ދޯނި ބަންޑުންޖަހާލައި 3 މީހުން ގެއްލުނު ހާދިސާގައި މިއީ އިޙުމާލުގެ ވާހަކަ ދައްކަންވީ ވަގުތު ނޫކަމުގައި ހޯމް މިނިސްޓަރ ވިދާޅުވެއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މިދިޔަ ބުދަ ދުވަހުގެ ރޭ ތ. މަޑިފުށީ ފްރެންޑް 4 ދޯނި ބަންޑުން ޖަހާލި ހާދިސާގައި ފުލުހަކާއި ސިފައިންގެ މީހަކާއި އަދި ދޯނީގެ ކެޕްޓަން ގެއްލިފައި ވާއިރު މިއީ އެހާދިސާ އާއި ގުޅުވައި އިހުމާލުގެ ވާހަކަ ދައްކަންވީ ވަގުތު ނޫންކަމުގައި ހޯމް މިނިސްޓަރ ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. މިނިސްޓަރ އިޙްސާން މިހެން ވިދާޅުވީ، މިއަދު ކުރިޔަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މައުރޫފު ސުވާލު ކުރެއްވީ، އެހާދިސާ އާއި ގުޅިގެން ކުރެވިފައިވާ އިހުމާލުވުމުގެ ތުހުމަތުތަކާއި ގުޅިގެންނާއި، ގެއްލުނު މީހުން ހޯދުމަށް ބޭރުގެ އެހީ ހޯދާވާހަކަ ސަރުކާރުން ބުނެފައިވާތީ އެކަމާއި ގުޅިގެންނެވެ. އެސުވާލުތަކަށް ދެއްވި ޖަވާބުގައި ބޭރުގެ އެހީ ހޯދުމަށް ކުރާ މަސައްކަތްތަކާއި ގުޅޭ ގޮތުން މިނިސްޓަރ އިހްސާން ޖަވާބެއް ނުދެއްވައެވެ.
އެސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ އިހްސާން ވިދާޅުވީ، ސަރޗް އެންޑް ރެސްކިއުގެ ފުރިހަމަ ޒިންމާއަކީ، މިނިސްޓްރީ އޮފް ޑިފެންސްގެ ޒިންމާއެއް ކަމަށާއި އެހެންނަމަވެސް އެހާދިސާގައި ގެއްލިފައިވާ މީހުންގެ ތެރޭގައި ފުލުހަކުވެސް ހިމެނޭތީވެ، ދައުލަތުން އެންމެ އިސްކަމެއްދީގެން ހިންގާ އޮޕަރޭޝަނަކީ ގެއްލިފައިވާ މީހުން ހޯދުން ކަމަށެވެ.
"އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވޭ އަޅުގަނޑުމެން އިޙްމާލުގެ ވާހަކަ ދައްކަން އަދި މިއީ އެންމެ ރަނގަޅުވަގުތު ކަމެއް. ސަބަބަކީ، މިހާދިސާ ހިނގައި ދިޔަ ގޮތްވެސް އަދި އެފަރާތްތައްވެސް ފެނިފައި ނުވާތީ." މިނިސްޓަރ އިޙްސާން ވިދާޅުވިއެވެ.
ފްރެންޑް 4 ދޯނި ބަންޑުން ޖަހާލީ، އެދޯނި ދިޔަވާތީ، މީހުންނާއި ދޯނި ސަލާމަތް ކުރުމަށް ސަލާމަތީ ޚިދުމަތްތަކުން ހިންގަމުން ދިޔަ އޮޕަރޭޝަންގެ ތެރޭގައެވެ. އެހާދިސާއަށް 6 ދުވަސް ވެފައި ވާއިރު ގެއްލިފައިވާ 3 މީހުންގެ ތެރެއިން އެއްވެސް މީހަކު ފެނިފައެއް ނުވެއެވެ.
އެ ހާދިސާގައި ގެއްލިފައިވަނީ ދޯނީގެ ކެޕްޓަން، ތ. މަޑިފުށި، ދޮންވެލި، މުޙައްމަދު ޙަމްދޫން (35 އަހަރު) އާއި، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި، ގއ. ވިލިގިލީ ޕޮލިސް ސްޓޭޝަންގައި ވަޒީފާއަދާކުރަމުން ދިޔަ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ސާޖަންޓު ޢަލީ ނާފިޢު (33އ) އަދި އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓު އިބްރާހީމް އަޙްމަދު (39އ) އެވެ.
މިހާދިސާގައި އިހްމާލު ވުމުގެ ތުހުމަތު ކުރެވިފައި ވަނީ މައިގަނޑު ދެ ކަމަކާއި ގުޅިގެންނެވެ. އެއީ ރެސްކިއު އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ އޮފިސަރުން ޓްރެކް ކުރެވޭނެ ނިޒާމެއް ހަމަޖައްސާފައި ނުވުމާއި ހާދިސާއަށް ފަހުގައި، ދެވަނަ ރެސްކިއުޓީމެއް އެސަރަހައްދަށް ފޮނުވުން ލަސްވުމާއި ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް