ހޯރަފުއްޓަށް ލެއްގި މާވަހަރު ބޮޑުމަސް ގޮނޑުދޮށުގައި ވަޅުލައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ހޯރަފުއްޓަށް ލައްގާފައި އޮތް ބޮޑު މަސް --- ފޮޓޯ: ހޯރަފުށީ ކައުންސިލް
ހޯރަފުށީ ފަޅުތެރެއިން މިއަދު މަރުވެފައި އޮއްވައި ފެނުނު ބޮޑު މަސް އެރަށުގެ ގޮނޑު ދޮށުގައި ވަޅުލައިފިއެވެ.
ހޯރަފުށީ ކައުންސިލުން ހާމަކުރައްވާފައިވާ ގޮތުގައި، ހއ. ހޯރަފުށި ހުޅަނގު ފަރުމައްޗަށް ލައްގާފައި އޮއްވައި ފެނުނު، 30 ފޫޓުގެ އެ ބޮޑުމަސް ކައުންސިލާއި، ހޯރަފުށީ ޕޮލިސް، އެމް.އެން.ޑީ.އެފް ނޮދަން އޭރިއާ ކޮމާންޑްގެ އިތުރުން އެމް.ޓީ.ސީ.ސީ ހޯރަފުށީ ސައިޓްގެ އެހީތެރިކަމާއެކު ގޮނޑުދޮށަށް ނެގުމަށްފަހު މިހާރު ވަނީ ވަޅުލާފައެވެ.

އަދި އެ މަސައްކަތުގައި ހޯރަފުށީ ޕޮލިސް ސްޓޭޝަނާއި އެމް.ޓީ.ސީ.ސީ އަދި އެމް.އެން.ޑީ.އެފް ނޮދަން އޭރިއާ ކޮމާންޑް އިން ދެއްވި ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި އެ ފަރާތްތަކަށް އިޚްލާޞްތެރިކަމާއިއެކު ޝުކުރު އަދާކުރާ ކަމަށް ކައުންސިލުން ބުނެފައި ވެއެވެ.
މިއަދު ހޯރަފުއްޓަށް މަރުވެގެން ލައްވެފައި އޮއްވައި ފެނުނު ބޮޑުމަހުގެ ފޮޓޯތަކުން ފާހަގަވާގޮތުގައި އެ ބޮޑުމަހަކީ، ރާއްޖޭގެ މާކަނޑުތަކުން ފެންނަ، ދިވެހި މަސްވެރިން މާވަހަރު ބޮޑުމަހުގެ ނަމުން ނަންކިޔާ، ސްޕާރމް ވޭލެކެވެ. މާވަހަރަކީ، މިބާވަތުގެ ބޮޑުމަހުގެ ބަނޑުތެރޭގައި އުފެދޭ އެއްޗެކެވެ.








މަރުވެގެން އެމަސް ލައްގާފައި އޮތް އިރު، މަރުވެފައިވާތާ ގިނަ ދުވަސް ވުމުން އެމަސް އޮތީ ކުނިވާން ފަށާފައެވެ. ހޯރަފުށީ ކައުންސިލުން އާއްމުކޮށްފައިވާ ފޮޓޯތަކުން ފާހަގަވާ އެމަހުގެ ބަނޑުން ބޮޑުތަނެއް ކަފައިގެން ގޮސްފައި ހުއްޓެވެ.
މަރުވެފައިވާ ބޮޑުމަސްތައް ރާއްޖޭގެ ރަށްރަށަށް ދޭތެރެ ދޭތެރެއިން ލައްވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް