ރައީސް ޔާމީނާއި ދެކޮޅަށް ދައުލަތުން ހުށައެޅި އައުހެކިތައް ބަލައިނުގަނެވޭނެ ކަމުގައި ސްޕްރީމްކޯޓުންވެސް ޙުކުމްކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރައީސް ޔާމީނާއި ދެކޮޅަށް ދައުލަތުން ހުށައަޅާފައިވާ ވ. އާރަށް ކުއްޔަށް ދޫކުރުމުގައި، ރިޝްވަތު ހިފުމާއި މަނީ ލޯންޑރ ކުރުމުގެ ދައުވާ އަލުން ކްރިމިނަލް ކޯޓުން ބަލަންފެށިއިރު، ދައުލަތުން ހުށައެޅި އައު ހެކިތަށް ބަލައިގަތުމަށް އެކޯޓުން ނިންމި ނިންމުން ރަނގަޅު ނޫންކަމަށް، ހައިކޯޓުން ކުރި ޙުކުމަށް ތާޢީދުކޮށް ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުންވެސް މިއަދު ޙުކުމްކޮށްފިއެވެ.
ރައީސް ޔާމީނުގެ މައްޗަށް، އުފުލި އެދައުވާއަކީ އެމްއެމްޕީއާރްސީގެ ޚިޔާނާތާއި ގުޅޭ ދައުވާއެކެވެ. އެމްއެމްޕީއާރުސީން ވ. އާރަށް ކުއްޔަށް ދޫކުރުމުގައި އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑާކުރެއްވުމުގެ ކުށުގައި ރައީސް ޔާމީން 11 އަހަރަށް ޖަލަށްލައި 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް، ކްރިމިނަލް ކޯޓުން ޙުކުމް ކުރީ، 25 ޑިސެމްބަރު 2022 ގައެވެ. އެ ހުކުމާއި ގުޅިގެން ރައީސް ޔާމީނުގެ ފަރާތްޕުޅުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށައެޅި އިސްތިއުނާފް މައްސަލަ ބަލައި ނިންމައި، 18 އޭޕްރީލް 2024ގައި ދިވެހިރާއްޖޭގެ ހައިކޯޓުން ވަނީ ހުކުމް ބާޠިލްކޮށް، އަލުން އެމައްސަލަ ބެލުމަށް ކްރިމިނަލް ކޯޓުގެ މައްޗަށް އަމުރުކޮށްފައެވެ.
ހައިކޯޓުގެ އަމުރާ ގުޅިގެން ކްރިމިނަލް ކޯޓުން އަލުން އެމައްސަލަ ބަލަން ފެށިއިރު، ކުރިން އެމައްސަލައިގައި ހުށައަޅާފައި ނުވާ އައު ހެކިތައް ރައީސް ޔާމީނާއި ދެކޮޅަށް ދައުލަތުން ކޯޓަށް ހުށައެޅިއެވެ. އެ ހެކިތައް ބަލައިގަތުމަށް ކުރިމިނަލް ކޯޓުން ނިންމުމުން ރައީސް ޔާމީނުގެ ފަރާތްޕުޅުން އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އައު ހެކިތައް ބަލައިގަތުމަށް ކްރިމިނަލްކޯޓުން ނިންމި ނިންމުން ރަނގަޅު ނޫންކަން ކަނޑައަޅައި އައުހެކިތައް ބަލައި ގަންނަން ނުޖެހޭ ކަމުގައި ހައިކޯޓުން ޙުކުމްކުރިއެވެ. އެހެންވެ އެމައްސަލަ ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުގައި އިސްތިއުނާފްކޮށްފައި ވަނީ ދައުލަތުގެ ފަރާތުންނެވެ.
ސްޕްރީމްކޯޓުން މިއަދު އިއްވި ހުކުމުގައިވެސް، ހައިކޯޓުގެ ޙުކުމަށް ތާޢީދުކޮށް ނިންމާފައި ވަނީ، އަލުން މައްސަލަ ބެލުމުގައި އައު ހެކިތަައް ބަލައިގަންނަން ނުޖެހޭނެ ކަމަށެވެ. ރައީސް ޔާމީނުގެ މައްޗަށް އާރަށުގެ މައްސަލައިގައި އިއްވި ހުކުމް ބާޠިލްކުރި އިރު، ހައިކޯޓުން ފާހަގަކޮށްފައި ވަނީ، ކްރިމިނަލް ކޯޓުގައި އެމައްސަލަ ކުރިޔަށް ދިޔައިރު، ރައީސް ޔާމީނަށް ޤާނޫނުތަކުން ކަށަވަރުކޮށްދީފައިވާ ހައްޤުތައް ލިބިދީފައި ނުވާތީ، އެޝަރީއަތްތައް ހިނގައިގޮސްފައި ވަނީ އިންސާފުވެރިކޮށް ނޫންކަމަށެވެ.
އާރަށުގެ މައްސަލައިގައި، ރައީސް ޔާމީނަށް ކުރާ ރިޝްވަތު ހިފުމާއި މަނީލޯންޑަރ ކުރުމުގެ ޝަރީޢަތް ކްރިމިނަލް ކޯޓުގައި މަޑުޖެހިފައި އޮތީ، އެމައްސަލަ އަލުން ބަލަން ފެށިއިރު އައުހެކިތައް ބަލައިގަތުމާއި ގުޅިގެން، އެމައްސަލަ މަތީކޯޓުތަކުގައި އިސްތިޢުނާފު ކުރުމާއި ގުޅިގެންނެވެ. ހެކިތަކާއި ގުޅޭ އިސްތިއުނާފު މައްސަލަ، ސްޕްރީމްކޯޓުގެެ ޙުކުމާއި އެކު މިއަދު މުޅިން ނިމިގެން ދިޔުމުން، އާރަށުގެ މައްސަލަ އާއި ގުޅިގެން ރައީސް ޔާމީނާއި ދެކޮޅަށް ހިންގާ ޝަރީޢަތްތައް ކްރިމިނަލް ކޯޓަށް އަލުން ކުރިޔަށް ގެންދެވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް