Post banner
ރިޕޯޓް

ގެއްލުނު މީހުން ހޯދުމަށް ޑްރޯން އާއި މަތިންދާބޯޓު އަދި ކަނޑު އުޅަނދު ފަހަރުވެސް ދަނީ ބޭނުން ކުރަމުން: އެމްއެންޑީއެފް

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ގެއްލުނު މީހުން ހޯދުމަށް ޑްރޯން އާއި މަތިންދާބޯޓު އަދި ކަނޑު އުޅަނދު ފަހަރުވެސް ދަނީ ބޭނުން ކުރަމުން: އެމްއެންޑީއެފް

ހާދިސާގައި ގެއްލުނު ފުލުސް އޮފިސަރ، ސާޖަންޓު ޢަލީ ނާފިޢު )33އ( ---

ރޭ ހިނގި ކަނޑުމަތީގެ ހިތާމަވެރި ހާދިސާގައި ގެއްލިފައިވާ ދޯނީގެ ކެޕްޓަނާއި، ގެއްލިފައިވާ ފުލުހުންގެ އޮފިސަރާއި ސިފައިންގެ އޮފިސަރު ހޯދުމަށް، ހުރިހާ ވަސީލަތްތަކެއް ބޭނުން ކުރަމުން އަންނަ ކަމުގައި އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

ހުވަދޫ ކަނޑުތެރެއިން ގއ. އަތޮޅުގެ އުތުރު ބިތުންފެށިގެން 2.96 ނޯޓިކަލް މޭލު ބޭރަށް، ތ. މަޑިފުށީ ފްރެންޑް 4 ދޯނި އަޑިޔަށް ދިޔައީ، ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަމުން ދަނިކޮށް ދިޔަވުން ކޮންޓްރޯލް ނުވެ ރޭގެ މެންދަންވުމާއި ގާތްވެފައި ވަނިކޮށެވެ.

މިހާދިސާގައި ދޯނީގައި ތިބި 7 މީހަކު ސަލާމަތް ކުރެވުނު ނަމަވެސް، ދޯނި ސަލާމަތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި، ސަލާމަތީ ޚިދުމަތްތަކުގެ ދެ އޮފިސަރުންނާއި، ދޯނީގެ ކެޕްޓަން ވަނީ ގެއްލިފައެވެ.

ހާދިސާގައި ގެއްލިފައިވަނީ ދޯނީގެ ކެޕްޓަން، ތ. މަޑިފުށި، ދޮންވެލި، މުޙައްމަދު ޙަމްދޫން (35 އަހަރު) އާއި، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި، ގއ. ވިލިގިލީ ޕޮލިސް ސްޓޭޝަންގައި ވަޒީފާއަދާކުރަމުން ދިޔަ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ސާޖަންޓު ޢަލީ ނާފިޢު (33އ) އަދި އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓު އިބްރާހީމް އަޙްމަދު (39އ) އެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ގެއްލިފައިވާ 3 މީހުން ހޯދުމަށްޓަކައި ސިފައިންނާއި ފުލުހުން ގުޅިގެން ދަނީ ހުއްޓުމެއްނެތި މަސައްކަތްކުރަމުން ކަމަށެވެ. މިގޮތުން ވައިގެ މަގުން ޔޫއޭވީއާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކޮށްގެން ހޯދުމުގެ މަސައްކަތް ކުރިއަށްދާ އިރު، ކަނޑުމަގުން އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުންގެ އުޅަނދުފަހަރު ދަނީ ހޯދުމުގެ މަސައްކަތްކުރަމުން ކަމުގައި އެމްއެންޑީއެފުން ވިދާޅުވިއެވެ.

މިހާތަނަށް ކުރެވުނު މަސައްކަތުން ގެއްލުނު 3 މީހުން އަދި ފެނިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް