ފެނަކައިން ވަކިކުރި މުވައްޒަފުންނަށް މުސާރައެއްވެސް އިނާޔަތެއްވެސް ނުލިބޭ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ފެނަކައިގެ މުވައްޒަފުންތަކެއް މަސައްކަތުގައި --- ފޮޓޯ: ފެނަކަ
ފެނަކައިން އަތޮޅުތަކުގައި ދެމުން އައި ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމާއި ގުޅިގެން ވަޒީފާ ގެއްލުނު މީހުންނަށް މުސާރައެއްވެސް އަދި އިނާޔަތެއްވެސް ނުލިބި އެ ފަރާތްތަކުން އެކަމުގެ ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
ފެނަކަ ކޯޕަރޭޝަންގެ ދަށުން ޔުޓިލިޓީ ޚިދުމަތް ދެމުން އައި ބައެއް ރަށްރަށުގެ ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމާއި އެކު އެރަށްރަށުގައި ފެނަކައިގައި ވަޒީފާ އަދާކުރަމުންދިޔަ މީހުންގެ ތެެރެއިން އެތައް ބައެއްގެ ވަޒީފާތައް ވަނީ ގެއްލިފައެވެ. އެފަރާތްތަކަށް ރިޑަންޑަންޓް ޕެކޭޖެއް ދީފައިވާކަމަށް ފެނަކައިން ބުނި ނަމަވެސް، ވަޒީފާ ގެއްލުނު ބައެއް މީހުން އެކަމުގެ ކަންބޮޑުވުން ރައްޔިތުންގެ ނޫހާއި، ހިއްސާކުރަމުން ބުނީ، ވަޒީފާއިން ކުރިކަން އަންގައި ވައިބާއިން ފޮނުވި ޗިޓެއް ފިޔަވައި އިތުރު އެއްވެސް އެއްޗެއް ނުލިބޭ ކަމަށެވެ.
ވަޒީފާއިން ވަކިކުރި ކަމުގެ ޗިޓެއް އެކަނި ލިބުނީ، އެހެން އެއްވެސް އެއްޗެއް ނުލިބޭ. ކުއްލިއަކަށް ވަޒީފާ ގެއްލުމުން މިތިބީ ހަދާނެ ގޮތް ހުސްވެފައި. މެދުރާއްޖެތެރޭގެ ރަށެއްގައި ފެނަކައިގެ ވަޒީފާ އަދާކުރި މީހަކު ބުންޏެވެ.
އަތޮޅުތެރޭގެ ރަށެއްގައި ފެނަކައިގައި ތަފާތު ދެ ޑިޕާޓްމެންޓެއްގައި ވަޒީފާ އަދާކުރި، ދެމަފިރިއަކު ބުނީ، ދެމަފިރިންގެ ވަޒީފާ އެއްކޮށް ގެއްލުމުން، އާއިލާގެ ޚަރަދުތައް ކުރެވޭނެ އިތުރު ގޮތެއްނެތް ކަމަށެވެ. ވަކިކުރި އިރު ރިޑަންޑަންޓް ޕެކޭޖެއްގެ ތެރެއިން މުސާރަ އާއި އިނާޔަތްތައް ދޭނެ ކަމަށް ބުނި ނަމަވެސް އެފައިސާވެސް ނުލިބުމުން ގޮތް ހުސްވެފައިވާ ކަމުގައި އޭނާ ބުންޏެވެ.
ފެނަކައިގެ ވަޒީފާތައް ގެއްލުނު މީހުންނަށް ރިޑެންޑަންސީގެ ތެރެއިން އެއްވެސް ބަޔަކަށް މުސާރަ އާއި އިނާޔަތްތައް ދޫކޮށްފައިވޭތޯ، އަދި ފެނަކައިން މިހާތަނަށް ވަޒީފާއިން ވަކިކުރީ، ކިތައް މީހުންތޯ ސުވާލުކުރުމުން ފެނަކަ ކޯޕަރޭޝަންގެ މީޑިއާ އޮފިސަރު ވިދާޅުވީ، އެމައުލޫމާތު އޭނާއަށް ލިބިފައި ނުވާކަމަށެވެ. އަދި އެމައުލޫމާތު ހޯދަން ބޭނުންވާނަމަ، އާރްޓީއައިއެއް ހުށައެޅުމަށް އޭނާ ވަނީ އެދިފައެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީއަށް ފަހުގައި ސަރުކާރުގެ ކުންފުނިތައް ރައިޓް ސައިޒް ކުރުމުގެ ނަމުގައި ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާތަކުން ގެންދަނީ ކަނޑަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް