Post banner
ދުނިޔެ

ފެންބޮޑުވުމުގައި ވަޅުލެވުނު ގެއެއްގެ ތެރެއިން 11 ދުވަސްފަހުން ދިރިހުރި މީހަކު ސަލާމަތްކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ފެންބޮޑުވުމުގައި ވަޅުލެވުނު ގެއެއްގެ ތެރެއިން 11 ދުވަސްފަހުން ދިރިހުރި މީހަކު ސަލާމަތްކޮށްފި

ކިސަޑާއި ކުނިބުނީގެ ތެރެއިން 11 ދުވަސް ފަހު ދިރިހުއްޓައި ސަލާމަތް ކުރެވުނު ޗަންދްރިކާ ޝްރެޝްތާ )64އ( --

ނޭޕާލާއި ޓިބެޓް ގުޅޭ ސަރަހައްދުގައި ހިނގި ކުއްލި ފެންބޮޑުވުމާއި ކިސަޑު ފޭބުމުގެ ހާދިސާގައި ވަޅިލެވުނު ގެއެއްގެ ތެރެއިން 11 ދުވަސް ފަހުން ދިރިހުރި އަންހެނަކު ސަލާމަތްކޮށްފިއެވެ.

އިއްޔެ ނޭޕާލުގެ ސިފައިންނާއި ފުލުހުން ސަލާމަތްކޮށްފައި ވަނީ، ނުވަކޮޓް ޑިސްޓްރިކްޓްގެ ބަތްރަވަތީ ސަރަހައްދުގެ ގެއެއްގެ ތެރޭގައި ތާށިވެފައި އޮތް އުމުރުން 64 އަހަރުގެ ޗަންދްރިކާ ޝްރެޝްތާއެވެ. ނޭޕާލުގެ އަސްކަރިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި އޭނާގެ ގެ ވަނީ، ފެނުގެ ސައިލާއި ކިސަޑާއި އެކު 50 މީޓަރު ދުރަށް ގެންގޮސްފައެވެ. އޭނާ ފެނުނީ ވަޅުލެވިފައިވާ އެގޭގެ 4 ވަނަ ބުރީގެ ތެރެއިންނެވެ.

ޗަންދްރިކާ ޝްރެޝްތާ ފެނުނީ، އިއްޔެ އޭނާގެ އަޑު އިވިގެންނެވެ. ވަޅުލެވިފައިވާ ގޭގެ ތެރެއިން އިއްޔެ އޭނާގެ އަޑު އިވުނު އިރު، ފާއިތުވި 10 ދުވަހުވެސް އެސަރަހައްދުން ދިރިހުރި މީހަކު ފެނޭތޯ އެތައް ފަހަރަކު ބަލާފައިވާކަމަށް، ނޭޕާލުގެ ފުލުހުން ބުނެފައި ވެއެވެ. ޝްރެޝްތާގެ އަޑު އިވުނުތާ، 45 މިނިޓްގެ ތެރޭގައި، މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ އޭނާ ކިސަޑުތަކާއި ކުނިބުނިތަކުގެ ތެރެއިން ސަލާމަތްކޮށް އެގެއިން ނެރެފައެވެ. އަދި މިހާރު އޭނާ ވަނީ، އިތުރު ފަރުވާއަށް ވައިގެ މަގުން ވެރިރަށް ކަތުމަންޑޫއަށް ގެންގޮސްފައެވެ.

ޗަންދްރިކާ ޝްރެޝްތާ ދިރިހުއްޓައި ފެނިފައި ވަނީ، އޭނާ މަރުވެއްޖެކަމަށް ބަލައި، ހިންދޫދީނުގެ މީހުން ޣައިބުގައި ޖަނާޒާ ބާއްވާގޮތަށް އޭނާގެ އާއިލާގެ މީހުންވެސް އޭނާގެ ޖަނާޒާ ބާއްވައި ނިންމި ފަހުން ކަމުގައިވެސް ނޭޕާލުގެ ނޫސްތަކުގައި ރިޕޯޓްކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް