2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނަކީ 2025 ވަނަ އަހަރުުގެ ކުލަ ނެތް ކޮޕީއެއް: ނާޒިލް
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނަކީ 2025 ވަނަ އަހަރުގެ ކުލަ ނެތް ކޮޕީއެއްގެ ގޮތުގައި ސިފަކުރައްވައި، އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް މިއަދު 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނަށް ޖަވާބުދެއްވައިފިއެވެ.
ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ނާޒިލް 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނަށް ޖަވާބުދެއްވީ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމުން އެ ރިޔާސީ ބަޔާނުގެ ޖަވާބު އެއިރެއްގައި މަޖިލީހުގައި ސަރުކާރު ތަމްސީލުކުރާ ޕާޓީ ފިޔަވައި އެހެން ޕާޓީތަކުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ މެންބަރުން ނިސްބަތްވާ ސިޔާސީ ޕާޓީއެއްގެ ޕާލަމަންޓްރީ ލީޑަރު ދެއްވަންޖެހޭ ގޮތައް ރައްޔިތުންގެ މަޖިލީހުގައި އޮންނަ ގަވައިދުގެ ދަށުންނެވެ.
މި އަހަރުގެ ފެބްރުއަރީ 5 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ދެއްވި އެމަނިކުފާނުގެ 3 ވަނަ ރިޔާސީ ބަޔާނަކީ ގާނޫނު އަސާސީގައި ލާޒިމްކޮށްފައިވާ މިންވަރަށް ފުރިހަމަވެފައިވާ ރިޔާސީ ބަޔާނެއް ނޫންކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ވިދާޅުވިއެވެ.
މެންބަރު އިތުރަށް ވިދާޅުވީ ރިޔާސީ ބަޔާނުގައި އިތުރަށް ރަނގަޅުކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ބަޔާންކޮށްފައިނުވާއިރު، ރައީސުލްޖުމްހޫރިއްޔާ ފާއިތުވި ދެ އަހަރު ވިދާޅުވި ހުވަފެނީ ވާހަކަތައް އަނެއްކާވެސް މަޖިލީހަށް އިއްވެވިކަމަށެވެ.
އަދި އައު ތާރީހުތަކާއި އައު ހުވަފެންތައް ދެއްކެވިއިރު، ގައުމުގެ ބޮޑެތި މައްސަލަތައް ހައްލުކުރައްވަން ގެންގުޅުއްވާ ސިޔާސަތުތައް ސާފުކޮށްދެއްވާފައިނުވާކަމަށް ނާޒިލް ވިދާޅުވިއެވެ.
"މިހާރު މިއޮތް ސަރުކާރަކީ ރާއްޖޭގެ ތާރީހުގައި ނުފެންނަ ވަރުގެ ނާގާބިލް ސަރުކާރެއް"
ނާޒިލް އިތުރަށް ވިދާޅުވީ އިގްތިސާދީ ގޮތުންނާއި އިޖްތިމާއީ ގޮތުން ރައީސް މުޢިއްޒު ބޮޑުތަނުން ފެއިލްވެފައިވާ ކަމަށެވެ.
އަދި އެކަންކަން ފޮރުވުމަށް އެމަނިކުފާނުގެ ސަރުކާރުން އޮޅުވާލަނީ ކަަމަށް މެންބަރު ތުހުމަތުކުރެއްވިއެވެ. ނަމަވެސް ރާއްޖޭގެ ހާލަތާއި ރައްޔިތުން ތަހައްމަލުކުރަމުންދާ ހާލަތު ރައްޔިތުންނަށް ފެންނަ ކަމަށް ނާޒިލް ވިދާޅުވިއެވެ.
ރައްޔިތުންނަށް ސިއްހީ ހިދުމަތާއި، އާސަންދަ ހިދުމަތުގެ އިތުރުން ބޭސް ސިޓީއަށް ބޭސް ނުލިބޭ ވާހަކަ އަކީ ކޮންމެ ދުވަހަކު ވެސް އިވޭ ވާހަކަތައް ކަމަށް މެންބަރު ވިދާޅުވިއެވެ. އަދި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ރައްޔިތުންނަށް ދިމާވާ ތަކުލީފުތަކުގެ އަޑު ސަރުކާރަށް އިވޭކަން ޔަގީންނުވާކަމަށް މެންބަރު ވިދާޅުވިއެވެ.
އާސަންދަ އިސްލާހުކުރާނެ ކަމަށް ސަރުކާރުން އިއުލާނުކުރި ފަހުން އާސަންދައިގެ ހިދުމަތް ދަށްވެއްޖެކަމަށް މެންބަރު ފާހަގަކުރިއެވެ. އަދި މިފަދަ އިސްލާހެއްގެ ސަބަބުން ރައްޔިތުންނަށް ލިބެންޖެހޭ އެއްޗެއް މަދުވެ އުނިވާކަމުގައި ވާނަމަ، އެ އިސްލާހު ހުއްޓާލުމަށް މެންބަރު ގޮވާލެއްވިއެވެ.
މީގެ އިތުރުން، ޔޫރަޕްގެ "މޮޮޅު" ބޭސް ގެންނާނެކަމަށް އިއުލާނުކުރިތާ ދެ އަހަރު ވެއްޖެ ކަމަށް މެންބަރު ފާހަގަކުރެއްވިއެވެ. އަދި ކުރިން ލިބެމުން އައި ބޭސްގުޅަ ވެސް މިހާރު ނުލިބޭ ކަމަށް ވިދާޅުވެ މެންބަރު ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.
2025 ވަނަ އަހަރު ބަޖެޓު ފާސްކުރިއިރު ސަރުކާރުން އެއީ ބޯހިޔާވަހިކަމުގެ ބަޖެޓެއް ކަމަށް ބުނި ނަމަވެސް، އެ ބަޖެޓުން ބޯހިޔާވަހިކަން ދެވުނު އެއްވެސް ރައްޔިތެއް ނެތްކަމަށް މެންބަރު ވިދާޅުވިއެވެ. އަދި އެއްވެސް މަޝްރޫއެއް ފެށިފައިނުވާކަމަށް ވިދާޅުވެ މެންބަރު ވަނީ ފާޑުވިދާޅުވެފައެވެ.
މެންބަރު މިސާލެއްގެ ގޮތުގައި ދެއްކެވީ، ބ. އޭދަފުށީގައި 1،000 ފްލެޓުއަޅަން ސޮއިކުުރުމުގެ ރަސްމިއްޔާތެއް ބޭއްވި ފަހުން ތިން އަހަރު ވީކަމަށެވެ. އަދި އެ ރަށުގައި އެއްވެސް މަސައްކަތެއް ނުހިނގާކަމަށް އެ ރަށުގެ ރައްޔިތުން ހެކިވާނެ ކަމަށް މެންބަރު ވިދާޅުވިއެވެ.
މެންބަރު ވަނީ ނިންމާފައިވާ 4،000 ފްލެޓުތައް ލިސްޓެއް ބަލައިގެން ހަވާލުކުރުމަށް ސަރުކާރަށް ދެ އަހަރު ދުވަހުގެ މުއްދަތެއް ނެގުމުން އެކަމަށް ފާޑުވިދާޅުވެފައެވެ. އަދި އެފަދަ ސަރުކާރަކުން އެތައް ހާސް ފްލެޓެއް އަޅާނެ ކަމަށް ބުނުމުން އެ ވާހަކަތައް ރައްޔިތުން ގަބޫލުކުރާނެތޯ މެންބަރު ވަނީ ސުވާލު އުފައްދަވާފައެވެ.
އަދި ބޯހިޔާވަހިކަމުގެ ބަޖެޓުގައިވާ 2.6 ބިލިއަން ރުފިޔާ ސަރުކާރުން ހުސްކޮށްފައިވާކަމަށް ވިދާޅުވެ، އެ ފައިސާ ނަގައިގެން ކުރެވުނީ ކަންތައްތަކަކީ ކޮބައިކަމާ މެދު ސުވާލު އުފައްދަވާ ރައްޔިތުންނަށް ޖަވާބުދާރީވުމަށް ގޮވާލެއްވިއެވެ.
މީގެ އިތުރުން، ޑިވެލޮޕްމެންޓު ބޭންކާއި ބަންކަރިންގެ ހިދުމަތުން ލިބޭނެކަމަށް އަންދާޒާކުރި 400 މިލިއަން ޑޮލަރުގެ މަޝްރޫއުގެ އިތުރުން މާލެއާއި ރަސްމާލެ މޫދުއަޑީގެ ޓަނަލަކުން ގުޅާލުން ފަދަ އިގްތިސާދީ މަސައްކަތްތަކުގެ ތަފްސީލު ރިޔާސީ ބަޔާނުގައި ހާމަކޮށްފައިނުވާތީ ހިތާމަކުރައްވާކަމަށް ނާޒިލްގެ ޖަވާބުގައި ފާހަގަކުރެއްވިއެވެ.
ނާޒިލް އިތުރަށް ވިދާޅުވީ ޕީއެންސީ ސަރުކާރުން އެހެން ސަރުކާރަކުން ނުނަގާ ވަރަށް ދަރަނި ނަގާފައިވާކަމަށެވެ. އަދި ދަރަނި ދެއްކުމަށްވެސް އިތުރުދަރަނި ނަގަމުންދާކަމަށް މެންބަރު ތުހުމަތުކުރެއްވިއެވެ. ދައުލަތައް ލިބޭ އާމްދަނީއިން ދެކޮޅުނުޖެހުމުން އިތުރަށް ދަރަނި ނަގަންޖެހެނީ ސަރުކާރުގެ އިސްރާފު ބޮޑުކަމުންކަމަށް ނާޒިލް ވިދާޅުވިއެވެ.
ނާޒިލް އިތުރަށް ވިދާޅުވީ ބައިނަލްއަގްވާމީ ދުނިޔޭގައި ދިވެހިރާއްޖެ އެކަހެރިކޮށް އަސްކަރީ ގޮތުން ގައުމު ނުރައްކަލައް ހުށައަޅާފައިވާކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ދުރުވިސްނުމެއްނެތި ކުރިކަމަކުން ދުނިޔޭގެ ބޮޑު ބާރުތަކުން ދިވެހިރާއްޖެއަށް އިންޒާރުދިނުމުން ހުރިހާ ގެއްލުމެއް ލިބޭނީ ދިވެހި ރައްޔިތުންނަށް ކަމަށް ނާޒިލް ވިދާޅުވިއެވެ.
"ގައުމުގެ ހާލަތު ބަޔާންކޮށްދީ، އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމައްޓަކައި ކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންކަމުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވުމަށް ލާޒިމްކޮށްފައި އޮތް އިރު، އެކަން އެގޮތައް ނުކުރައްވާ ކުލަ ނެތް ހުވަފެނެއް މި މަޖިލީހަށް ހުށައެޅީތީވެ ހިތާމަކުރަން" 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނަށް ޖަވާބުދެއްވަމުން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް