ތިން މިނިސްޓްރީ އަނދައިގެން ދިޔަ ހާދިސާއަކީ ބަޔަކު ގަސްތުގައި ކުރިކަމެއް ކަމުގެ ހެއްކެއް ނެތް
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އަނދައިގެން ދިޔަ ގްރީން ބިލްޑިންގ ގެ މިހާރުގެ ހާލަތު --- ފޮޓޯ: ރައްޔިތުންގެ ނޫސް
މީގެ ދޮޅު އަހަރަށް ވުރެ ގިނަ ދުވަސްކުރިން، ސަރުކާރުގެ ތިން މިނިސްޓްރީއެއް ހިންގަމުން އައި އިމާރާތްތައް އަނދައިގެން ދިޔަ ހާދިސާ ހިނގީ، ބަޔަކު ގަސްތުގައި ރޯކޮށްލައިގެން ކަމަށް ބެލެވޭނެ ހެއްކެއް ނެތް ކަމުގައި ހޯމް މިނިސްޓަރ ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އިޙްސާން މިހެން ވިދާޅުވީ، މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރުންނާއި ސުވާލު ކުރުމުގެ ވަގުތުގައި، ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސައިން ޒިޔާދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ޒިޔާދު އެސުވާލު ކުރެއްވީ، އަލިފާނުގެ އެހާދިސާގެ ތަޙުޤީޤާއި ގުޅޭ މައުލޫމާތު ހަފްތާއެއްގެ ތެރޭގައި ހާމަކުރައްވާނެ ކަމަށް، މިއަހަރު އޭޕްރީލްމަހުގެ 23 ވަނަ ދުވަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި މިިނިސްޓަރ އިޙްސާން ވިދާޅުވެފައި ވީނަމަވެސް އެމައުލޫމާތު ހާމަކޮށްފައި ނުވާތީއެވެ.
މިނިސްޓަރ އިހްސާން މިއަދު މަޖިލީހުގައި ވިދާޅުވީ، ބޭރުގެ ފަރާތްތަކާއި އެކު އަލިފާނުގެ އެހާދިސާގެ ތަޙްޤީޤު މިހާރު ނިންމާފައިވާ ކަމަށެވެ. އަދި އަލިފާނުގެ އެހާދިސާ ހިނގީ ބަޔަކު ގަސްދުގައި ރޯކޮށްލައިގެން ކަމަށް ހޯދިފައި ނެތްކަމަށެވެ. އަދި އަލިފާނުގެ ހާދިސާ ހިނގާފައި ގޮތް ތަޙްޤީޤުކުރި އިރު އަލިފާން ރޯވީ ސީލިންގ ތެރޭގައި އަޅާފައިވާ ވަޔަރުތަކުގެ ތެރޭގައި ރޯވެގެން ކަން އެނގިފައިވާ ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރ އިޙްސާން ވިދާޅުވީ، އަލިފާނުގެ އެހާދިސާ އާއި ގުޅޭ ތަޙްޤީޤީ މައުލޫމާތުގެ ތަފްސީލްތައް ޙިއްސާކުރުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ. މީގެ އިތުރުން އަލިފާނުގެ އެހާދިސާގައި ދައުލަތަށް ލިބުނު ގެއްލުމުގެ ޖުމުލަ އަދަދެއް ހޯމް މިނިސްޓްރީއަށް އެނގިފައި ނުވާކަމުގައިވެސް މިނިސްޓަރ ޢިހްސާން ވިދާޅުވިއެވެ.
ތިން މިނިސްޓްރީއެއް ހިންގަމުން އައި އެއިމާރާތްތަކުގައި އަލިފާން ރޯވި ހާދިސާއަކީ، ބަޔަކު ގަސްތުގައި ކޮށްފައިވާ ކަމެއް ކަމަށް ސިޔާސީ ފަރާތްތަކުންނާއި އާއްމުންގެ ތެރެއިން ބައެއް މީހުން ތުހުމަތު ކުރެއެވެ. ސިޔާސީ ފަރާތްތަކުން އެތުހުމަތު އަމާޒު ކުރަނީ ސަރުކާރަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް