މިދިޔަ އަހަރު ބޯނަސް ފައިސާ އިތުރަށް ދެވިފައިވާކަމަށް ބުނެ ފައިސާ އަތުލަނީ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އެޗްޑީސީގެ ހެޑް އޮފީސް --- ފޮޓޯ: ރައްޔިތުންގެ ނޫސް
ސަރުކާރު ހިއްސާވާ ކުންފުނި، އެޗްޑީސީން އެކުންފުނީގެ މުވައްޒަފުންނަށް މިދިޔަ އަހަރު ބޯނަސް ފައިސާގެ ގޮތުގައި އިތުރަށް ފައިސާ ދެވިފައިވާ ކަމަށް ބުނެ، އެފައިސާ އަނބުރާ ދިނުމަށް މުވައްޒަފުންނަށް އަންގައިފިއެވެ.
އެޗްޑީސީގެ މުވައްޒަފުންގެ ފަރާތުން މައުލޫމާތު ލިބުނު ގޮތުގައި، އެފައިސާ އަނބުރައި ދެއްކުމަށް އަންގައި ވަކިވަކި މުވައްޒަފުންނަށް އެޗްޑީސީން އަންނަނީ ލިޔުން ފޮނުވަމުންނެވެ. މިގޮތުން އެލިޔުމުގައި އަންގާފައި ވަނީ، އެއްފަހަރާ އެފައިސާ އެޗްޑީސީއަށް އަނބުރައި ދިނުމަށާއި، ނުވަތަ މުސާރައިން އުނި ކުރުމަށެވެ. މިގޮތުން މުސާރައިން ކަނޑާއިރު އެއްމަހާއި ހަމަހާއި ދެމެދުގެ މުއްދަތެއްގައި އެފައިސާ މުސާރައިން އުނިކުރަން ނިންމާފައިވާކަން އަންގާފައިވާކަމަށްވެސް އެޗްޑީސީގެ މުވައްޒަފުން ބުންޏެވެ. މިކަމާއި ގުޅޭ ގޮތުން އެޗްޑީސީގެ ރަސްމީ ބަހެއް ލިބިފައެއް ނުވެއެވެ.
އެޗްޑީސީގެ މުވައްޒަފުންނަށް ބޯނަސްގެ ގޮތުގައި، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކޮންމެ މުވައްޒަފަކަށްވެސް 18،600ރ ދީފައި ވެއެވެ. އެހެން ނަމަވެސް އެއަދަދަަށް ބޯނަސް ދިން މުވައްޒަފުންގެ ތެރޭގައި އުސޫލު އޮންނަ ގޮތުން ބޯނަސް ފައިސާ އެއަދަދަށް ލިބެން ނުޖެހޭ މުވައްޒަފުންވެސް ތިއްބެވެ. އިތުރަށް ބައެއް މުވައްޒަފުންނަށް ބޯނަސް ފައިސާ ދިން އިރު، އިތުރަށް ބޯނަސް ފައިސާ ދެވިފައި ވަނީ ކިތައް މުވައްޒަފުންނަށް ކަމެއް، އަދި އެއީ ޖުމުލަ ކިހައި ފައިސާއެއް ކަމެއް ސާފެއް ނުވެއެވެ.
2023 ވަނަ އަހަރުން ފެށިގެން އެޗްޑީސީފެ ފައިދާ ދަށްވަމުން އަންނައިރު، 2024 ވަނަ އަހަރަކީ އެކުންފުންޏަށް ގެއްލުމާއި ކުރިމަތިވި އަހަރެކެވެ. އޭގެ އިތުރުން ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން މާލީ މައްސަލަތައް އެންމެ ބޮޑުވެފައިވާ ކުންފުނިތަކުގެ ތެރޭގައިވެސް އެޗްޑީސީ ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް