Post banner
ރިޕޯޓް

ދޯނި އަޑިޔަށް ދިޔަ ހިސާބުގެ ފުންމިން 5396 ފޫޓު: ގެއްލުނު މީހުން ތާށިވިކަމަށް ބެލެވެނީ ދޯނީގައި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ދޯނި އަޑިޔަށް ދިޔަ ހިސާބުގެ ފުންމިން 5396 ފޫޓު: ގެއްލުނު މީހުން ތާށިވިކަމަށް ބެލެވެނީ ދޯނީގައި

ތ. މަޑިފުށިން ފުރައިގެން، ހުވަދު އަތޮޅަށް ދަތުރުކުރަނިކޮށް، ތ މަޑިފުށީގެ ސަޕްލައި ދޯންޏެއް ކަމަށްވާ، ފްރެންޑް 4 ވަނީ އަޑިޔަށް ގޮސްފައެވެ. މިހާދިސާގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދު (39 އަހަރު) އާއި ޕޮލިސް ސާޖަންޓް ޢަލީ ނާފިޢު (33 އަހަރު) އަދި އެ ދޯނީގެ ކެޕްޓަން ތ. މަޑިފުށި، ދޮންވެލި، މުޙައްމަދު ޙަމްދޫން (35 އަހަރު) ވަނީ ގެއްލިފައެވެ.

ހާދިސާގެ މައުލޫމާތު ލިބުން:

ފުލުހުންގެ އިދާރާިއިން ހާމަކޮށްފައިވާ ގޮތަގައި ފްރެންޑް 4 ދޯނި ދިޔަވެ އަޑިޔަށްދާ ކަމަށް ރިޕޯޓްކޮށްފައި ވަނީ، ބުދަ ދުވަހުގެ ރޭ 23:22 އެހައިކަންހާއިރުގައެވެ، އެއާއި އެކު ދޯންޏަށް އެހީތެރިވުމަށް ސިފައިންނާއި ފުލުހުންގެ ޓީމެއް އެރޭގެ މެންދަމު 12:00ޖަހައި އެހާކަން ހާއިރު އެސަރަހައްދަށް ދިޔައެވެ. މިގޮތުން ދޯނީގައި ތިބި މީހުން ސަލާމަތްކުރުމަށާއި، އެހީތެރިކަން ފޯރުކޮށް ދިނުމަށް އެސަރަހައްދަށް ގޮސްފައި ވަނީ، އެމްއެންޑީއެފް ކޯސްޓްގާޑް ހާބަރކްރާފްޓް 108 އަދި ޕޮލިސް 52 ލޯންޗެވެ. މީގެ އިތުރުން އެސަރަހައްދުގައި، އޭޑީކޭ ލޭންޑިންގ ކްރާފްޓް "އުއްލާނި"ވެސް ހަރަކާތްތެރިވިއެވެ.

މީހުން ސަލާމަތް ކުރުމާއި، ދޯނި ސަލާމަތް ކުރުމުގެ މަސައްކަތް:

ފްރެންޑް 4 ދޯނީގައި ތިބީ ޖުމުލަ 8 މީހުންނެވެ. އޭގެ ތެރެއިން 7 މީހުން ވަނީ ސަލާމަތްކޮށްފައެވެ. އެމްއެންޑީއެފްގެ އޮފިސަރެއްގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި، ސިފައިންނާއި ފުލުހުން މަސައްކަތް ކުރީ، ދޯނީގައި ތިބި މީހުން ސަލާމަތް ކުރާށެވެ. އަދި ދޯނި ސަލާމަތް ނުކުރެވޭނެ ކަމަށް ބަލައި، ދޯނި ދޫކޮށްލުމަށް ސަލާމަތީ ޚިދުމަތްތަކުން ބޭނުންވި ނަމަވެސް، ކެޕްޓަން މުޙައްމަދު ހަމްދޫން ދޯނި ދޫކޮށްލާފައި ފައިބަން ބޭނުން ނުވުމާއި އެކު، ސިފައިންނާއި ފުލުހުން މަސައްކަތް ކުރީ، ދޯނީގެ ދިޔައަޑިކޮށް، ދޯނި ސަލާމަތް ކުރުމަށް މަސައްކަތް ކުރާށެވެ. މިގޮތުން އެދޯންޏަށް އެރި، ސަލާމަތީ ޚިދުމަތްތަކުގެ އޮފިސަރުންގެ ތެރޭގައި ހިމެނެނީ، އެމްއެންޑީއެފުން ހާމަކުރައްވާފައިވާ ގޮތުގައި، އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދާއި، ސާޖަންޓް އަސްރާރު ޢަލީ އާއި އެމްއެންޑީއެފްގެ އޮގްޒިލަރީ ފަޔަރމަން، ޢަބްދުﷲ ޝަފީޤާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގައި މަސައްކަތް ކުރައްވާ، ސާޖަންޓް ޢަލީ ނާފިޢުގެ އިތުރުން ސާޖަންޓް ޢަލީ ސައިފެވެ.

ދޯނި ބަންޑުން ޖަހާލުން:

ދޯނި ދިޔަވަމުން ދިޔައިރު، ދޯނި ސަލާމަތްކުރުމަށް އެސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ، އޭޑީކޭ ލޭންޑިންގ ކްރާފްޓް "އުއްލާނި"އަށް ފްރެންޑް 4 ދޯނިން ވާއަޅައި، ކަފުޖެހިއެވެ. ދޯނި ބަންޑުން ޖަހާލީ، މާކަނޑުގެ ތެރޭގައި އޭޑީކޭ ލޭންޑިންގ ކްރާފްޓް "އުއްލާނި"ގެ ކަފުޖަހާފައި ވަނިކޮށެވެ. އާއްމުވެފައިވާ ވީޑިއޯތަކުންވެސް އެކަން ފާހަގަވެއެވެ.

ދޯނި ބަންޑުން ޖަހާލި އިރު، އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދާއި، ސާޖަންޓް އަސްރާރު ޢަލީ އާއި އެމްއެންޑީއެފްގެ އޮގްޒިލަރީ ފަޔަރމަން، ޢަބްދުﷲ ޝަފީޤާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގައި މަސައްކަތް ކުރައްވާ، ސާޖަންޓް ޢަލީ ނާފިޢުގެ އިތުރުން ސާޖަންޓް ޢަލީ ސައިފްވެސް ތިބީ، ދޯނީގެ ފަލްކާ މަތީގައެވެ. ދޯނި ކުއްލިއަކަށް ބަންޑުން ޖަހާލައި އަޑިޔަށް ދިޔައިރު، އޭގައި ސާޖަންޓް ޢަލީ ސައިފް ހުއްޓެވެ. ދޯނި ބަންޑުން ޖަހާލުމުން އޭނާއަށް ފަތާފައި ރެސްކިއު ލޯންޗަށް އެރުނެވެ. ދެން ތިބި މީހުންގެ ތެރެއިން، ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދާއި، ސާޖަންޓް ޢަލީ ނާފިޢު އަދި ދޯނީގެ ކެޕްޓަން މުޙައްމަދު ޙަމްދޫން ގެއްލުނީއެވެ.

ފްރެެންޑް 4 ދޯނީގައި، ބޮޑެތި ޖަމްބޯ ބޭގްތަކުގައި ހިލަޔާއި ހިލަވެލި ބަރުކޮށް، މަތިން ސަތަރިއަޅައި، ބޭގްތައް ހިފެހެއްޓުމަށް ބެލްޓްތައް އަޅާފައި ހުރި އިރު، ދޯނި އަރިއަޅާލައި ބަންޑުންވެގެން ދިޔައިރު، ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދާއި، ސާޖަންޓް ޢަލީ ނާފިޢަށް ތިބެވުނީ، ދޯނީގެ ދަށްފަރާތުގައެވެ. ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދާއި، ސާޖަންޓް ޢަލީ ނާފިޢު އާއި، ކެޕްޓަން މުޙައްމަދު ހަމްދޫންވެސް ތިބީ އެވަގުތު ލައިފް ޖެކެޓާއި އެކު ނަމަވެސް އެމީހުން ގެއްލުނީ، ދޯނި އަޑިޔަށް ދިޔައިރު، ދޯނީގެ ތެރޭގައި ތާށިވުން ނުވަތަ ދޯނީގައި ހުރި ހިލަޔާއި ހިލަވެލި ބަސްތާތަކުގެ ދަށުވުންފަދަ ހާދިސާއެއް މެދުވެރިވުމުން ކަމަށް، މައުލޫމާތު ދެއްވި އޮފިސަރަކު ފާހަގަކުރައްވާފައި ވެއެވެ.

ދޯނި ބަންޑުން ޖަހާލަން މެދުވެރިވި ސަބަބާއި މެދު އެމްއެންޑީއެފް ކޯސްޓްގާޑުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ، އަދި ލޭންޑިން ކްރާފްޓްތަކާއި، ސަޕްލައި ދޯނިތައް ދުއްވުމުގައި ތަޖުރިބާކާރު ކެޕްޓަނަކު ރައްޔިތުންގެ ނޫހާއި ވާހަކަ ދެއްކިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މާކަނޑުގެ ގަދަ ރާޅުތަކުގެ ތެރޭގައި، ހިލަޔާއި ހިލަވެލި ބަރުކޮށްފައި އޮތް ދޯނީގައި، ލޭންޑިން ކްރާފްޓަކުން ކަފު ޖެހުމަކީ، ރާޅާއި އެކު ދޯނީގައި ހުރި ހިލަޔާއި ހިލަވެލީގެ ބޮޑެތި ބަސްތާތައް ފަލްކާމަތިން ކަހާލައި، ކުއްލިއަކަށް ދޯނި ބަންޑުންވެގެން ހިނގައިދާނެ ސަބަބެކެވެ. އެފަދަ ހާލަތެއްގައި ދޯނީގައި ކަފުޖަހައިގެން ދެމުމަކީ ނުރައްކާތެރި ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ދޯނި ބަންޑުން ޖަހާލުމާއި ދެވަނަ ރެސްކިއު އޮޕަރޭޝަން:

ދޯނި ބަންޑުން ޖަހާލުމާއި އެކު އެސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ، އެމްއެންޑީއެފާއި ފުލުހުންގެ ޓީމުތަކުން ވަނީ، ރެސްކިއު އިިތުރު އުޅަނދުފަހަރު ފޮނުވައިދިނުމަށް އެދިފައެވެ. އެހެން ނަމަވެސް އެމްއެންޑީއެފްގެ ގިނަ އުޅަނދު ފަހަރު އެވަގުތު އޮތީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އއ. އުކުޅަހަށް ވަޑައިގެން އުޅުއްވާތީ، އއ. އަތޮޅުގައެވެ.

އެމްއެންޑީއެފްގެ އޮފިސަރެއްގެ ފަރާތުން މައުލޫމާތު ލިބުނު ގޮތުގައި، މެންދަމު 12:30 ހާއިރު ދޯނި ބަންޑުން ޖަހާލައިގެން ރެސްކިއު އިތުރު އުޅަނދުތަކުގެ އެހީތެރިކަމަށް، ފުރަތަމަ ސީންއަށް ދިޔަ ފުލުހުންނާއި ސިފައިން އެދުނު ނަމަވެސް، އެ ސަރަހައްދަށް އެމްއެންޑީއެފުގެ އިތުރު އުޅަނދުތައް ފޮނުވީ، އިރު އެރިފަހުންނެވެ. އެކަމާއި ގުޅޭ ގޮތުން ރަސްމީކޮށް އެމްއެންޑީއެފްގެ ފަރާތުން މައުލޫމާތު ލިބިފައި ނުވާތީ، ރެސްކިއު އިތުރު ޓީމްތައް ދިޔަ ވަގުތުތަކެއް ސާފެއް ނުވެއެވެ.

ދޯނި އަޑިޔަށް ދިޔަ ސަރަހައްދުގެ ފުންމިން:

ހުވަދޫ ކަނޑަކީ، ރާއްޖޭގެ އެންމެ ފުން ކަނޑެވެ. ސަޕްލައި ދޯނި ބަންޑުން ޖަހާލައި އަޑިއަށްދިޔަ ސަރަހައްދުގެ ފުންމިނުގައި، ގާތްގަޑަކަށް 1645 މީޓަރު(5396 ފޫޓު) ހުންނާނެ ކަމަށް އެމްއެންޑީއެފުން ވިދާޅުވެފައި ވެއެވެ. ތަޖުރިބާކާރުން ވިދާޅުވެފައިވާ ގޮތުގައި، ދޯނީގައި ބެލްޓް އަޅައިހަރުކޮށްފައިވާ ހިލަތަކާއި އެކު، ދޯނި އެފުންމިނަށް އަޑިޔަށް ދިޔުމުން އެދޯނި ފެންމަތިކުރުން، ނުވަތަ ދޯނީގެ ތެރޭގައި މީހުން ތާށިވެފައިވާކަން ކަށަވަރުކުރުމަށް، އެސަރަހައްދަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.

ގެއްލުނު މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެދި އެތައް ހާސްބައެއްގެ ހެޔޮދުޢާ:

ދޯނި އަޑިޔަށް ދިޔަ ހާދިސާގައި، ދޯނީގެ ކެޕްޓަން މުޙައްމަދު ޙަމްދޫނާއި، ސިފައިންގެ އޮފިސަރު އިބްރާހީމް އަޙްމަދާއި، ޕޮލިސް އޮފިސަރު ޢަލީ ނާފިޢު، ގެއްލުނު ހަބަރާއި އެކު، އާއްމުން ސޯޝަލް މީޑިއާ ފުރާލީ، އެތިން މީހުންނަށް ކުރާ ހެޔޮދުޢާއިންނެވެ. އެންމެގެވެސް ދުޢާއަކީ، ހެޔޮ ހާލުގައި އެމީހުން ފެނުމެވެ. އެމީހުން ފެނޭތޯ އެމްއެންޑީއެފުން އަންނަނީ، ކަނޑާއި ވައިގެ މަގުން ހުވަދޫ ކަނޑުގައި އަތްފުނާ އަޅަމުންނެވެ. އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް އިމާދުއްދީނާއި، ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓްތަކާއި ސީއެމްބިއުލޭންސް "SA038, SA037"ގެ އިތުރުން ފުލުހުންގެ ދެ ލޯންޗު ބޭނުންކޮށްގެން ކަނޑުމަގުން 310.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށާއި، އެމްއެންޑީއެފް އެއަރ ކޯރގެ ޔޫއޭވީ ޑްރޯން ބޭނުންކޮށްގެން ވައިގެ މަގުން 881 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމުގައި އެމްއެންޑީއެފުން ހާމަކުރައްވާފައިވެއެވެ.

ތުހުމަތާއި ޝަކުވާ އަދި އިހުމާލު:

އެމްއެންޑީއެފްގެ އެތެރޭގެ ހިންގުމާއި ރެސްކިއު އޮޕަރޭޝަންތަކަށް ބޭނުންވާ އާލާތްތައް އެކަށީގެންވާ ގޮތުގައި ލިބިފައި ނެތުމުގެ ޝަކުވާތައް ރައްޔިތުންގެ ނޫހަށް ލިބިފައިވެއެވެ. މިގޮތުން، ޒައިދާން އާއި ހާމިދު އަދި މަހުދީ ނިޔާވެ ދިޔަ ހާދިސާ އާއި ގުޅިގެންވެސް އެކަންކަން ބައެއް ފަރާތްތަކުން ޙިއްޞާކޮށްފައިވެއެވެ.

އޮގަސްޓް 5 ވަނަ ދުވަހުގެ ރޭ ހިނގާދިޔަ ހާދިސާ އާއި ގުޅިގެން ފާހަގަކޮށްފައިވާ ކަންކަން:

1- ރެސްކިއު ދެވަނަ ޓީމު ފޮނުވުން ލަސްވުން

2- ރެސްކިއު ޓީމުތަކުން ބޭނުންކުރަން އެކަށީގެންވާ އާލާތްތައް ހޯދައި ދެވިފައި ނެތުން.

ކަންބޮޑުވުން ހިއްސާކުރެއްވި ފަރާތުން އެންމެ ބޮޑަށް ފާހަގަކުރެއްވި ކަމަކީ، ކަނޑުމަތީގެ ހާދިސާތަކުގައި، ހަރަކާތްތެރިވާ ރެސްކިއު އޮފިސަރުން ބޭނުން ކުރާނެ ޖީޕީއެސް ޓްރެކިންގ ޑިވައިސްތައް ހޯދައި ދިނުމަށް، އޮފިސަރުން އެދޭތާ އެތައް ދުވަހެއް ވެގެން ދިޔައިރުވެސް ދެތިން ޑޮލަރުގެ އަގުހުރި އެ ޑިވައިސްތައް ހޯދައި ދިނުމުގައި އިހުމާލުވެފައި އޮތުމެވެ.
ޖީޕީއެސް ޓްރެކިންގ ޑިވައިސް ރެސްކިއު އޮފިސަރުންގެ ލައިފްޖެކެޓްތަކުގައި ހަރުކުރެވިފައި ހުންނަ ނަމަ، އެމީހުން ގެއްލޭ ހާލަތުގައި، އެމީހުން ހޯދުމަށް މަތިންދާ ބޯޓުތަކާއި، ޑްރޯންތަކާއި ކަނޑު އުޅަނދު ފަހަރު ބޭނުންކޮށްގެން އެތައް މިލިއަން ރުފިޔާއެއް ޚަރަދުކުރަން ނުޖެހި ސަލާމަތްވާނެކަން، ކަންބޮޑުވުން ފާޅުކުރި ފަރާތުން ހާމަކޮށްފައިވެއެވެ.

މަހުދީ ނިޔާވި ހާދިސާއަށް ފަހުވެސް އެފަދަ ޑިވައިސްތައް ހޯދައިދިނުމަށް، އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ އޮފިސަރުންނާއި މެރިން ޕޮލިސްގެ އޮފިސަރުންވެސް އަންނަނީ ތަކުރާރުކޮށް އެދެމުކަމުގައި މައުލޫމާތު ދެއްވި ފަރާތުން ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ރެސްކިއު އޮފިސަރެއް ގެއްލިގެން އާއްމު މީހަކުވެސް ގެއްލިގެން ހޯދާގޮތަށް ހޯދަން މަސައްކަތް ކުރަން ޖެހުމަކީ، ފެއިލް ވުމެކެވެ. އެއީ އިހްމާލެކެވެ.

އެތައް ހާސްބަޔަކު ތިބީ ގެއްލުނު މީހުން ދިރިތިއްބައި ފެންނާނެ ކަމުގެ އުއްމީދުގައި:

ގެއްލުނު ތިން މީހުންގެ އާއިލާތަކާއި، ދިވެހި ރައްޔިތުންގެ ހެޔޮދުޢާތައް ވަނީ ގެއްލުނު ތިން މީހުންނާއި އެކުގައެވެ. އެންމެވެސް ދުޢާކޮށްކޮށްތިބީ، އެމީހުން ހެޔޮ ހާލުގައި ފެނުން އެދިގެންނެވެ. އެހެން ނަމަވެސް އެމީހުން ނުފެނި ހޭދަވާ ކޮންމެ ދުވަހެއް ކޮންމެ ގަޑިއިރަކީ، އެމީހުން ދިރިތިއްބައި ފެނިދާނެ ކަމަށް ކުރެވޭ އުއްމީދު ފަނޑުވަމުން އަންނަ ކަމެކެވެ. ބުދަދުވަހުގެ ރޭ މެންދަމު، ހުވަދު އަތޮޅު ބޭރުން މާކަނޑަށް ގެއްލުނު ތިން މީހުން ނުފެނި މިއަދަށް މިވަނީ ތިން ދުވަހެވެ.

ކަނޑުމައްޗަށް ގެއްލޭ މީހުން ވަރަށް ގިނަ ދުވަސް ފަހުންވެސް ދިރިތިއްބައި ފެނިފައި ވެއެވެ. ރާއްޖޭގައިވެސް ރިޔަލު ޒަމާނުގައި ކަނޑުމައްޗަށް ގެއްލުނު މީހުން، 3 ދުވަސް ފަހުން އަދި 7 ދުވަސް ފަހުން، ގަދަވެ ސަލާމަތުން ދިރިިތިއްބައި ފެނުނު ހާދިސާތައް ރިކޯޑް ކުރެވިފައިވެއެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް