Post banner
ރާއްޖެ

އާއިލާތައް ހިތްދަތި ކަމުގައި، ސިފައިންނާއި ފުލުހުންގެ އެންމެ އިސްވެރިޔާ ހިމޭންކަމުގައި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އާއިލާތައް ހިތްދަތި ކަމުގައި، ސިފައިންނާއި ފުލުހުންގެ އެންމެ އިސްވެރިޔާ ހިމޭންކަމުގައި

ޕޮލިސް ސާޖަންޓް ޢަލީ ނާފިޢު )ކ(، ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދު (ވ) ---

ހުވަދޫ ކަނޑު ތެރެއަށް، އަޑިއަށް ދިޔަ ފްރެޑް 4 ސަޕްލައި ދޯނި ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ގެއްލުނު، ފުލުސް އޮފިސަރުގެ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އާއިލާގެ ފަރާތުން ރައްޔިތުންގެ ނޫހާއި ވާހަކަ ދެއްކި، މީހާ ބުނީ، ފުލުހުންނާއި ސިފައިންގެ އެންމެމަތީ ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ވާއިރު، މިހާތަނަށް އެމަނިކުފާނު އެ އާއިލާގެ ހާލު ބައްލަވާފައި ނުވާކަމަށެވެ. އަދި އެއީ ކަންބޮޑުވާކަމެއް ކަމުގައިވެސް އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

މިހާދިސާގައި ގެއްލިފައިވާ އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދުގެ ކުޑަ ތިންދަރިން އެބަތިއްބެވެ. އަދި ޕޮލިސް ސާޖަންޓް ޢަލީ ނާފިޢުގެ އުމުރުން 7 އަހަރުގެ ދަރިއަކާއި، އަނތްބަކު ދުނިޔޭގައި އެބައިނެވެ. ނާފިޢުއަކީ، އޭނާގެ އާއިލާގެ އިތުރުން އަންހެނުންގެ އާއިލާ ބެލެހެއްޓުމުގެ އެންމެ އިސް ޒިންމާ އުފުލަމުން އައިފަރާތެވެ. އެހެންވެ ނާފިޢު ގެއްލުމަކީ، އެއާއިލާއަށް ލިބުނު ފޫނުބެއްދޭނެ ގެއްލުމެއް ކަމުގައި އާއިލާއިން ފާހަގަކޮށްފައިވެއެވެ.

ނާފިޢުގެ އާއިލާއިން ވާހަކަދެއްކި މީހާ ބުނީ، އިޓަލީގެ ޑައިވަރުން ކަނޑުއަޑީގެ ހޮހަޅައިގައި މަރުވެގެން ރާއްޖެއިން ބޭރުން ޓީމުތައް ގެނެސް އެމީހުންގެ ހަށިގަނޑުތައް ހޯދުމުގެ މަސައްކަތް ކުރިއިރު ސީދާ ރައީސުލްޖުމްހޫރިއްޔާ އެތަނަށް ވަޑައިގެންނެއިރު، ޤައުމީ ސަލާމަތީ ޚިދުމަތްތަކުގެ ދެ އޮފިސަރަކާއި، އިތުރު ދިވެއްސަކު ގެއްލިފައިވާ މިދަނޑިވަޅުގައި، އެމީހުން ހޯދުމުގެ މަސައްކަތް ކުރިޔަށް ދާއިރު، އެކަމާއި މެދު ރައީސުލްޖުމްހޫރިއްޔާ އެއްވެސް އެއްޗެއް ވިދާޅުނުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

އަދި ގެއްލުނު މީހުން ހޯދުމުގެ ޤާބިލްކަށް ދިވެހި ސަރުކާރުގައި ނެތްނަމަ، އެކަންވެސް ހާމަކުރަން ޖެހޭނެ ކަމަށާއި، ގެއްލިފައިވާ މީހުން ހޯދުމަށް ރާއްޖެއިން ބޭރުގެ ފަރާތްތަކުގެ އެހީތެރިކަން ހޯދަންވެސް އެދޭ ކަމަށެވެ.

ނާފިޢުގެ އާއިލާއިން ވާހަކަ ދެއްކި މީހާ ބުނީ އާއިލާއަށް ފުލުހުންގެ މުއައްސަސާއިން އެއްބާރުލުން ލިބޭ ކަމަށާއި، ފުލުހުންގެ އޮފިސަރުން ކޮންމެ ދުވަހަކުވެސް އެގެއަށް ޒިޔާރަތްކޮށް އާއިލާގެ ހާލުއަހުވާލު ބަލަމުންދާކަން ޝުކުރުވެރިކަމާއި އެކު ފާހަގަކުރާކަމަށެވެ. އަދި ރާއްޖޭގައި މީހުން ކަނޑަށް ގެއްލުމުގެ ހާދިސާތައް ހިނގާއިރު، މީހުން ހޯދުމުގެ އޮޕަރޭޝަންތަކުގައި ބޭނުން ކުރަން އެންމެ ޒަމާނީ ވަސީލަތްތައް ހޯދުމަށް ސަރުކާރުތަކުން މަސައްކަތްކޮށްފައި ނުވާތީ، އާއިލާއިން އެކަމުގެ ކަންބޮޑުވުންވެސް ފާޅުކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް