Post banner
ރާއްޖެ •

ކުރީ ސަރުކާރުގެ ސަބްމެރިން ކޭބަލް ޕްރޮޖެކްޓް ހުއްޓުވާލާފައި އޮތުމުން ފައްޔާޒު ފާޑުވިދާޅުވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ކުރީ ސަރުކާރުގެ ސަބްމެރިން ކޭބަލް ޕްރޮޖެކްޓް ހުއްޓުވާލާފައި އޮތުމުން ފައްޔާޒު ފާޑުވިދާޅުވެއްޖެ

ތިންވަނަ ފަރާތެއް މެދުވެރިކޮށް ހުރިހާ އިންޓަނެޓް ޓްރެފިކެއް ފޮނުވުމަކީ އަގުބޮޑު ކަމެއް ކަމަށާއި، އެ ކޭބަލް ހުއްޓުވާލުަމަކީ އިންޓަނެޓުގެ އަގު އިތުރަށް ހެޔޮކުރަން އޮތް ދޮރު ބަންދުވާނެ ކަމެއްކަމުގައިވެސް ފައްޔާޒު ވިދާޅުވިއެވެ.

ސަރަޙައްދީ ޤައުމުތަކުގެ ތެރެއިންވެސް ރާއްޖެއަކީ، އިންޓަރނެޓް އެންމެ އަގުބޮޑުޤައުމަށް ވުމާއިއެކު ރައްޔިތުންނަށް އެކަމުގެ ބުރަ ލުއިކޮށްދިނުމަށް ކުރީ ސަރުކާރުން ފެށި، "އޯސީއެމް-އައިއޭއެކްސް" ސަބްމެރިން ކޭބަލް ޕްރޮޖެކްޓް މިސަރުކާރުން ހުއްޓާލާފައިވުމާއި ގުޅިގެން، ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް ފާޑު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ފައްޔާޒު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުން ފެށީ އިންޓަނެޓް އިންފްރާސްޓްރަކްޗާ މިނިވަންކުރުމާއި ޑިޖިޓަލް ސިޔާދަތު ރައްކާތެރިކުރުމުގެ މައި މަޝްރޫއު، އޯސީއެމް-އައިއޭއެކްސް ސަބްމެރިން ކޭބަލް ހުޅުމާލެއަށް އެއްގަންކުރިތާ މިހާރު ތިން އަހަރު ދުވަސްވެފައިވާ ކަމަށެވެ. އެހެން ނަމަވެސް، ކޭބަލް އޮޕަރޭޝަނަލް ކުރުމަށް ބޭނުންވާ ފައިސާ މި ސަރުކާރުން ހަމަޖައްސައިނުދީ މަޝްރޫއު ވަނީ ހުއްޓުވާފައިކަމުގައި ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ، ރަސްމާލެ ހިއްކަން ބިލިއަން ޑޮލަރު ހޭދަކުރަމުންދާއިރު ކުރު މުއްދަތެއްގެ ތެރޭގައި އިގުތިސޯދަށް އިންގިލާބީ ބަދަލެއް ގެންނާނެ މި ކޭބަލްއަށް ދޭނެ 20 މިލިއަން ޑޮލަރު ސަރުކާރުގައި ނެތް ކަމަށެވެ.

ތިންވަނަ ފަރާތެއް މެދުވެރިކޮށް ހުރިހާ އިންޓަނެޓް ޓްރެފިކެއް ފޮނުވުމަކީ އަގުބޮޑު ކަމެއް ކަމަށާއި، އެ ކޭބަލް ހުއްޓުވާލުަމަކީ އިންޓަނެޓުގެ އަގު އިތުރަށް ހެޔޮކުރަން އޮތް ދޮރު ބަންދުވާނެ ކަމެއްކަމުގައިވެސް ފައްޔާޒު ވިދާޅުވިއެވެ.

މި ސަރަހައްދުގެ ޑޭޓާ އަދި ކަނެކްޓިވިޓީ ހަބަކަށް ވުމަށް ރާއްޖެއަށް އޮތް ފުރުސަތު މި ސަރުކާރުން މިވަނީ ގެއްލުވާލާފައި ކަމަށާއި، ޑިޖިޓަލް ދުނިޔެއެއްގައި ވާދަކުރުމަށް ދައުލަތުގެ އަމިއްލަ ބާރު ހިނގާ ސަބްމެރިން ކޭބަލެއް އޮންނަން ޖެހޭ ކަމުގައިވެސް ފައްޔާޒު ވިދާޅުވިއެވެ. އެކަމަކު އެވަރު ނުވިސްނޭ ބަޔަކު މިނިވަންކަމުގެ ވާހަކަ ދައްކާނެ ކަމެއް ނެތް ކަމުގައިވެސް ފައްޔާޒު ވިދާޅުވިއެވެ.

"އޯސީއެމް-އައިއޭއެކްސް" ސަބްމެރިން ކޭބަލަކީ، މޯލްޑިވްސް ފަންޑް މެނޭޖްމަންޓު ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން، އެ ކުންފުނީގެ ސަބްސިޑަރީ އޯޝަން ކަނެކްޓް މޯލްޑިވްސް (އޯސީއެމް) އާއެކު ހިންގާފައިވާ މަޝްރޫޢުއެކެވެ. އެމްއެފްއެމްސީގެ 2023 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުން ވެސް ހާމަވާ ގޮތުގައި މިމަޝްރޫޢު ކުރިޔަށް ނުގޮސް ހުއްޓިފައި ވަނީ، އެކަމަށް ބޭނުންވާ ފައިސާ ލިބިފައި ނުވުމުގެ ސަބަބުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް