ޕްރިމިއާ ލީގުން ވަގުތު ބޭކާރުކުރުން ހުއްޓުވުމަށް ވަރުގަދަ އާ ގަވާއިދުތަކެއް ތައާރަފުކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ލަންޑަން: ޕްރިމިއާ ލީގުގެ މެޗުތަކުގައި ގަސްތުގައި ވަގުތު ބޭކާރުކުރުން ހުއްޓުވުމަށާއި، ކުޅުން އަވަސްކޮށް ފޯރިގަދަކުރުމުގެ މަގުސަދުގައި 2026/27 ސީޒަނުން ފެށިގެން އަމަލުކުރާނެ ބޮޑު ފަސް ބަދަލެއް ރަސްމީކޮށް އިއުލާންކޮށްފިއެވެ.
ފުޓްބޯޅައިގެ ގަވާއިދުތައް ހަދާ ބައިނަލްއަގުވާމީ އިދާރާ (IFAB) ގެ ލަފާގެ މަތިން ގެނައި މި ބަދަލުތަކުގެ ތެރޭގައި މެޗުގެ އޮއިވަރު ބަދަލުކޮށްލާނެ ފަދަ ހަރުކަށި ގަވާއިދުތައް ހިމެނެއެވެ. އާ ގަވާއިދުތަކުގެ ދަށުން، ދަނޑުމަތީގައި ފަރުވާ ހޯދާ އަނިޔާވެފައިވާ ކުޅުންތެރިން، މެޗު އަލުން ފެށުމަށްފަހު މަދުވެގެން 1 މިނެޓު ވަންދެން ދަނޑުން ބޭރުގައި މަޑުކުރަންޖެހޭނެއެވެ. މީގެ ކުރިން މިއީ 30 ސިކުންތުގެ ވަގުތެކެވެ.
މީގެ އިތުރުން، ތުރޯ-އިން އަދި ގޯލް-ކިކް ޖަހަން ގަސްތުގައި ލަސްކުރާނަމަ ރެފްރީ 5 ސިކުންތުގެ ކައުންޓްޑައުންއެއް ފަށާނެއެވެ. އެ ވަގުތު ހަމަވާއިރު ބޯޅަ ފޮނުވާނުލައިފިނަމަ، ރެސްޓާޓް ބަދަލުވެ ބޯޅަ ލިބޭނީ އިދިކޮޅު ޓީމަށެވެ. ކުޅުންތެރިން ބަދަލުކުރުމުގައިވެސް މިފަހަރު ވަނީ ހަރުކަށި ފިޔަވަޅެއް އަޅާފައެވެ.
ބަދަލުކުރާ ކުޅުންތެރިޔާ ދަނޑުން ފޭބުމަށް ލިބޭނީ އެންމެ 10 ސިކުންތެވެ. އެއަށްވުރެ ލަސްވެއްޖެނަމަ، ބަދަލުގައި އަރާ ކުޅުންތެރިޔާއަށް ދަނޑަށް އެރޭނީ 1 މިނެޓު ފަހުން، ކުޅުން ހުއްޓޭ ވަގުތެއްގައެވެ. އަދި އެ ވަގުތުކޮޅު އެ ޓީމަކުން ކުޅެންޖެހޭނީ 10 ކުޅުންތެރިންނާއެކުއެވެ. މި ބަދަލުތަކުގެ ތެރެއިން އެންމެ ބޮޑު ސަމާލުކަމެއް ހުއްޓިފައިވަނީ ގޯލްކީޕަރުންނަށް އަނިޔާވެގެން މެޗު ހުއްޓާލާ ވަގުތުތަކުގައި ކުރިއަށްގެންދަން ނިންމި ޓްރަޔަލްއަށެވެ. އެގޮތުން ކީޕަރަށް ފަރުވާދޭ ވަގުތު، ކޯޗު ޖެހޭނީ ދަނޑުމަތީގައި ހުރި އައުޓްފީލްޑް (އެހެން މަގާމެއްގެ) ކުޅުންތެރިއަކު 1 މިނެޓަށް ދަނޑުން ބޭލުމަށް ނޮމިނޭޓްކުރާށެވެ.
ރެފްރީންގެ ނިންމުންތައް ކަށަވަރުކުރުމަށް، ކުޅުންތެރިއަކަށް ދައްކާ ދެވަނަ ރީނދޫ ކާޑަކީ ސާފުކޮށް ގޯސް ނިންމުމެއް ނަމަ، އެކަން މުރާޖައާ ކުރުމުގެ ބާރު މިފަހަރު ވީއޭއާރު (VAR) އަށް ވަނީ ދީފައެވެ. މި ބަދަލުތައް ގެނައި ނަމަވެސް، މި ފަހަރުގެ ވޯލްޑް ކަޕްގައި ބޭނުންކުރި ބައެއް ގަވާއިދުތައް ޕްރިމިއާ ލީގަށް ނުގެންނަން ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި މެޗުގެ މެދުތެރެއިންދޭ ހައިޑްރޭޝަން ބްރޭކްތަކާއި، ނުބައިކޮށް ދެވޭ ކޯނަރުތައް ބަލަން VAR ބޭނުންކުރުމާއި، ވާހަކަދައްކާއިރު އަނގަމަތީގައި އަތްއަޅައިގެން ފޮރުވުމުން ރަތް ކާޑު ދައްކާ ގޮތަށް ހެދި ޕްރޮޓޮކޯލް ހިމެނެއެވެ. އަދި އާދައިގެ ރީނދޫ ކާޑެއް މުޅިން ކެންސަލްކޮށް އުވާލުމުގެ ބާރެއްވެސް VAR އަކަށް ނޯންނާނެއެވެ.
މި އާ ގަވާއިދުތަކުގެ ސަބަބުން މެޗުތަކުގެ ސްޕީޑް އަވަސްވެ، ވަގުތު ބޭކާރުކުރާ ޓީމުތަކަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާންޖެހޭނެ ކަމަށް މާހިރުން ލަފާކުރެއެވެ.
ޚަބަރު ލިޔުނީ: ޢަލީ ރިޔާޒް
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް