Post banner
ރާއްޖެ

ނާޒިމް އާއި ދައްކާނެ ވާހަކައެއް ކުރާނެ މަޝްވަރާއެއް ނެތް: ރައީސް

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ނާޒިމް އާއި ދައްކާނެ ވާހަކައެއް ކުރާނެ މަޝްވަރާއެއް ނެތް: ރައީސް

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަޤާމުން އިސްތިއުފާ ދެއްވި، އަޙުމަދު ނާޒިމާއި ބައްދަލު ކުރެއްވުމަށް ނުވަތަ މަޝްވަރާއެއް ކުރެއްވުމަށް މަސައްކަތް ނުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، "ޖަވިޔަނި"ގެ ނޫސްވެރިޔާ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ނޫސްވެރިޔާ ސުވާލުކޮށްފައި ވަނީ، ރައީސް ޔާމީންގެ ބައްދަލުވުމެއްގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅާއި ގުޅިގެންނެވެ. ރައީސް ޔާމީން ވިދާޅުވެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައި ވަނިކޮށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސިންގަޕޫރަށް ވަޑައިގެންނެވީ، ނާޒިމް އާއި ބައްދަލު ކުރެއްވުމަށެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެވާހަކަ ތަކަކީ، މުޅިން ދޮގު ވާހަކަތަކެއް ކަމަށާއި، އީދު ބަންދުގައި ސިންގަޕޫރަށް ވަޑައިގެންނެވީ، އާއިލާ އާއިއެކު ޗުއްޓީ ހޭދަކުރެއްވުމަށް ކަމަށެވެ. އަދި ހުރިހާ ވަގުތެއް ހޭދަކުރެއްވީ އާއިލާ އާއި އެކުގައި ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސިންގަޕޫރަށް ވަޑައިގެންނެވީ، ނާޒިމާއި ބައްދަލު ކުރެއްވުމަށް ކަމުގައި ފަތުރާފައިވާ ވާހަކަތައް ދޮގު ކުރައްވައި، ރައީސް ވިދާޅުވީ، އެމަނިކުފާނު ނާޒިމާއި ބައްދަލު ކުރެއްވުމަށް ނުވަތަ މަޝްވަރާކުރެއްވުމަށް ބޭނުންފުޅުވާ ކަމެއް ނެތް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙުމަދު ނާޒިމް އިއްޔެ އެމަޤާމުން އިސްތިއުފާ ދެއްވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ވޯޓު ނެގުމަށް އެޖެންޑާކުރި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށުމަށް ވަރަށް ވަގުތު ކުޑަތަންވެފައި ވަނިކޮށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް