ވޭތުވެ ދިޔަ ހަތަރު އަހަރު ޕްލާސްޓިކް ކޮތަޅުން ދައުލަތައް 29.6 މިލިއަން ރުފިޔާގެ އާމްދަނީއެއް
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
2023 ވަނަ އަހަރުން ފެށިގެން 2026 ވަނަ އަހަރުގެ މިހާތަނަށް ޖުމްލަ 29،640،775 ރުފިޔާ ޕްލާސްޓިކް ކޮތަޅުން އާމްދަނީއެއްގެ ގޮތުގައި ދައުލަތަށް ލިބުނު --- ފޮޓޯ: އޭބީސީ ނިއުސް
2023 ވަނަ އަހަރު ކުނި މެނޭޖްކުރުމުގެ ގާނޫނަށް ގެނައި ބަދަލާއެކު މިހާތަނަށް ދައުލަތަށް 29.6 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.
ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހިމް ޝިފާޒް ހުށައަޅުއްވާފައިވާ ކުނި މެނޭޖްކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ބަޔާންކޮށްފައިވާގޮތުން 2023 ވަނަ އަހަރުން ފެށިގެން 2026 ވަނަ އަހަރުގެ މިހާތަނަށް ޖުމްލަ 29،640،775 ރުފިޔާ ޕްލާސްޓިކް ކޮތަޅުން އާމްދަނީއެއްގެ ގޮތުގައި ދައުލަތަށް ވަނީ ލިބިފައެވެ.
ބިލުގައި ހާމަކޮށްފައިވާ މައުލޫމާތުން ފެންނަ ގޮތުގައި ޕްލާސްޓިކް ކޮތަޅުން ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ 2023 ވަނަ އަހަރު 12 މިލިއަން ރުފިޔާއެވެ. އަދި 2024 ވަނަ އަހަރު 9 މިލިއަން ރުފިޔާ ލިބުނު އިރު، 2025 ވަނަ އަހަރު 5 މިލިއަން ރުފިޔާގެ އާމްދަނީއެއް ޕްލާސްޓިކް ކޮތަޅުން ދައުލަތަށް ވަނީ ލިބިފައެވެ. އަދި 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް 2،011،421 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
މިހާރު މަޖިލީހަށް ހުށައެޅިފައިވާ އިސްލާހު ފާސްވެއްޖެނަމަ 50 ކޮތަޅަށް ވުރެއް ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ބޮނޑިން މިހާރު ނަގާ 2ރ. ނުނަގާނެއެވެ. އެގޮތުން، ކޮތަޅު ހޯލް ސޭލް ކުރާއިރު، 2ރ. ގެ ފީ ނެގުން ހުއްޓާލާނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބިލާއި ގުޅޭގޮތުން ބަހުސްކުރައްވަމުން ވައިކަރަދޫ ދާއިރާގެ މެންބަރު ވިދާޅުވީ ޕްލާސްޓިކް ކޮތަޅުން ޓެކްސް ނަގާގޮތައް ކުރީ ސަރުކާރުން ބިލެއް ފާސްކުރީ ތިމާވެއްޓާއި ގުޅިގެންކަމަށެވެ. ނަމަވެސް، ގާނޫނުގައި ޕްލާސްޓިކް ކޮތަޅަށް ޓެކްސް ނަގަން ބަޔާންކުރި ނަމަވެސް، ގިނަ ވިޔަފާރިތަކުން ފޮތި ކޮތަޅާއި ކަރުދާސް ކޮތަޅުތަކަށްވެސް އެ 2 ރުފިޔާ ރައްޔިތުންގެ އަތުން ނަގަމުންދާކަމަށް މެންބަރު ވިދާޅުވިއެވެ. އަދި ވިޔަފާރިވެރިން އެކަމުގެ ފައިދާ ނަގަމުންދާކަމަށް މެންބަރު ވިދާޅުވިއެވެ.
މަޖިލީހަށް ހުށައަޅާފައިވާ އިސްލާހުގައި ބަޔާންކުރާ ގޮތުން 50 ކޮތަޅަށް ވުރެއް ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅުން ނަގަމުންދާ ފީ ކަނޑާލުމުން ދައުލަތައް ލިބޭ އާމްދަނީ ދަށްވާނެކަމަށް އަންދާޒާކޮށްފައިވެއެވެ.
މި ބިލުގައި އިތުރަށް ދެން ހިމަނާފައި ވަނީ އެއްވެސް ފަރާތަކުން އެއްވެސް ބާވަތެއްގެ ކުނި ދިވެހިރާއްޖެއަށް އެތެރެކުރުމަކީ މަނާކަމެއް ކަމަށް ކަނޑައަޅާ ކުނި މެނޭޖުކުރުމުގެ ގާނޫނުގެ 44 ވަނަ މާއްދާއަށް އިސްލާހު ގެނައުމަށެވެ.
ކުނި މެނޭޖްކުރުމުގެ މި އިސްލާހު ފާސްވެއްޖެނަމަ މީރާގައި ޖީއެސްޓީއަށް ދަފްތަރުކޮށްފައިވާ ފަރާތްތައް ފިޔަވާ އެހެން ފަރާތްތައް މި ގާނޫނުގައިވާ ގޮތުގެ މަތިން ނަގާ ފީ ހޭދަކުރާނެ ގޮތުގެ އުސޫލުތައް ބަޔާންކުރާ ގަވައިދެއް ގާނޫނަށް އަމަލުކުރާތާ އެއް އަހަރުގެ ތެރޭގައި އެކުލަވާލަންޖެހޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް