ކުރުވާހަކަ: ތަޤުދީރު
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ޑޮކްޓަރު އިޤުބާލު ގެނެސްދިން ޚަބަރު އަޑުއަހާފައި ބައްޕަ އަނބުރައިގެންފިއެވެ. ކަނޑާވައްޓާލި ރުކެއްހެން ޖެހުނީ ސިޓިންގ ރޫމުގެ މުށިތައް މަތީގައެވެ. މަންމައާއި ދޮންބެ އަދި ޑޮކްޓަރު އިޤުބާލު، ބައްޕަ އަތްދަނޑިމަތީގައި ނަގައިގެން ގެނެސް ބޭއްވީ ސޯފާގައެވެ. ބަދިގެތެރޭން ފެއްތައްޓެއް ހިފައިގެން ނުކުތް މަންމަ އެދިކޮއްލީ ޑޮކްޓަރ އިޤުބާލުގެ އަތަށެވެ. މޫނުގައި ފެންހާކާލުމާއި އެކު ބައްޕަ ދެލޯ ހުޅުވާލައިފިއެވެ. އަދި ދަރިފުޅާ ނުހާއޭ ގޮވަން ފެށިއެވެ.
ބައްޕަ އެގޮވަނީ އަހަރެން ނަށެވެ. މަންމަވެސް ދޮންބެވެސް މުޅި އާއިލާގެ އެންމެން އެކަރުނަ އަޅަނީ އަހަރެންނަށްޓަކައެވެ. އެކަމަކު އެހުރިހާ މަންޒަރެއްބަލަން އަހަރެން މިހިރީ ކުޑަދޮރު ކައިރީގައި ފިލައެވެ. ބައްޕަމެން ކަންތައް ކުރި ގޮތުންނެވެ. އެދުވަހު އަހަރެންވެސް ހާދަ ރުއީމެވެ. އިންސާނިއްޔަތަށްޓަކައިވެސް އެހެން ނުހެދުމަށް އާދޭސް ކުރީމެވެ. އެކަމަކު އެއަށްވުރެ މަންމައާއި ބައްޕައާއި އާއިލާގެ މީހުންގެ ހިތް ހަރެވެ. އެމީހުން އިސްކުރީ އެމީހުންގެ އަމިއްލަ އެދުމެވެ. އެކަމަކު ޤުދުރަތު އެމީހުންނަށް ދިން ފިލާވަޅު ދެކެބަލާށެވެ.
ޑޮކްޓަރު އިޤުބާލު ގެނެސްދިނީ އަހަރެންނަށް އާހަބަރެއް ނޫނެވެ. އެހެނީ މީގެ ތިން ހަތަރު އަހަރުކުރިން އަހަރެއް އެފަދަ ޚަބަރެއް އަޑު އަހައިފީމެވެ. އެހިތާމަ އުފުލައިފީމެވެ. ވީއިރު އެކަމަކުން އަހަރެންގެ ހިތަށް އެއްވެސް އަސަރެއް ނުކުރެއެވެ. ލޮލަކުން ކަރުނައެއް ނައެވެ. ސަބަބަކީ ޝާފީގެ ވަކިވުމާއި މެދު ހިތާމަކޮށްކޮށް އަހަރެންގެ ލޮލުން ކަރުނަ ހުސްވެފައިވާތީއެވެ. އޭނާއަށްޓަކައި އަހަރެންގެ މުޅި ހަޔާތް ޤުރުބާން ކުރެވިފައިވާތީއެވެ. ޝާފީދެކެ އަހަރެން އިންތިހާއަށް ލޯބިވީމެވެ. އެކަމަކު އެކަމެއް އޭނާ އަކަށް ނޭނގޭނެއެވެ. އެކަން ސިއްރުވެފައި އޮތީ އަހަރެންގެ ހިތުގައެވެ. ސަބަބަކީ އެވާހަކަ ބުނާނެވަގުތެއް އަހަރެންނަށް ނުލިބުނީތއެވެ.
އަހަރެންނަކީ މާލޭގެ ޤަދަރުވެރި އާއިލާއެއްގެ ދެމަފިރިއެއްގެ ހުރި ހަމައެކަނި އަންހެންދަރިއެވެ. ތަނަވަސްކަމާއި އަރާމާއި އުފާ އަހަރެންނަށް ލިބިފައިވެއެވެ. އަގުމަގު ކުރެވޭ އާއިލީ ލޯތްބަކާއިވެސް އެކުގައެވެ. ކުލުނާއި އޯގާތެރިކަމަށް ވުރެ ވިޔަފާރީގެ ލޯތްބެއްގެ ގޮތުގައެވެ. ކަމަކަށް ކަމެއް ކޮށްދެވޭ އުސޫލުންނެވެ.
އަހަރެންނާއި ޝާފީ ދިމާވީ ވިލާ ހައި އިންޓަރނޭޝަނަލް ސްކޫލުގައި އޭލެވެލް އަށް ކިޔެވި އިރު ގުރޭޑް 11 އިންނެވެ. މިއުޑުދަށުން އެހާ ހިއްވަރުގަދަ އިންސާނެއް އަހަރެއް ނުދެކެމެވެ. ބައްޕަ މަރުވެ ޔަތީމުވެފައިވާ އަދި މުސްކުޅި މަންމަޔަކާއި ނުކުޅެދޭ ދައްތައެއް ބަލަންޖެހިފައިވާ ރަށްފުށުގެ ކުއްޖެކެވެ. ހެދިހުރި ހަށިގަނޑެއް ލިބިފައިވާ ނޫކަށި ޒުވާނެކެވެ. އުޅުމާއި އަޚުލާޤުގައި ހިއްވަރާއި މަސައްކަތުގައި ނަމޫނާއެކެވެ. ސްކޫލަށް ކިޔަވަންދަމުން ރޭގަނޑު އޭނާ ވަޒީފާއަށްދެއެވެ. ހަފްތާ ބަންދު ދުވަސްތަކުގައި ކުދިންނަށް ޓިއުޝަންދީގެން ފައިސާ ހޯދައެވެ.
އެހުރިހާ ކަމަކަށްވުރެވެސް ބޮޑަށް އަހަރެންގެ ހިތް ޝާފީއަށް ލެނބުނީ އޭނާގެ ކިބައިގައި ދެއްކުންތެރިކަމެއް ނެތުމުންނެވެ. އެއީ އަހަރެން އެންމެ ފޫހިވާ ސިފައެވެ. އަހަރެންގެ ގޭތެރެއިން ތާއަބަދު ފެންނަ މަންޒަރެވެ. ޒުވާންކުދިން އެންމެ މިޒަމާނުގެ ފޯނުގެންގުޅެ ސައިކަލު ދުއްވި ނަމަވެސް އޭނާގެ ޝައުޤެއް އެކަމަކަށް ނެތެވެ. ކިރިޔާ އޭނާއަށް ޚަރަދު ކުރާނެ ފައިސާކޮޅެއް ބަހައްޓާފައި ދެން ލިބޭ ހުރިހާއެއްޗެއް ފޮނުވަނީ މަންމަޔަށެވެ.
ކޮންމެ ދުވަހަކު އަހަރެމެން ސްކޫލަށްދަނީ އެކީގައި ހިނގާފައެވެ. ދުއްވާ އެއްޗަކަށް އެރުމަށްވުރެ ބޮޑަށް އަހަރެންވެސް ހިނގާފައި އުޅުމަށް ލޯބިކުރާތީއެވެ. ސްކޫލުގެ ހަރަކާތްތަކުގައިވެސް އަހަރެމެން ހަރަކާތްތެރިވަނީ އެކީގައެވެ. އަހަރެންނަކީ ޝާފީއަށްވުރެ ކިޔެވުމަށް ދަށްމީހަކަށްވާތީ، އަހަރެންނަށް ފިލާވަޅުތައް ބުނެދީ ހަދައިދޭން އަހަރެންނާއި އެކު ސްކޫލު ގާޑަންގެ ގޮނޑިތަކުގައި ޝާފީ އެތައް އިރަކު އިންނާނެއެވެ.
އެކަމަކު ހަޤީޤަތަކީ އަހަރެންނަކީ ޝާފީއަށްވުރެ ދަށް މީހެއް ނޫންކަމެވެ. ގަސްދުގައި އަހަރެން ޓެސްޓްތަކުގައި ނުބައިކޮށް ލިޔަނީއެވެ. ފިލާވަޅުތައް ނުނިންމަނީއެވެ. ޝާފީއަށްޓަކައެވެ. އަހަރެންނަށް ޝާފީ ކިޔެވުމަށް ކުރާ މަސައްކަތް ފެނެއެވެ. ސްކޮލަރޝިޕް ލިބޭތޯ ކުލާހުން އެއްވަނަ ހޯދުން އޭނާއަށް މުހިއްމުވަރު އަހަރެންނަށް ވިސްނެއެވެ. އަހަރެންނަކީ މުއްސަނދި އާއިލާއެއްގެ މީހެކެވެ. ސްކޫލުގެ ސްކޮލަރޝިޕެއް އަދި ސަރުކާރުގެ ސްކޮލަޝިޕެއް ނުލިބުނަސް އަހަރެންނަށް ކިޔެވިދާނެއެވެ. އެކަމުގައި ގޮތެއް ނެތީ ޝާފީއަށެވެ.
ޝާފީ އަބަދުވެސް ބޮލެއްގައި ރިއްސާތީ އުޅޭނެއެވެ. ބައެއް ދުވަސްދުވަހަށް ލޯމަތި ކުޑަކޮށް ދުޅަވާގޮތް ވެފައިވެސް ހުންނާނެއެވެ. އެކަމަކުވެސް އޭނާ އެއިން ކަމަކާއި އަޅާނުލައި ހަމަ ހިއްވަރަށް އުޅެނީއެވެ. ބައެއް ދުވަސްދުވަހު ޑޮކްޓަރަށް ދައްކަންދާން އަހަރެން ލަފާވެސް ދެމެވެ. އެކަމަކު އެއީ ދޭތެރެއަކުން އުނދަގޫކޮށްލާފައި ރަނގަޅުވާކަމަކަށްވާތީ އޭނާވެސް އަޅާނުލައި ހުރީއެވެ.
ޝާފީގެ ސިކުނޑީގެ ނާރެއް ފިތެނީކަން އެނގުނީ ސްކޫލުގެ ކަމެއްގައި އުޅެނިކޮށް އޭނާ އަނބުރައިގަނެގެން ވެއްޓުނު ދުވަހުއެވެ. އެދުވަހު ޝާފީގެ ހުރިހާކަމެއްގައި ހޮސްޕިޓަލުގައި އުޅުނީ އަހަރެންނެވެ. ޑޮކްޓަރު ދެއްކި ހުރިހާ ވާހަކައެއް ދެއްކީ އަހަރެން ގާތުގައެވެ. ޝާފީ ސަލާމަތްކުރުމަށްޓަކައި ކުރަންޖެހެނީ ބޮޑު އޮޕަރޭޝަނެކެވެ. އެހާ ފައިސާއެއް އޭނާގެ އަތަކު ނުހުންނާނެއެވެ. އަނެއްކޮޅުން ޝާފީއަށް އޭނާގެ ހާލަތު އެނގި އެކަމާއި ވިސްނަން ފަށައިފިނަމަ ސްޓްރެސް ބޮޑުވެ އޭނާގެ ހާލު މާގޯސްވެދާނެ ކަމުގައި ޑޮކްޓަރުވެސް ބުންޏެވެ.
އެއް ދުވަސްފަހުން ޝާފީ ގެއަށް ދޫކޮށްލިއެވެ. އޭނާގެ ހަޤީޤިހާލު އޭނާއަށް އެނގުނަ ނުދިނުމަށްޓަކައި އަހަރެން ޑޮކްޓަރުގެ ލިޔުންތައް ފޮރުވީމެވެ. އޭނާއަށް ޑޮކްޓަރު ދެއްކި ވާހަކަތައް ސިއްރު ކުރީމެވެ.
ޝާފީއަކީ އެކަނިވެރިއެކެވެ. އެހީއެއްދޭނޭ މީހަކު ނެތެވެ. އެހެން ކަމުން އަހަރެން ޝާފީގެ ހާލު މަންމައާއި ބައްޕައަށް ކިޔައިދިނީމެވެ. އަހަރެމެންގެ ތަނަވަސްކަމުން ހޭދަކޮށްގެން އޭނާ ސަލާމަތް ކޮށްދިނުމަށް އެދިގެންނެވެ. އެކަމަކު އެކަމާއި އެމީހުން އެއްބަހެއް ނުވިއެވެ. ޝާފީއަށް ލޯލާރިއެވެސް ދޭކަށް ބޭނުމެއް ނުވިއެވެ. އެދުވަހު ބައްޕަ އަހަރެންގާތުގައި ބުނީ މީހުންގާތަށް އެހީހޯދަން ދިޔުމަށް ޝާފީގެ ގާތުގައި ބުނުމަށެވެ.
އަހަރެންގެ ހިތުގައި ވަރަށް ޖެހުނެވެ. ވަރަށް ރުއީމެވެ. ޝާފީގެ ހާލާއި މެދުގައެވެ. އޭނާ މިދުނިޔެއިން ވަކިވަނީ ކަމާއި އޭނާގެ މުސްކުޅި މަންމައާއި ނުކުޅެދޭ ދައްތަ ބަލާނެ އެހީއެއްވާނެ މީހަކު ނެތްކަން އެނގޭތީއެވެ. ޝާފީއަށް އެކަން އަދި ނޭނގުނަސް ކޮންމެވެސް ދުވަހަކުން އެނގޭނެތީއެވެ.
ދެވަނަ ފަހަރަށް ޝާފީވެއްޓުނީ އަހަރެންނާއި އެކު ހިނގާފައި ސްކޫލަށް ދަނިކޮށް މަގުމައްޗަށެވެ. އޭނާގެ ފަހު ނޭވާ ދޫކުރީ އަހަރެންގެ އުނގުތެރޭގައި މަގުމަތީގައެވެ. އެމަންޒަރު އެތައް ބަޔަކު ދެކޭނެއެވެ. އެވާހަކަ ދައްކާނެއެވެ. އެކަމަކު ހަޤީޤަތެއް އެއިން އެކަކަށްވެސް ނޭނގޭނެވެ.
ޝާފީގެ ނޭފަތުންނާއި ކަންފަތުންނާއި އަނގައިން އައި ލެއިން އަހަރެންގެ ޔުނީފޯމުގެ ފަސްބައިގަޔާއި މޭމަތީގައި ކުލަޖެހުނެވެ. އެޔުނީފޯމް އަދިވެސް އަހަރެން ޝާފީގެ ހަނދާނެއްގެ ގޮތުގައި ފޮރުވާފައި އޮންނާނެއެވެ.
ޝާފީ މަރުވުމުން އަހަރެންގެ ހަށިގަނޑުންވެސް ދިރުން ކެނޑުނީއެވެ. ސްކޫލަށް ދާހިތެއް ނުވިއެވެ. ބޭރަށް ދާހިތެއް ނުވިއެވެ. އެކަމަކު އަހަރެން ކުރާ އެއްކަމެއް އޮންނާނެއެވެ. އެއީ ސްކޫލަށްދާން ޝާފީ އަހަރެން ބަލާ އަންނަ ގަޑިއަށް ދޮރާށި މައްޗަށް ނުކުތުމެވެ. އަހަރެން ބަލާ ޝާފީ ނާންނާނެ ކަންވެސް އެނގޭ ހާލުގައެވެ.
ޝާފީ މަރުވިފަހުން އަހަރެއްވީ އިރު އަހަރެންވެސް ބަލިވެއްޖެއެވެ. ދުވަސް ދުވަސްކޮޅުން ހުން އައިސް ކަރާއި ކިހިލިފައްޗާއި ފައިވަޅުގައި ގޮށްލާފައި ހުރެއެވެ. އަހަރެންގެ ކިބައިން ފެންނަމުން އައި އަލާމާތްތަކަކީ ލޭގެ ކެންސަރުގެ އަސަރަކަށް ވެދާނެކަން އަހަރެންނަށް އެނގެއެވެ. އެކަމަކު އެކަމާއި އެއްވެސް އަޅާލުމެއް ނުބެހެއްޓީ ދުނިޔެދެކެ އަހަރެން ފޫހިވެފައިވާތީއެވެ.
ޑރ އިޤުބާލަކީ އަހަރެމެންގެ އާއިލީ ޑޮކްޓަރެވެ. މިއަދު އޭނާ އެއައީ އަހަރެންގެ ބަލީގެ ރިޕޯޓްތައް ހިފައިގެންނެވެ. ބައްޕައަށް އޭނާ އެދިން ޚަބަރަކީ އަހަރެންނަށް ލޭގެ ކެންސަރު ޖެހިފައި ހުރި ޚަބަރެވެ. އެމީހުން ހީކޮށްގެން ތިބީ އެއިން އެއްވެސް ކަމެއް އަހަރެންނަށް ނޭނގޭނެ ކަމަށެވެ. އެކަމަކު އެމީހުންނަށް ނޭނގޭ އެތައް ކަމެއް އަހަރެންނަށް އެނގިއްޖެއެވެ.
ޝާފީއަކީވެސް މީހެއްގެ ލޯބިވާދަރިއެކެވެ. އެދުވަހު އޭނާއަށް ހަމްދަރުދީއެއް އަހަރެންގެ އާއިލާގެ މީހުންނަކަށް ނުވެވުނެވެ. ދެކެބަލާށެވެ. މިއަދު ތަޤުދީރު ރާވައި ދެއްކި ފިލާވަޅެވެ. (ނިމުނީ)
ނޯޓް: މި ވެބްސައިޓްގައި މިރޯދަމަހު ކޮންމެ ދުވަހަކުވެސް ކުރުވާހަކައެއް ޝާއިޢު ކުރަމުން ގެންދާނެއެވެ.
މިވާހަކަތައް ކިޔުންތެރިންނަށް، ކަމުދާނަމަ އަދި މިވެބްސައިޓް ދެމެހެއްޓުމަށްޓަކައި، މާލީ އެހީތެރިކަން ދެއްވަން ބޭނުންފުޅުވަ ނަމަ، ކިޔުންތެރިން ދެއްވާ އެހީ، ޖަމާކުރައްވާނީ "ސުލައިމާން މީޑިއާ"ގެ ބީއެމްއެލް އެކައުންޓް: 7730000814787 އަށެވެ. އަދި ކިޔުންތެރިން ދެއްވަން ބޭނުންފުޅުވާ، ޚިޔާލެއް އޮތް ނަމަ ވައިބާ ކުރައްވާނީ، ރައްޔިތުންގެ ނޫހުގެ ހޮޓްލައިން، 9415149 އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް