Post banner
ރާއްޖެ

އެންމެ ފަޚްރުވެރި މަޤާމު އޮންނަން ވާނީ ދިވެހި ސިފައިންނަށް: ރައީސް

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އެންމެ ފަޚްރުވެރި މަޤާމު އޮންނަން ވާނީ ދިވެހި ސިފައިންނަށް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --- ފޮޓޯ: ރައީސް އޮފީސް

ދިވެހި ޤައުމު މިނިވަންކަމާއެކު މިއަދާހަމައަށް ގެނެސްދީފައި ވަނީ ދިވެހި ސިފައިންގެ ހިތްވަރާއި ޖިހާދުން ކަމަށާއި، ދިވެހި ޤައުމު ދެކެ ލޯބިވާ ކޮންމެ މީހެއްގެ ހިތުގައި އެންމެ ފަޚްރުވެރި މަޤާމު އޮންނަން ވާނީ ދިވެހި ސިފައިންނަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ކަޅުތުއްކަލާކޮށީގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިނިވަންކަމާއި ސިޔާދަތީ ރަތް ރޮނގު، ސަލާމަތްތެރިކަމާއެކީގައި ހިމާޔަތްކޮށްދީ، ދަމަހައްޓައިދެނީ އަމިއްލަ ނަފުސަށްވުރެ ޤައުމު އިސްކުރައްވައިގެން ސިފައިން ކުރައްވާ ބުރަ މަސައްކަތުން ކަމަށެވެ. އަދި ދިވެހި ސިފައިންނަށް ކޮށްދެއްވުމަށް ނިންމަވާފައިވާ ބައެއްކަންކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން، ބޯހިޔާވަހިކަމަކީ ދިވެހި ކޮންމެ ރައްޔިތެއްގެވެސް އަސާސީ އެއް ޙައްޤަކަށް ވާހިނދު، ދިވެހި ސިފައިންނަށްވެސް މި ޙައްޤު ފުރިހަމަވާންޖެހޭ ކަމަށާއި، ސަރުކާރުގެ ހައުސިންގް ސްކީމްތަކުގެ ތެރެއިން، އަސާސީ ބޯހިޔާވަހިކަން ލިބޭ ސިފައިންގެ ޢަދަދު އިތުރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

ހަމަމިއާއެކު، ސިފައިންގެ ޚިދުމަތުގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ޚިދުމަތް ކުރަމުންދާ ސިފައިންނަށް، އެއް ރޭންކުގައި ވަކި މުއްދަތެއް ވިއަސް، މިހާރު އޮތް ޤަވާއިދުގެ ތެރެއިން ލިމިޓޭޝަން ހަމަވާ ގޮތަށް އޮތް އޮތުން ބަދަލުކުރައްވައި، ސިފައިންގެ ޚިދުމަތުގައި ދެމި ހުރެވޭނެ ގޮތަށް ބަދަލުކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ސިފައިންގެ ކޮންމެ މީހެއްގެ ޢާއިލާ ދިރިއުޅޭ ސަރަޙައްދު ހިމެނޭ އޭރިއާ ކޮމާންޑެއްގައި ޑިއުޓީ އަދާކުރެވޭނެ ފުރުޞަތު ޤާއިމުކޮށްދެއްވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާ ބާއްވާފައި ވަނީ މިރޭގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް