ފ. ނިލަންދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރުމަށް ދެބެން ނުކުތީ އަތުގުޅާލައިގެން

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ފ. ނިލަންދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރުމަށް ދެބެން ނުކުތީ އަތުގުޅާލައިގެން

ނިލަންދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާގެ މަޤާމަށް ވާދަކުރައްވާ އުއްމު ކުލްސޫމް އަދި އެކޮމިޓީގެ މެމްބަރު ކަމަށް ވާދަކުރާ ޠާހިރާ އިސްމާޢީލް --

ރާއްޖޭގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް އުފެދި ހަރަކާތްތެރިވާން ފެށިތާ އެތައް އަހަރެއް ވެފައި ވާއިރު، ނިލަންދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއަކީވެސް ކާމިޔާބު މަސައްކަތްތަކެއް ކުރި ކޮމިޓީއެކެވެ. އެހެން ނަމަވެސް ފާއިތުވި އަހަރުތަކުގައި ރަށްރަށުގައި އުފެދުނު ސިޔާސީ ޚިޔާލުތަފާތުވުންތަކާއި އެކު، އިޖުތިމާޢީ މަސައްކަތްތަކަށްވެސް އަސަރުކުރިއެވެ.

ކުރިޔަށް އޮތް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، ނިލަންދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއަށް، މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލި، އުއްމު ކުލްޘޫމް(އުއްމު) އާއި ޠާހިރާ އިސްމާއީލް އަކީ، ސިޔާސަތުތަކެއް ހިފައިގެން ނުކުތް ދެބެންނެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުކަމަށް ކުރިމަތިލި މިދެބެންގެ މައިގަނޑު އަމާޒަކީ، ސިޔާސީ ފިކުރަކަށް ނުބަލައި، ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކޮށް އަންހެނުންނަށް ދިމާވެފައި ހުރި މައްސަލަތަކަށް ޙައްލުހޯދައި ދިނުމެވެ.

މިގޮތުން ދެބެން ނިލަންދޫގެ އަންހެނުންގެ ތަރައްޤީއަށް ކޮންމެ އަހަރަކު ކުރުމަށް ހުށައަޅާފައިވާ މައިގަނޑު ކަންތައްތަކެއްވެސް އެބަހުއްޓެވެ.

އޭގެ ތެރޭގައި ހިމެނެނީ؛

1- ހަށިހެޔޮ ދުޅަހެޔޮ ޕްރޮގްރާމެއް ނުވަތަ ކުޅިވަރު މުބާރާތެއް ބޭއްވުން.

2- ވިޔަފާރި ނުވަތަ މަސައްކަތްތެރިކަން ދަސްކޮށްދޭ ކޯހެއް ނުވަތަ ޕްރޮގްރާމެއް ހިންގުން

3- ދަރިން ތަރުބިއްޔަތު ކުރުމާއި ގުޅޭ ސެޝަނެއް / ދީނީ ދަރުހެއް ބޭއްވުން.

4- ނިލަންދޫގެ އަންހެނުންނަށް ޚާއްޞަ އެވޯޑެއް ތަޢާރަފްކޮށް "ނިލަންދޫ ރެހެންދި"ގެ ނަމުގައި ހަފްލާއެއް ބޭއްވުން

އުއްމު ކުލްޘޫމް އާއި ޠާހިރާއަކީވެސް ނިލަންދޫގެ އިޖުތިމާޢީ މަސައްކަތްތަކުގައި މަސައްކަތް ކުރި ދެބެންނެވެ. ދޮންތަ އުއްމު ކުލްޘޫމް އާއި އެކު ޠާހިރާވެސް އެމަސައްކަތްތަކުގައި އެކުގައި ހަރަކާތްތެރިވާއިރު ދެބެންގެ އަމާޒަކީ، ނިލަންދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު ކާމިޔާބުކޮށް، ރައްޔިތުންނަށް ޚިދުމަތްކުރުމެވެ.

"އަޅުގަނޑަކީ، 2015 ވަނަ އަހަރުންފެށިގެން ރައްޔިތުންނަށް ޚިދުމަތްދޭ ވަޒީފާއެއް އަދާކުރަމުން އަންނަ މީހަކަށްވާތީ، ރައްޔިތުންނަށް ދިމާވާ ދަތިތަކާއި ކަންބޮޑުވުންތައް ވަރަށް ބޮޑަށް އިޙްސާސް ކުރެވޭ. އެހެންވެ މިހާރަށްވުރެ ބޮޑަށް، އަދި ރައްޔިތުންނާއި ގާތުން ޚިދުމަތްދޭން ބޭނުންވާތީ، އެހެންވެ މިހާރު ހުރި ވަޒީފާ ދޫކޮށްލާފައި ކުރިމަތިލީ." އުއްމު ކުލްޘޫމް ބުންޏެވެ.

އުއްމު ކުލްޘޫމް ބުނީ، އިންތިޚާބަށް ކުޑަ ދުވަސްކޮޅަކަށް ވެފައި ވާއިރު، ރައްޔިތުންގެ ފަރާތުން ވަރަށް އެއްބާރުލުމާއި ސަޕޯޓް ލިބޭ ކަމަށާއި ދެބެންނަށްވެސް އިންތިޚާބު ކާމިޔާބުވާނެ ކަމުގެ ޔަޤީންކަން އެބަ އޮތް ކަމަށެވެ.

"އަޅުގަނޑު ހަމަ މިކަމަށް ނުކުތީ ހަމަ ދޮންތަގެ ހިއްވަރުން. ދޮންތަޔަކީ ދެން ރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި އެންމެ ކުރިން ފެށިގެންވެސް އުޅޭ މީހެއް ވީމާ ދޮންތަޔާއެކު އިޖުތިމާއީ މިމައްސައްކަތަށް ނުކުތީ." ޠާހިރާ ބުންޏެވެ.

އުއްމު ކުލްޘޫމަކީ، ކޯވިޑް 19ގައި ވެސް ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ހިލޭ ސާބަހަށް މަސައްކަތް ކުރެއްވި ކަނބަލެކެވެ. އަދި އަންހެނުންގެ ކޮމިޓީން އިންތިޒާމްކުރި ބަށި މުބާރަތުގައި ހިލޭ ރެފްރީކަންވެސް ކޮށްދެއްވާފައިވެއެވެ. އަދި އެކި އެކި އިޖުތިމާޢީ ހަފްލާތަކަށް ކެއުންތައް ތައްޔާރުކޮށްދިނުމުގެ މަސައްކަތުގައިވެސް އުއްމު ހިލޭ ސާބަހަށް މަސައްކަތް ކުރައްވާފައިވެއެވެ.

އުއްމު ކުލްޘޫމް އާއި ޠާހިރާ އިސްމާޢީލާއި ދެބެންގެ އެދުމަކީވެސް ނިލަންދޫގެ ރައްޔިތުން މިފަހަރު އެދެބެންނަށް ފުރުޞަތު ދިނުމެވެ. ދެބެންވެސްދޭ ޔަޤީންކަމަކީ، ފުރުޞަތު ދީފިނަމަ ތަފާތު ފެންނާނެ ކަމުގެ ޔަޤީންކަމެވެ. އެކަމަށް ގޮތް ނިންމަން ތިބީ ނިލަންދޫގެ ރައްޔިތުންނެވެ.

އުއްމު ކުލްޘޫމް ނުކުތީ ކޮމެޓީގެ ރައީސް ކަމަށެވެ. ކެނޑިޑޭޓު ނަންބަރަކީ 1 އެވެ. ޠާހިރާ ނުކުތީ ކޮމެޓީގެ މެންބަރަކަށެވެ. ކެނޑިޑޭޓު ނަންބަރަކީ 10 އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް