ނިޔާވި ކުޑަކުއްޖާގެ ގައި މަތިން ކާރެއް ދިޔަ ކަމަށް ބެލެވޭ - ފުލުހުން
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ފުލުހުންގެ އިދާރާ - ފޮޓޯ: ރައްޔިތުންގެ ނޫސް
ހުޅުމާލެ ފޭސް 2، ހިތިގަސްމަގު، ވިނަރެސް ޓަވަރު 7 ކައިރީ ހިނގި އެކްސިޑެންޓުގައި ނިޔާވި ކުޑަކުއްޖާ އެކްސިޑެޓްގައި މަގުމައްޗަށް ވެއްޓުނުވަގުތު އެކުއްޖާގެ ގައި މަތިން ކާރެއް ދިޔަ ކަމަށް ބެލެވިފައިވާކަމަށް ފުލުހުންގެ އިދާރާއިން މިރޭ ވިދާޅުވެއްޖެއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، 2026 އޯގަސްޓް 29 ވަނަ ދުވަހުގެ ރޭ 21:04 އެހައިކަންހާއިރު، ހުޅުމާލެ ފޭސް 2، ހިތިގަސްމަގު، ވިނަރެސް ޓަވަރު 7 ކައިރީ ހިނގި އެކްސިޑެންޓުގެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.
ފުލުހުންގެ އިދާރައިން ވިދާޅުވީ، މި ހާދިސާ ހިނގި ސަރަހައްދުގެ ވީޑިއޯ ފުޓޭޖާއި އެކްސިޑެންޓް ސީންގެ ތަހުގީގުން މިހާތަނަށް އެނގިފައިވާ ގޮތުގައި، އެކްސިޑެންޓް ހިނގަން މެދުވެރިވީ މަގުގެ އެއްފަރާތުގައި މަޑުކޮށްފައި އޮތް ކާރެއްގެ ޑްރައިވަރު، ކާރަށް އަރަން އުޅުމުގެ ތެރޭގައި ކަމަށާއި، އެވަގުތު އެ ކާރު އޯވަޓޭކް ކުރަން ދިޔަ ސައިކަލު އެމީހާގެ ގައިގައި ޖެހި، ސައިކަލު މަގުގެ ކަނާތްފަރާތު ލޭނަށް ވެއްޓުނުކަމަށެވެ. އަދި އެވަގުތު އެ ލޭނުން ދުއްވާފައި އައި އެހެން ކާރަކަށް ކުއްލިއަކަށް މަޑުކުރަން ފުރުސަތު ނުލިބި، ސައިކަލުން ވެއްޓުނު، އުމުރުން 9 އަހަރުގެ ކުއްޖާގެ ގައިގައި ޖެހިފައިވާކަމަށް ނުވަތަ އެ ކުއްޖާގެ ގައިމައްޗަށް ކާރު އަރާފައިވާކަމަށް ތަހުގީގަށް ބެލެވިފައިވާތީ، މިކަން ކަށަވަރުކުރުމަށްޓަކައި ފޮރެންސިކް ތަހުލީލުތައް ކުރުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ދަނީ ކުރަމުންކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
މި އެކްސިޑެންޓްގައި އަނިޔާވި ކުއްޖާއަށް އައި.ޖީ.އެމް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް 2026 ސެޕްޓެމްބަރު 1 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ވަނީ ނިޔާވެފައެވެ.
މި މައްސަލައާ ގުޅިގެން، އެކްސިޑެންޓުގައި ހިމެނޭ ތިން އުޅަނދު ޓޯވ ކޮށް، އެ އުޅަނދުތައް ދުއްވި ތިން މީހުންގެ ލައިސަންސް ވެސް ވަނީ ހިފަހައްޓާފައި ކަމަށާއި އަދި މަޑުކޮށްގެން އޮތް ކާރުގެ ޑްރައިވަރު އެ އުޅަނދު ދުއްވާފައިވަނީ އޭނާގެ ލައިސަންސް ކުރިންވެސް ހިފަހައްޓާފައި ވަނިކޮށް ކަމަށްވާތީ، ފުލުހުން ވަނީ އޭނާ ޖޫރިމަނާކޮށް ފިޔަވަޅު އަޅާފައި ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް