Post banner
ރައްޔިތުން

ކަޅު ބާޒާރުގައި 4 މިލިއަން ޑޮލަރު މާރުކުރި ރިސޯޓު ޗެއިންގެ ނަން ހާމައެއް ނުކުރި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ކަޅު ބާޒާރުގައި 4 މިލިއަން ޑޮލަރު މާރުކުރި ރިސޯޓު ޗެއިންގެ ނަން ހާމައެއް ނުކުރި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނުސްވެރިންގެ ބައްދަލުވުން --- ފޮޓޯ: ރައްޔިތުންގެ ނޫސް

ކަޅު ބާޒާރުގައި ޖުމްލަ 4 މިލިއަން ޑޮލަރު މާރުކޮށް، ބޮޑެތި ރިސޯޓު ޗެއިނަކުން ކަޅު ބާޒާރުގައި ބައިވެރިވެފައިވާ ކަމަށް މިނިސްޓަރ އިހްސާން ވިދާޅުވި އިރު، އެ ރިސޯޓް ޗެއިންގެ ނަން ހާމަކުރަން މިނިސްޓަރ ދެކޮޅު ހަދައިފިއެވެ.

ރައްޔިތުންގެ ނޫހުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހްސާން ވިދާޅުވީ ނަންތައް ހާމަކުރުމަކީ ހުރިހާ ކަމަކަށް އޮތް ހައްލެއް ނޫންކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ އަމާޒަކީ ގިނަ ބަޔަކު ކުށްވެރިކޮށްގެން މީހުން ޖަލަށްލުން ނޫންކަމަށެވެ. އަދި ބޭނުންވަނީ މިފަދަ މުއާމަލާތް ހިނގާގޮތް މީހުންނަށް ކިޔައިދިނުމާއެކު، ގާނޫނާއި ގަވައިދުތަކާއި ހިލާފަށް އުޅޭ ފަރާތްތަކާ ދޭތެރޭ ފިޔަވަޅު އެޅުންކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ގާނޫނާއި ގަވައިދާ ހިލާފަށް އުޅޭ ފަރާތްތަކާއި މެދު ފިޔަވަޅުއަޅަމުންދާއިރުގައި ނަން ހާމަކުރަންޖެހޭ ހާލަތްތައް އައިމަ އެ ނަން ބަރާބަރަށް ހާމަކުރާނަން އަޅުގަނޑުމެން. އިނގޭތޯ. އެ ހާލަތައް އައިމަ ކުރާނަން. އެކަމަކު ކަމެއް ފެންނަ އިރަކަށް މީހުންގެ ނަން ހާމަކުރުމަކީ ހެދިފައި އޮތް އުސޫލެއް ނޫން. އުސޫލުގެ ތެރެއިން ހާމަކުރަން އިންނަ މިންގަނޑާ ހިސާބަށް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ހިސާބުން ނަން އަޅުގަނޑުމެން ހާމަކުރާނަން" މިނިސްޓަރ ވިދާޅުވިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނުސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ ވިދާޅުވީ ޑޮލަރުން އާމްދަނީ ލިބޭ ގިނަ ފަރާތްތަކެއް ކަޅު ބާޒާރުގައި ޑޮލަރު ދައުރުކުރާ އިރު، އެއީ ގާނޫނީ ކުށެއް ކަމަށާއި، އެކަމަކީ މަނީ ލޯންޑަރިން ކަމަށެވެ.

އެގޮތުން ކަޅު ބާޒާރުގައި 4 މިލިއަން ޑޮލަރު މާރުކުރި ރިސޯޓު ޗެއިންގެ އިތުރުން ހުއްދަނެތި 77 މިލިއަން ޑޮލަރު މާރުކުރި ހަތް ފަރާތެއްވެސް މިނިސްޓަރު ވަނީ ފާހަގަކޮށްފައެވެ.

އަދި އެމްއެމްއޭއިން ހުއްދަ ދީފައިވާ ތަންތަނުން ވެސް ލިބިފައިވާ ހުއްދައިގެ ބޭރުން ޑޮލަރު މާރުކޮށްފިނަމަ 5000ރ އާއި 1 މިލިއަން ރުފިޔާއާއި ދެމެދުގެ އަދަދަކަށް އެފަދަ ކޮންމެ މުއާމަލާތެއް ވަކި ވަކިން ޖޫރިމަނާކުރެވޭ ނިޒާމްތަކެއް ހުރިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

 

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް