ރާއްޖެ

ހަނގުރާމައަށް މަހަކަށް ވުރެ ގިނަދުވަސްވީ ފަހުން، ހަނގުރާމައާ ގުޅިގެން ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅުއްވަން ޕީޖީން ނިންމަވައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހަނގުރާމައަށް މަހަކަށް ވުރެ ގިނަދުވަސްވީ ފަހުން، ހަނގުރާމައާ ގުޅިގެން ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅުއްވަން ޕީޖީން ނިންމަވައިފި

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައަށް މަހަކަށްވުރެ ގިނަ ދުވަސްވީފަހުން، އެ ހަނގުރާމައާ ގުޅިގެން ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް ފުރަތަމަ ފަހަރަށް ޕީޖީ އޮފީހުން ނިންމަވައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔެއަށް ކުރިމަތިވަމުންދާ އިޤްތިޞާދީ މައްސަލަތަކާ ވިދިގެން ދިވެހިރާއްޖެއަށް ކޮށްފާނެ އަސަރުތައް ކުޑަކުރުމަށް ދިވެހި ދައުލަތުން އަޅާފައިވާ ފިޔަވަޅުތަކުގައި ބައިވެރިވުމުގެ ގޮތުން، މި އޮފީހުން ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ ނިންމަވާފައި ކަމަށެވެ.

އެގޮތުން މާދަމާއިން ފެށިގެން އެޅުއްވުމަށް ނިންމަވާފައިވާ ފިޔަވަޅުތަކަކީ؛

  • ކޮންމެ އަންގާރަ ދުވަހަކީ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާ ދުވަހެއް ގޮތުގައި ހަމަޖެއްސުން.

  • ރަސްމީ ބައްދަލުވުންތައް އޮންލައިންކޮށް ބޭއްވުން

  •  އޮފީސް ހުޅުވާފައި ހުންނަ ވަގުތު މަދުކުރުމާއި، ކަރަންޓު ބޭނުންކުރުން މަދުކުރުން

  • ކަރުދާސް ބޭނުންކުރުން މަދުކުރުން

  •  އޮފީސް ވެހިކަލް ބޭނުންކުރާ މިންވަރު މަދުކުރުން

    މީގެ އިތުރުން، މި މުއްދަތުގައި ކޮންމެ އަންގާރަ ދުވަހަކު މި އޮފީހުގެ މުވައްޒަފުން ޢާންމު އުޞޫލެއްގެ ގޮތުން ގޭގައި ތިބެގެން މަސައްކަތްކުރި ނަމަވެސް، ކޮންމެހެން އޮފީހަށް ހާޒިރުވެގެން ނޫނީ ނުކުރެވޭނެ މަސައްކަތްތައް އޮފީހަށް ހާޒިރުވެ ކުރާ ގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ. އަދި ކޯޓު އަޑުއެހުންތަކަށް ގަވާއިދުން ހާޒިވަމުން ގެންދާނެ ކަމަށާއި ރަސްމީ ބައްދަލުވުންތަކުގެ ތެރެއިން އޮންލައިންކޮށް ކުރިއަށް ނުގެންދެވޭ ބައްދަވުންތަކާއި، އޮންލައިންކޮށް ކުރިއަށްގެންދިއުމުގެ ސަބަބުން ބައްދަލުވުމުން ނެރެވިދާނެ ނަތީޖާއަށް އުނިކަމެއް އައިސްދާނެކަމަށް ބެލެވޭ ބައްދަލުވުންތައް ހާޒިރުވެގެން ކުރިއަށް ގެންދާނެ ކަމުގައިވެސް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެފައި ވެއެވެ. ޕީޖީ އޮފީހުން ވިދާޅުވީ، އެ އޮފީހުން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމުގެ ގޮތުން މުވައްޒަފުން އޮފީހަށް ހާޒިރުވާ ދުވަސްތަކުގައިވެސް މެންދުރު 14:00 ގެ ފަހުން ގޭގައި ކުރެވެންހުންނަ މަސައްކަތްތައް ގޭގައި ތިބެގެން ކުރުމަށް ބާރުއެޅުމާއި، އޮފީސް ބަންދުކުރާ ގަޑި 18:00 އަށް އަވަސްކުރުމަށްވެސް ހަމަޖައްސާފައިވާ ކަމަށެވެ.

    އަދި، މި އޮފީހުގެ މަސައްކަތްތައް މުޅިން ޑިޖިޓައިޒްކޮށް ކަރުދާސް ބޭނުންކުރުން ހުއްޓާލުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، މި އޮފީހުން ކަރުދާސް ބޭނުންކުރާ މިންވަރު މަދުކުރުމަށް މި މުއްދަތުގައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށްވެސްވަނީ ހަމަޖައްސާފައެވެ.

    މި ބަދަލުތަކުގެ ސަބަބުން ޕީޖީ އޮފީހުން ޢާންމުންނަށް ނުވަތަ އިދާރާތަކަށްދޭ ޚިދުމަތްތަކަށް އެއްވެސް އުނިކަމެއް ނުވަތަ ލަސްކަމެއް ނާންނާނެ ކަމަށާއި، މި މުއްދަތުގައިވެސް، އަދި އަބަދުވެސް online.pgo.mv  މެދުވެރިކޮށް މި އޮފީހުގެ ޚިދުމަތްތައް ހޯއްދެވުމަށް އެންމެހައި ރައްޔިތުންނާއި އިދާރާތަކަށް ބާރުއަޅާ ކަމުގައިވެސް ޕީޖީ އޮފީހުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް