ޞިއްޙީ ޚިދުމަތްތަކާ ގުޅޭ ޝަކުވާ އާއި ކަންބޮޑުވުންތައް ރަސްމީ ނިޒާމުގެ ތެރެއިން ކުރިޔަށް ގެންދަން ނަރުހުންގެ ޖަމިއްޔާއިން އިލްތިމާސްކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ޞިއްޙީ ޚިދުމަތްތަކާ ގުޅޭ އެންމެހައި ޝަކުވާތަކާއި ކަންބޮޑުވުންތައް، ސޯޝަލް މީޑިއާގައި ހާމަކުރުމުގެ ބަދަލުގައި، އެކަމަށް ކަނޑައެޅިފައިވާ ރަސްމީ ނިޒާމުގެ ތެރެއިން ހުށަހެޅުމަށް މޯލްޑިވިއަން ނާސަސް އެސޯސިއޭޝަނުން އިލްތިމާސްކޮށްފިއެވެ.
އެޖަމިއްޔާއިން މިކަމަށް އިލްތިމާސްކޮށްފައި ވަނީ، ޞިއްޙީ ޚިދުމަތް ދިނުމުގައި، ދިމާވާ ކަންކަމާއި ގުޅިގެން ވަކިވަކި ނަރުހުންނާއި ގުޅޭ ގޮތުން ސޯޝަލްމީޑިއާ އާއި އެނޫންވެސް މައްސަތަކުގައި ބައެއް ފަރާތްތަކުން ފަތުރަމުން އަންނަ ވާހަކަތަކާއި ގުޅިގެން ކަންބޮޑުވުންފާޅުކޮށް ނެރުނު ބަޔާނުގައެވެ.
ނަރުހުންގެ ޖަމިއްޔާއިން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ، ޞިއްޙީ ޚިދުމަތްތަކާ ގުޅޭގޮތުން ހުންނަ ކަންބޮޑުވުންތަކަކީ އަޑުއަހަންޖެހޭ ކަންކަން ކަމަށާއި، ހަމައެއާއެކު، ޞިއްޙީ ޚިދުމަތްތެރިންނަށްވެސް، ކަނޑައެޅިފައިވާ އިޖުރާއާތްތަކުގެ ތެރެއިން އިންސާފުވެރިކަމާއެކު މައްސަލަ ބެލުމުގެ ޙައްޤު ލިބިގެންވާ ކަމަށެވެ.
ޞިއްޙީ ޚިދުމަތްތަކާ ގުޅޭ އެންމެހައި ޝަކުވާތަކާއި ކަންބޮޑުވުންތައް، ސޯޝަލް މީޑިއާގައި ހާމަކުރުމުގެ ބަދަލުގައި، އެކަމަށް ކަނޑައެޅިފައިވާ ރަސްމީ ނިޒާމުގެ ތެރެއިން ހުށަހެޅުމަށް މޯލްޑިވިއަން ނާސަސް އެސޯސިއޭޝަނުން އިލްތިމާސްކުރާ ކަމަށާއި އެއީ ހެކީގެ މައްޗަށް ބިނާކޮށް، ވަކި ފަރާތަކަށް ނުޖެހި މައްސަލަތައް ތަޙްޤީޤުކުރުމަށް މަގުފަހިކޮށްދޭނެ ގޮތެއް ކަމުގައިވެސް އެބަޔާނުގައި ބުނެފައި ވެއެވެ.
ނަރުހުންގެ ޖަމިއްޔާގެ ބަޔާނުގައި ބުނެފައި ވަނީ، ޞިއްޙީ ޚިދުމަތްތެރިންގެ ފޮޓޯ އާންމުކުރުމާއި، ކަށަވަރުނުވާ ތުހުމަތުތައް ސޯޝަލް މީޑިއާގައި ފެތުރުމުގެ ސަބަބުން، އެ ފަރާތްތަކަށާއި އެމީހުންގެ އާއިލާތަކަށް އިއާދަނުކުރެވޭ ފަދަ ގެއްލުންތައް ލިބި، ޞިއްޙީ ނިޒާމަށް އޮންނަ އިތުބާރު ގެއްލިގެންދާކަމަށެވެ.
ލިބުނު ފަރުވާއަކާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް އޮތްނަމަ، ރަސްމީ ޤާނޫނީ އަދި ފަންނީ އުޞޫލުތަކުގެ ތެރެއިން އެ މައްސަލައެއް ބެލުމަށްޓަކައި، ރަސްމީ "މާހަރަ" ހެލްތު ކޮމްޕްލެއިންޓް މެނޭޖްމަންޓް ސިސްޓަމް މެދުވެރިކޮށް ޝަކުވާތައް ހުށައަޅަމުން ގެންދިޔުމަށް އެދޭ ކަމުގައިވެސް އެޖަމިއްޔާއިން ވަނީ ބުނެފައެވެ،
https://maaharaa.health.gov.mv/Public
ނަރުހުންގެ ޖަމިއްޔާއިން ބުނެފައި ވަނީ، ޒިންމާދާރުކަމާއި، އިންސާފުވެރިކަމާއި އަދި އިޙްތިރާމާއެކު މައްސަލަތައް ހުށަހެޅުމުގެ ސަގާފަތެއް އަށަގަންނަވައި، ބަލިމީހުންގެ ޙައްޤުތަކާއި ޞިއްޙީ ޚިދުމަތްތެރިންގެ ޙައްޤުތައް ޙިމާޔަތްކުރުމުގައި އެންމެހައި ފަރާތްތަކުން އެއްބާރުލުން ދެއްވުމަށްވެސް އެޖަމިއްޔާއިން އެދޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް