ރިޕޯޓް

ފުލުހުންނާއި ފުލުހުންގެ އާއިލާތަކުގެ ބޭސް ފަރުވާއަށް 7 އަހަރުން ބިލިއަނެއްހައި ރުފިޔާ ޚަރަދުވި.

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ފުލުހުންނާއި ފުލުހުންގެ އާއިލާތަކުގެ ބޭސް ފަރުވާއަށް 7 އަހަރުން ބިލިއަނެއްހައި ރުފިޔާ ޚަރަދުވި.

މާލޭގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ފުލުހުން ކުރިއަށް ގެންދިޔަ ”ރިވެލި އޮަޕަރޭޝަން“ގެ ތެރެއިން --- ފޮޓޯ: ފޮލިސް މީޑިއާ

ފުލުހުންނާއި ފުލުހުންގެ އާއިލާއަށް ބޭސްފަރުވާކުރަން މިދިޔަ 7 އަހަރުގެ ތެރޭގައި ބިލިއަނެއްގައި ރުފިޔާ ޚަރަދުވެއްޖެއެވެ.

މައުލޫމާތު ހޯދާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން ރައްޔިތުންގެ ނޫހުން އެދުނީ 2019 ވަނަ އަހަރުން 2025 ވަނަ އަހަރުގެ ނިޔަލަށް ކޮންމެ އަހަރަކަށް ފުރަތަމަ ކަނޑައެޅުނު ބަޖެޓުގެ އަދަދާއި ބަޖެޓަށް ގެނެވުނު ބަދަލު އަދި ޚަރަދު ކުރެވުނު މިންވަރު ހޯދުމަށެވެ.

މިދިޔަ ހަތް އަހަރު ފުލުހުންގެ ބޭސްފަރުވާއަށް ޖުމުލަ 980 މިލިއަން ރުފިޔާ ހަރަދުކުރިއިރު، އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ މިދިޔަ އަހަރުގައެވެ. އެއީ 282.59 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓަކީ 118.48 މިލިއަނެވެ. ނަމަވެސް އެ އަދަދު ހުސްވެގެން ފަހުން 167.115 މިލިއަނަށް އިތުރުކޮށްފައިވާއިރު، އަހަރު ނިމުނު އިރު ޖުމްލަ 282.59 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. މިއީ 2019 ވަނަ އަހަރު ހޭދަވި 87.19 މިލިއަނާއި އަޅާކިޔާއިރު ޖުމްލަ 195.4 މިލިއަން ރުފިޔާ ނުވަތަ 224 އިންސައްތައިގެ އިތުރުވުމެކެވެ.  

މިދިޔަ ހަތް އަހަރު ފުލުހުންގެ މުއައްސަސާއަށް ކަނޑައަޅާ ބަޖެޓަށް ކޮންމެ އަހަރަކުވެސް ބަދަލު ގެނެސް ހަރަދުކުރާ މިންވަރު ވަނީ އިތުރުކޮށްފައެވެ. އެގޮތުން 2019 ވަނަ އަހަރު ފުރަތަމަ ކަނޑައެޅީ ޖުމްލަ 40 މިލިއަނުގެ ބަޖެޓެކެވެ. ނަމަވެސް، އެ ބަޖެޓަށް 48 މިލިއަން އިތުރުކޮށް 88.6 މިލިއަން ރުފިޔާގެ ބަޖެޓަކަށް ބަދަލުކުރި އިރު، އެ އަހަރު ޖުމްލަ 87.19 މިލިއަން ރުފިޔާ ހަރަދުކުރިއެވެ.

Uploaded image

2020 ވަނަ އަހަރަކީ ކޮވިޑް 19ގެ ސަބަބުން ރާއްޖެއަށް ތަދު އަހަރެކެވެ. ނަމަވެސް 2019 ވަނަ އަހަރާ އަޅައިބަލާއިރު އިރު 2020 ވަނަ އަހަރު ފުލުހުންގެ ބޭސްފަރުވާއަށް ހަރަދުކުރިވަރު %45.6 ދަށެވެ. 2020 ވަނަ އަހަރު ހަރަދުކުރީ ޖުމްލަ 47.9 މިލިއަން ރުފިޔާއެވެ. މިއަދަދުގައި އެހެން އަހަރުތަކެކޭ ހިލާފަށް ބޮޑު ފަރަގެއް އުޅޭ ސަބަބަކަށް ބެލެވެނީ ކޮވިޑް 19ގެ ސަބަބުން ހުރިހާ ބޯޑަރުތަކެއް ބަންދުވެ ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ރާއްޖެއިން ބޭރުން ބޭސްފަރުވާކުރުމުގެ ފުރުސަތު ހަނިވުމެވެ.

ސިފައިންނާއި ސިފައިންގެ އާއިލާއަށްވެސް ބޭސްފަރުވާ ކުރެވޭ ގޮތަށް އޮންނައިރު، ބަޖެޓުގެ ތަފާސްހިސާބުތަކަށް އާރްޓީއައި މެދުވެރިކޮށް އެ މުއައްސަސާގައި އެދުމުން އެ މައުލޫމާތު މިހާތަނަށް ފޯރުކޮށްދީފައެއް ނުވެއެވެ. ނަމަވެސް، މިދިޔަ އަހަރުގެ އޮގަސްޓް މަހު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ފޮނުވަފައިވާ ޑޮކިއުމެންޓަކުން ހާމަވާ ގޮތުގައި 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ 324 މިލިއަން ރުފިޔާ ސިފައިންނާއި ސިފައިންގެ އާއިލާތަކުގެ ބޭސްފަރުވާއަށް ޚަރަދުކޮށްފައި ވެއެވެ.

 ބޭސްފަރުވާ ދިނުމުގައި އާއިލާގެ މެންބަރު ކަމުގައި ބަލަނީ ފުލުސް މީހާގެ މަންމަ، ބައްޕަ، އަނބިން، ފިރިން އަދި އުމުރުން 18 އަހަރު ނުފުރޭ ދަރިންނެވެ. ފުލުހުންނާއި ފުލުހުންގެ އާއިލާގެ މެންބަރުންގެ ގޮތުގައި ދަފްތަރުވެ ކަނޑައެޅިފައިވާ ކޮންމެ މީހަކަށް ބޭނުންވާ ކޮންމެ ބައްޔަކަށް ވެސް ބޭސްފަރުވާ ކުރެވޭނެއެވެ. ނަމަވެސް، ބޭސްފަރުވާއަށް އެދިފައި ހުންނަނީ ކިހާ އަވަހަށް ނުވަތަ ލަސްމިނެއްގައިކަން ދެނެގަނެވޭގޮތަށް އެ އިދާރާއިން ރިކޯޑުތައް ނުބަލަހައްޓާކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ސިފައިންނާއި ފުލުހުންނާއި އެފަރާތްތަކުގެ އާއިލާތަކަކީ ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން ބޭސްފަރުވާއަށް އެކަށީގެންވާ ހަރަދެއް ބަޖެޓުން ކުރާ ދެ މުއައްސަސާއެވެ. އަދި މި މުއައްސަސާތަކުގެ ދަށުން ހިލޭ ބޭސްފަރުވާ ލިބޭ ފަރާތްތަކަކީ އާސަންދަ ސްކީމްގެ ދަށުންވެސް ކޮންމެ ދިވެހި ރައްޔިތަކަށް ހިލޭ ބޭސްފަރުވާ ކުރެވޭނެ އުސޫލުންވެސް ބޭސްފަރުވާ ކުރެވޭނެ ފަރާތްތަކެވެ.

އާސަންދަ ސްކީމްގެ ތަސާސް ހިސާބަށް ބަލާލާއިރު، އެންމެފަހުން އެ ކުންފުނިން ޝާއިއުކޮށްފައިވަނީ 2024 ވަނަ އަހަރުގެ 4 ކުއާޓަރގެ ތަފާސްހިސާބުތަކެވެ. އެގޮތުން 2024 ވަނަ އަހަރު ޖުމްލަ 3.3 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

 

 

 

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް