ރާއްޖެ

ދިވެހިރާއްޖެއިން ޖެނީވާގައި ކުއްވެރި ކުރީ އިރާނުން ދޭ ހަމަލާތައް

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ދިވެހިރާއްޖެއިން ޖެނީވާގައި ކުއްވެރި ކުރީ އިރާނުން ދޭ ހަމަލާތައް

ޑރ. ސަލްމާ ރަޝީދު ރާއްޖޭގެ ފަރާތުން ވާހަކަ ދައްކަވަނީ ---

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 61 ވަނަ ދައުރުގެ ބައްދަލުވުމުގައި، ހަނގުރާމަފެށި އެމެރިކާއާއި އިޒްރޭލުގެ ޢަމަލުތަކާއި މެދު އެއްޗެއް ނުބުނެ ދިވެހިރާއްޖެއިން އީރާނުގެ ރައްދު ހަމަލާތައް ކުއްވެރިކޮށް ބަޔާނެއްދީފިއެވެ.

ދިވެހިސަރުކާރުގެ ފަރާތުން މިބަޔާން އިއްވީ، އދ. ގެ އޮފީސްތަކަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ.

އޭނާ ދެއްވި ބަޔާނުގައި ހަމައެކަނި ފާހަގަކުރައްވާފައި ވަނީ، ސައުދީ އަރަބިއްޔާ، ޔޫއޭއީ، ގަތަރު، ބަހުރޭން، ކުވެއިތު، އޮމާން އަދި އުރުދުންއަށް އަމާޒުކޮށް އީރާނުން ދެމުންދާ ހަމަލާތަކާ މެދު ރާއްޖެއިން ކަންބޮޑުވާ ކަމަށެވެ. އަދި އީރާނުން، އެޤައުމަތަކާއި ދެކޮޅަށް ދޭ ރައްދު ހަމަލާތަކާއި ގުޅޭ ޤަރާރު ދިވެހިރާއްޖެއިން ކޯ ސްޕޮންސަރވެސް ކޮށްފައި ވެއެވެ.

ރާއްޖޭގެ ބަޔާނުގައި، އީރާންގެ ނަން ފާހަގަކޮށްފައި ވީނަމަވެސް، މިހަނގުރާމަ ފެށި އިޒްރޭލާއި އެމެރިކާއިން ތުއްތު ކުދިން ކިޔަވާ ސްކޫލަކަށް ބޮން އަޅައި، 169 ކުދިންނާއި ޓީޗަރުން ޝަހީދުކޮށްލުމާއި، އީރާނުގެ ސަރުކާރުގެ އިސްވެރިން އެމީހުންގެ އާއިލާތަކާއި އެކު ގެދޮރުގައި ތިއްބައި ޝަހީދުކޮށްލަމުންދިޔުމާއި މެދު އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ރާއްޖޭގެ މިބަޔާނާއި ގުޅިގެން އާއްމުންގެ ވަރަށް ބޮޑެތި ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. އަދި މިއީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ދެފުށް ދެގޮތްކަން ހާމަވެގެންދާ ކަމެއް ކަމުގައިވެސް ގިނަ ފަރާތްތަކުން ފާހަގަކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް