Post banner
ރާއްޖެ

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލެއް މަޖިލީހަށް ހުށައަޅައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލެއް މަޖިލީހަށް ހުށައަޅައިފި

ރައްޔިތުންގެ މަޖިލީހުގެ އިދާރާ ---

ކުށް ކޮށްގެން ހޯދާ މުދަލާގުޅޭ ބިލެއް އެކުލަވާލައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށައަޅާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ސަރުކާރުން އެ ބިލު ހުށަހެޅުމުގެ މައިގަނޑު އެއް ބޭނުމަކީ، ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން ނުޙައްޤުން ހޯދާ މުދާ އެ ފަރާތްތަކުގެ ކިބައިން ނަގައި، އެ މުދަލުން އިތުރު މަންފާ ހޯދޭނެ މަގުތައް ބަންދުކުރުމަށްޓަކައި، ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާބެހޭ ޤާނޫނީ އޮނިގަނޑެއް ތަޢާރުފުކުރުން ކަމަށެވެ. އަދި މިކަމުގެ ސަބަބުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ކުށް ކޮށްގެން ހޯދާ މުދަލުން މާލީ މަންފާ ހޯދުން ހުއްޓުވޭނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި އެކިފަރާތްތަކުން ޖިނާއީ ބޮޑެތި ކުށްކޮށްގެން ހޯދާފައިވާ ދައުލަތުގެ މުދާ ދައުލަތަށް ނެގުމުގައި މިހާރު ދިމާވެފައިވާ ޤާނޫނީ މައްސަލައަށްވެސް މިބިލުން ޙައްލެއް ލިބިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ނުޙައްޤު މުއްސަނދިކަން ހޯދުމާއި ގުޅޭ ގޮތުން ފިޔަވަޅުތައް އެޅުމާއި ގުޅޭ ގޮތުން މީގެ ކުރީގެ ސަރުކާރުތަކުންވެސް ވާހަކަ ދައްކާފައިވީ ނަމަވެސް އެފަދަ ކަންކަން ޢަމަލީގޮތުން ތަންފީޒު ކުރެވޭނޭ އެކަށީގެންވާ ޤާނޫނީ ނިޒާމެއް މިހާތަނަށް ޤާއިމްކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް