޑެތިވަމުން އަންނަ ކުޑަކުދިންގެ މައްޗަށެވެ. ބެލެނިވެރިންނާއި މުދައްރިސުންނާއި، ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުން، ރާއްޖޭގެ ހާލަތު ގޯސްވަމުން އަންނަ ކަމުގެ އިންޒާރުގެ ރަނގަބީލު ޖަހަމުން އަންނަތާ ދުވަސްތަކެއް ވެއްޖެއެވެ. އެހެން ނަމަވެސް އަދިވެސް މިމައްސަލައަށް އެކަށީގެންވާ ގޮތެއްގައި ސަރުކާރުން އިޖާބަދޭތަނެއް ނުފެއެވެ.

ފުރާވަރުގެ ކުދިންނާއި، ޒުވާނުން އަމިއްލަ ފުރާނަ ދުއްވާލާ ސަބަބަކަށް، އެ ފަރާތްތަކަށް ދިމާވެފައިވާ ނަފްސާނީ މައްސަލަތައް ހިމެނެއެވެ. އަމިއްލައަށް މަރުވުމުގެ މައްސަލަތަކަކީ، މީޑިއާތަކުން ރިޕޯޓް ނުކުރާ މައްސަލަތަކަކަށް ވެފައި ވާތީ، އަމިއްލައަށް މަރުވުމުގެ މައްސަލަތަކުގެ އަސްލު ސަބަބުތަކާއި މެދު މުޖުތަމަޢުގެ ތެރޭގައި ވާހަކައެއް ނުދެކެވެއެވެ. ނިޔާވެގެންދާ ކުއްޖާއާއެކު އެކުއްޖަކު ތަޙައްމަލު ކުރި ކަންކަން ދުނިޔެއަށް ގެއްލި ފަސްގަނޑުދަށުގައި ވަޅުލެވިދަނީއެވެ.

ޑިޕްރެޝަނާއި އެންޒައިޓީއާ އެނޫންވެސް ނަފްސާނީ ބަލިތަކުގެ ޝިކާރައަކަށް ވެފައިވާ ކުޑަކުދިންގެ އަދަދުތަކަކީ، ރަސްމީ އެއްވެސް ތަފާސް ހިސާބަކުން ފެންނަން ނެތުމަކީ، މިކަމަށް ރާއްޖޭގައި އެކަށީގެންވާ ސަމާލުކަން ދެވިފައި ނެތްކަން އެންމެ ރަނގަޅަށް ދަލީލުކޮށްދޭ ކަމެކެވެ.

ޤައުމުގައި ހުރި މައްސަލަތަކާއި ރައްޔިތުން ބޭނުންވާ ކަންކަމާއި ގުޅޭ ގޮތުން، ރައީސުލްޖުމްހޫރިއްޔާއަށް ސުވާލު ދެންނެވުމަށް "ރައްޔިތުންގެ ނޫހުން" ހުޅުވާލި ފުރުޞަތުގައި، ބެލެނިވެރިއަކު ހިތާމަޔާއި އަސަރާއިއެކު ފާޅުކޮށްފައި ވަނީ ފުރާވަރުގެ ކުދިންނަށް ދިމާވެފައިވާ ނަފްސާނީ މައްސަލަތަށް ސަރުކާރުތަކުން ފުރިހަމަ ސަމާލުކަމެއް ދީފައި ނެތްކަމުގެ ކަންބޮޑުވުމެވެ.

"އަޅުގަނޑު ހުށައަޅަން ގަސްތުކުރަނީ ސުވާލެއްނޫންކަމުގައި ދަންނަވަމެވެ. ނަމަވެސް ހިނގަމުންދާ ގޮތްނޭނގޭ ކަމެއްގައި މަނިކުފާނުގެ ދިރާސާކޮށްލުމެއް މުހިއްމުކަމެއްކަމުގައި ދެކިގެން މިކަން ހިއްސާކޮށްލަމެވެ."

އެބެލެނިވެރިޔާވެސް ފާހަގަކުރައްވާފައިވާ ގޮތުގައި، ގައުމީ ބޮޑު މައްސަލައެއްގެ ގޮތުގައި މިކުރިމަތިވަމުން އަންނަ ޅަ ޖީލުގެ ޑިޕްރެޝަން އާއި އެންޒައިޓީގެ މައްސަލައިގައި ރާއްޖެއިން ދެވޭ ފަރުވާތަކުން ޅަޖީލަށް ލުޔެއްނުލިބި ފުރާނަ ދުއްވާލުމުގެ ހާދިސާތައް އަންނަނީ އިތުރުވަމުންނެވެ.

ސެންޓަރ ފޯރ މެންޓަލް ހެލްތާއި ހުޅުމާލޭ ހޮސްޕިޓަލް ފަދަ ތަންތަނުން ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމަށް ނިޒާމްތައް ޤާއިމްކޮށްފައި ވިޔަސް، އެތަންތަނުގެ ކިޔޫތައް ދިގެވެ. ޚިދުމަތުގައި މައްސަލަތައް ބޮޑެވެ. އޭގެ އެންމެ މުހިއްމު ސަބަބަކީ، ނަފްސަނީ ސިއްޙީ ފަރުވާގެ ތެރެއިން ފަރުވާ ފޯރުކޮށްދޭ ކައުންސިލަރުންނާއި ތެރަޕިސްޓުންގެ ގޮތުގައި މަސައްކަތް ކުރައްވާ ބައެއް ފަރާތްތަކަކީ، ޣައިރު މުސްލިމުން ކަމުގައިވުމުން އިތުރު މައްސަލަތައް ނުކުންނަކަންވެސް ބެލެނިވެރިން ފާހަގަކޮށްފައިވެއެވެ.

ސައިކޮލޮޖީގެ ބޮޑުބަޔަކީ އިސްލާމީ އުސޫލުތަކާ ފުށުއަރާ ފިލޯސަފީއެއް ހިމެނޭ އެއްޗެއްކަން އަޅުގަނޑުމެންނަށް ފާހަގަވެއެވެ. ނަމަވެސް ރާއްޖޭގައި އެ އިންޕްލިމެންޓް ކުރުމުގައި އިސްލާމީ އުސޫލުގަ މިކުދިންނަށް އިރުޝާދުދިނުން މި ފަދަ ކުދިންގެ ފުރާނަ ގުރުބާންކުރުމާއި ދުރުހެލިކޮށްދޭނެ ކަމެއްކަމުގައި އެއްވެސް ޝައްކަކާނުލާ އަޅުގަނޑު ގަބޫލުކުރަމެވެ. ރައްޔިތުންގެ ނޫހަށް ކަންބޮޑުވުން ހިއްސާކުރި ބެލެނިވެރިންވެސް ފާހަގަކޮށްފައި ވެއެވެ.

މީގެ ތެރެއިން އެންމެ ބޮޑުކަމަކީ، އިސްލާމްދީނުގެ މަތިވެރި ހިދާޔަތާއި އެދީނުގައި އަންގަވާފައިވާ ކަންކަމާއި މެދު ކުދިންގެ ވިސްނުމާއި ފިކުރު ބަދަލުވަމުން ދިޔުމެވެ. އޭގެ މައިގަނޑު ސަބަބަކީ، އިސްލާމީ ދިވެހި މުޖުތަމަޢުގެ އަޚުލާޤީ މިންގަނޑުތަކާއި އުސޫލުތަކާއި، އަދި ހަޔާތުގެ އަގުތައް ކުދިންނަށް ދަސްވަމުން ނުދިޔުމެވެ. ކުދިންގެ ރޫހީ އަދި ނަފްސާނީ ތަރުބިއްޔަތު ނުދެވި ބޮޑެތިވަމުން އައުމެވެ.

ރާއްޖޭގައި ފުރާވަރުގެ ކުދިންގެ މެދުގައި ނަފްސާނީ މައްސަލަތައް އެންމެ ބޮޑުވެފައި ވަނީވެސް މާލެ ސަރަހައްދުގައެވެ. ރައްޔިތުންގެ މަޖިލީހުގައި ހެލްތު މިނިސްޓަރ ހާމަކުރެއްވި މައުލޫމާތަށް ބަލާއިރު، ދިވެހި އާބާދީގައި ހިމެނޭ ކޮންމެ 6 މީހަކުން އެކަކީ، ކޮންމެވެސް ބާވަތެއްގެ ނަފްސާނީ މައްސަލަތަކުގެ އުނދަގޫ ތަހައްމަލު ކުރާ މީހުންނެވެ. މިއީ ހަމައެކަނި، ފަރުވާއަށް އެދި އާދޭސްކުރާ މީހުންގެ އަދަދުން ފެންނަން އޮތް ތަފާސް ހިސާބެވެ. ނަފްސާނީ މައްސަލަތަކަކީ މީހުން އެމައްސަލަތަކުގެ ވާހަކަ ދައްކަން ފަސްޖެހޭ އަދި އެކަނި އެކަނި ތަޙައްމަލު ކުރަމުންދާ ވޭނަކަށް ވާތީ ހާލަތު މިއަށް ވުރެ ގޯސްވާނެ ކަމަށް ޔަޤީން ކުރެވެއެވެ.

ފުރާވަރުގެ ކުދިންގެ މެދުގައި ނަފްސާނީ މައްސަލަތައް އިތުރުވާން ދިމާވާ ވަރަށް ގިނަ ސަބަބުތައް ވެއެވެ. ޚާއްޞަކޮށް މާލެ ސަރަހައްދަކީ، މިއަދު ކުޑަކުދިންނަށާއި ފުރާވަރުގެ ކުދިންނަށް ހެދިބޮޑުވުމާއި އިޖުތިމާއީގުޅުންތަކާއި ވެއްޓާއި ރައްޓެހިގޮތުގައި ދިރިއުޅެން އޮތްތަނެއް ނޫނެވެ. ގިނަ ކުޑަކުދިން ބޮޑެތި ވަނީ، އެހެން މީހުންނާއި ގުޅުން ކުޑަ އެކަހެރި އަދި ބަންދު މާހައުލު ތަކުގައެވެ. ގިނަ ވަގުތު ކުދިން ހޭދަކުރަން ޖެހިފައި ވަނީ ސްކްރީންތަކުގައެވެ. އެހެންވެ ހެދިބޮޑުވުމާއި ބަސްމޮށުންތެރިކަމާއި، އިޖުތިމާޢީ ގުޅުންތައް ފުރާވަރަށް އަންނަ ކުދިންގެ މެދުގައި ވަރަށް ބޮޑަށް ދަށްކަން ސަރވޭތަކުން ދައްކައެވެ. ދިރިއުޅުމުގެ ހާލަތު ހުންނަ ގޮތުން ބެލެނިވެރިންނަށް ކުދިންނަށް އެކަށީގެންވާ ވަގުތެއް ނުދެވެއެވެ.

ރާއްޖޭގައި ފުރާވަރުގެ ކުދިންގެ މެދުގައި ނަފްސާނީ މައްސަލަތައް ގިނައެވެ، އެކުދިންގެ ވާހަކަ އަޑުއަހާކަށް ބެލެނިވެރިންނަށް އަވައްޖެއް ނުވެއެވެ. ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް މިކަމުގެ ހިލަމެއް ނުވެއެވެ. މިއަދު އިންސާނެއްގެ ހަށިގަނޑުގެ ތެރޭގައި ހިމޭންކަމާއި ސިއްރުވެރިކަމުގައި ފެތުރިބޮޑުވާ ކެންސަރުގެ ސެލްއެއްފަދައިން މިމައްސަލަ މިދަނީ ބޮޑުވަމުންނެވެ. މާދަމާ މިޤައުމު އޮންނާނެ ގޮތަކާއި މިއަދު މިއަދު އަހަރެމެން ވިސްނައި ވާހަކަ ނުދައްކާނަމަ، އަހަރެމެން މިވަނީ ޤާތިލުންނަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް