ރާއްޖެ

އދ. ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ފަސް ޖަމްއިއްޔާއަކުން ކަންބޮޑުވުންފާޅުކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އދ. ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ފަސް ޖަމްއިއްޔާއަކުން ކަންބޮޑުވުންފާޅުކޮށްފި

އދ. ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ ހަށިތައް މާލެ ގެންނަން ބަނދަރުމައްޗަށް ގެނެސްފައި -- ފޮޓޯ: ރައްޔިތުންގެ ނޫސް

އދ. ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ފަސް ޖަމްއިއްޔާއަކުން ކަންބޮޑުވުންފާޅުކޮށްފިއެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސް، މިޝަން ފޯ މައިގްރެންޓް ވޯކާރސް މޯލްޑިވް، ބާރަތް ކްލަބްގެ އިތުރުން ސޭވް މޯލްޑިވްސްއާއި މޯލްޑިވްސް ޓްރޭޑް ޔޫނިއަންއާ ގުޅިގެން ނެރުނު  ނޫސްބަޔާނުގައި ބުނެފައިވަނީ ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ ތަންތަނުގެ ސަލާމަތީ މިންގަނޑުތަކަށް އިހުމާލުވެ ތަންފީޒުނުކުރެވޭކަމަށެވެ.

އެ ނޫސްބަޔާނުގައި ބިދޭސީ މަސައްކަތްތެރިންނާއި މެދު މިގޮތަށް އިހުމާލުވެ، ރައްކާތެރިކަން ކަށަވަރުނުކުރުމުގެ ސަބަބުން މީގެ ކުރިން ހިނގާފައިވާ ބައެއް ހާދިސާތައް ވަނީ ފާހަގަކޮށްފައެވެ.

  • 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 09ވަނަ ދުވަހުގެ ރޭ، މ. ނިރުފެހިގޭގައި ހިނގިއަލިފާނުގެ ހާދިސާގައި 10 މީހުން މަރުވި ހާދިސާ

  • 2023 ވަނަ އަހަރު ނީލަން ފިހާރައިގައި ހިނގި އަލިފާނުގެ ހާދިސާގައި 166 މަސައްކަތްތެރިން ހާލުގައި ޖެހުނު ހާދިސާ

  • 2024 ވަނަ އަހަރު ގާމަގު ކެފޭގައި ހިނގި އަލިފާނުގެ ހާދިސާގައި 57 މީހަކަށް އަސަރުކޮށް، 50 އަށް ވުރެއް ގިނަ ބިދޭސީން ހާލުގައި ޖެހުނު ހާދިސާ

އެގޮތުން، ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ފަރާތްތަކުން އެފަރާތްތައް ދިރިއުޅުމަށް ހަމަޖައްސާފައިވާ ތަންތަނަކީ ގިނަ ފަހަރު އިންސާނުން އުޅެން އެކަށީގެންނުވާ ތޮއްޖެހިފައިވާ ތަންތަން ކަމުގައި މި ނޫސްބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

އަދި، ނުރައްކާތެރި އިމާރާތްކުރާ ސައިޓުތަކާއި، ގަރާޖު ކެފޭ، ނުވަތަ ނުރައްކާތެރި ސާމާނާއި، ކެމިކަލްފަދަ ތަކެތި ރައްކާކޮށްފައި ހުންނަ މަސައްކަތު މާހައުލުތަކުގައި ގިނަ ބިދޭސީން ދިރިއުޅެންޖެހޭކަމަށް ފާހަގަކޮށްފައިވެއެވެ.

އދ. ދިގުރަށުގައި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން މި ނޫސްބަޔާނުގައި ބައިވެރިވި 5 ޖަމްއިއްޔާއިން ވަނީ ހާމަކަންބޮޑުގޮތެއްގައި ތަހުގީގު ހިންގުމަށް މޯލްޑިވްސް ޕޮލިސް ސާރވިސް ހިމެނޭ ގޮތަށް ކަމާބެހޭ ފަރާތްތަކަށް ވަނީ ގޮވާލާފައެވެ.

އަދި މި ހާދިސާގައި ނިޔާވި އާއިލާތަކަށް ފުރިހަމަ އިންސާފުވެރި ބަދަލެއް ލިބޭނެކަން ކަށަވަރުކޮށް، އެންމެހާ ހަރަދުތައް ލަސްނުކޮށް، ހަމަޖައްސައިދިނުމަށް ވަނީ ގޮވާލާފައެވެ. މީގެ އިތުރުން، އިހުމާލިވި ހުރިހާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅައި، އެ ފަރާތްތައް ޒިންމާދާރުކުރުވުމަށް މި ފަސް ޖަމްއިއްޔާއިން ވަނީ ގޮވާލާފައެވެ.

ލޭބާރ ރިލޭޝަންސް އޮތޯރިޓީއިން ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ ތަންތަން މޮނީޓަރ ކުރުމުގައި މިހާރަށް ވުރެއް އިސްނަގައިން މަސައްކަތްކުރުމަށް އިސްކަންދީ، އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ވަނީ ގޮވާލާފައެވެ.

އަދި ބިދޭސީ މަސައްކަތްތެރިންނާއި ގުޅޭ ގާނޫނާއި ގަވައިދުތައް ދައުލަތުން މުރާޖައާކޮށް، ތަންފީޒުކުރުމުގައި ހަރުދަނާވެ، ފިޔަވަޅު އެޅުމަށް ގޮވާލާފައިވާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިދޭސީން ދިރިއުޅޭ ތަންތަނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ވަނީ ގޮވާލާފައެވެ.

އެގޮތުން، ސަލާމަތީ މިންގަނޑުތަކަށް ހޭލުންތެރިކުރުވުމާއި، އެފަދަ ތަމްރީން ޕްރޮގްރާމްތައް މެދުނުކެނޑި ހިންގަން ވަނީ ގޮވާލާފައެވެ.

އދ. ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި 5 މީހަކު ނިޔާވިއެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ ދެމީހާކާއި ވަރަށް ޒުވާން ތިން މީހަކު ހިމެނޭއިރު، މިހާދިސާގައި ފިހިގެން އަނިޔާވި 2 މީހަކަށް ވެންޓިލޭޓަރުގައި ބާއްވައިގެން އައިޖީއެމްއެޗްގައި އަންނަނީ ފަރުވާދެމުންނެވެ.

އެ ހާދިސާއާ ގުޅޭ ގޮތުން މައުލޫމާތު ދެމުން، ބިދޭސީ މީހަކު ބުނެފައި ވަނީ އަލިފާނުގެ ހާދިސާ ހިނގީ ގޭސްފުޅި ގޮވައިގެން ކަމަށެވެ. އަދި ބާރުއަޑުފައްގަނޑަކާއި އެކު ގޭސްފުޅި ގޮވުމާއެކު މުޅި ބަދިގެ ތެރޭގައި ރޯވީ ކަމަށެވެ.

އޭނާ ކިޔައިދިން ގޮތުގައި ބިދޭސީން ދިރިއުޅޭ އެތަނުގައި އެމީހުން ނިދާ ކޮޓަރިއަށް ވަދެވެން ހުންނަނީ، ބަދިގެއާ ކާގޭގެ ގޮތުގައި ބޭނުންކުރާ ކޮޓަރީގެ ތެރެއިންނެވެ. އެހެންވެ އެތަނުގައި ރޯވުމާއި އެކު ކޮޓަރިތެރޭގައި ތިބި ތިރީހަކަށް މީހުން ނުނުކުމެވި ތާށިވީއެވެ.

އޭނާ ކިޔައިދިން ގޮތުގައި އަލިފާންގަނޑު މުޅިތަނަށް ފެތުރިގެން ދިޔައީ، މަތީގައި ހޫނުމަޑުކުރުމަށް ޓިނުތަކުގެ ދަށުން ޖަހާފައި ހުރި، ސިންތެޓިކް ރަބަރ ޝީޓްތަކުގައި ރޯވެގެންނެވެ. އަދި ކޮޓަރިތެރޭގައި ދުންގަނޑު ބޯވެ މީހުންނަށް ނޭވާ ނުލެވުނީ ކަމަށްވެސް އޭނާ ބުންޏެވެ.


މައުލޫމާތު ދިން މީހާ ކިޔައިދިން ގޮތުގައި މީހުން ސަލާމަތްކުރީ އެކުންފުނީގެ އެހެން ބަޔަކު، މީހުންތާށިވެފައި ތިބި ކޮޓަރީގެ ބޭރަށް ހުރި ފާރުތަޅާލައިގެންނެވެ. އެހެން ނަމަވެސް އޭރުވެސް ބައެއް މީހުން ނޭވާ ހާސްވެ ޚަބަރު ހުސްވެއްޖެ ކަމުގައި އޭނާ ބުންޏެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ފާރުތަޅާލީ ފުލުހުންނާއި އާއްމުން ގުޅިގެން ކުރި މަސައްކަތުން ކަމަށާއި، ފާރުތަޅާލި އިރު އެތެރޭގައި 7 މީހުން ޚަބަރު ހުސްވެފައި އޮތް ކަމަށެވެ. އެމީހުން ނެރެގެން ދިގުރަށުގެ ސިއްޙީމަރުކަޒަށް ގެންދިޔައިރު އޭގެތެރެއިން 5 މީހަކު ވަނީ ނިޔާވެފައި ކަމަށްވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

 

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް